ޕާކިސްތާނުގައި ނުވަ އަހަރުގެ އަންހެން ކުއްޖަކު ގޭންގަކުން ކިޑްނެޕް ކުރުމަށްފަހު އަނިޔާވެރިގޮތަކަށް އެ ކުއްޖާ ރޭޕް ކޮށްފި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.

ރަޝިޔާ ޓްޑޭ (އާރުޓީ) އިން ބުނީ މިދިޔަ އަންގާރަ ދުވަހު ހިނގި އެހާދިސާގައި އަންހެން ކުއްޖާއަށް ވަނީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ސީރިޔަސް އަނިޔާތަކެއް ލިބިފައި ކަމަށާއި އަދި އެކުއްޖާއަށް ދީފައިވާ ޖިންސީ އަނިޔާގެ ސަބަބުން އޭނާގެ ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ފައިބާފައި ވުމުން ހާލުދެރަ ކަމުން މިހާރު ދަނީ އޭނާއަށް ބަހަވަލްޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ދަ އެކްސްޕްރެސް ޓްރައިބިއުންގައި ރިޕޯޓް ކޮށްފައި ވާކަމަށެވެ.

އަންހެން ކުއްޖާގެ މަންމަ ޝައްކު ކުރެވޭ ހަތް މީހެއްގެ ނަން ފުލުހުންނަށް ކިޔައިދީފައި ވާއިރު އެކުއްޖާގެ މަންމަ ބުނެފައި ވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅަން އޭނާ ފަސްޖެހުނު ކަމަށެވެ. އެއީ އެކަން ކުރިމީހުން ވަނީ އޭނާ ކަމާބެހޭ އެއްވެސް ފަރާތަކަށް އެކަން ހުށަހަޅައިފި ނަމަ އޭނާ އާއި ދަރިފުޅު މަރާލާނެ ކަމުގެ އިންޒާރުދީ ބިރުދައްކާފައި ކަމަށެވެ.

ސްޓޭޝަން ހައުސް އޮފިސަރު އިރުޝާދު ޖޯއިޔާ އާ ހަވާލާދީ ދަ އެކްސްޕްރެސް ޓްރައިބިއުންގައި ބުނެފައިވަނީ ފުލުހުން ތުހުމަތު ކުރެވޭ އެންމެން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ކަމަށާއި އެހެން ނަމަވެސް ފަހުން އެނގުނު ގޮތުގައި އެމީހުންވަނީ ފިލައިގެން އަލިޕޫރު ވިލެޖަށް ގޮސްފައި ކަމަށެވެ.

ފުލުހުން ތައްޔާރު ކޮށްފައިވާ ފަސްޓް އިންފޯމް ރިޕޯޓް (އެފްއައިއާރު)ގައި ވާގޮތުން މަންޒޫރުއާބާދުގައި ހުންނަ އެ އެކުއްޖާގެ ގޭކައިރީގައި ހުއްޓާ ތިން އަންހެނުންނާއި ފިރިހެނަކުވެގެން ވަނީ އެކުއްޖާއަށް ތަޅައި އަނިޔާކުރުމަށްފަހު ކިޑްނެޕް ކޮށްގެން އެހެން ތަނަކަށް ގެންގޮސްފަ އެވެ. އަދި އެތަނުގައި ތިން ފިރިހެނުންގެ ގޭންގަކުން ވަނީ އަނިޔާވެރި ގޮތަކަށް އެ ކުޑަކުއްޖާގެ ޢިފަތް ފޭރިގަނެ ރޭޕްކޮށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އަނބުރާ ގެނެސް އެކުއްޖާގެ ގޭގެ ކައިރިއަށް އެއްލައިލާފަ އެވެ.

އަންހެންކުއްޖާގެ މަންމަ ބުނީ އޭނާއަށް އެކުއްޖާގެ ލެޔާ ތަތްތެޅިފައި އޮތް ހަށުގަނޑު ފެނުނީ ގޭގެ ކައިރިން ކަމަށާއި ދެން އޭނާ އެކުއްޖާގެ ޓެސްޓުތައް ހެދުމަށާއި ފަރުވާ ދިނުމަށްޓަކައި ޝެއިހު ޒިޔާދު ހޮސްޕިޓަލަށް ގެންދިޔައީ ކަމަށެވެ.

ޕާކިސްތާނުގެ ދެކުނު ސިންދު ޕްރޮވިންސްގައި ވަނީ ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ ކުރީކޮޅުގައި ހަ އަހަރުގެ ހިންދޫ އަންހެން ކުއްޖަކުވެސް އެގޮތަށް ގޭންގު ހަދައިގެން ރޭޕްކޮށްފަ އެވެ. އަދި އިންޑިޔާގައި 23 އަހަރުގެ މެޑިކަލް ސްޓޫޑެންޓަކު ހަމީހުންގެ ގޭންގަކުން އަނިޔާވެރި ގޮތަކަށް ރޭޕްކޮށްގެން ހިންގި ލާއިންސާނީ ހާދިސާއާ ގުޅިގެން އެކުއްޖާވަނީފަރުވާ ދެމުން ދަނިކޮށް ސިންގަޕީރުގައި މަރުވެފަ އެވެ. އެ ހާދިސާއާގުޅިގެން އިންޑިޔާގައި އަދިވެސް ބޮޑެތި މުޒާހަރާތަށް ހިނގަމުން އެބަ ދެއެވެ.