ދެ މަހުގެ ޗުއްޓީއަކަށް ފަހު ރައްޔިތުންގެ މަޖިލިސް މާޗް މަހުގައި ހުޅުވޭއިރު، ގުޅޭނެ ޕާޓީއަކީ ކޮބައިކަން އެނގިގެންދާނެ ކަމަށް ޑީއާރްޕީން ވަކިވެވަޑައިގެންފައިވާ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓްތައް ސިއްރު ކުރުމަށް ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުން ވޯޓް ދިން މައްސަލާގައި އެ ޕާޓީން ވަކިވެވަޑައިގެންނެވި މުހައްމަދު ހުސައިން މިއަދު ވިދާޅުވީ "އަދި ހުރީ މިނިވަނެއްގެ ގޮތުގައި" ކަމަށާއި ނަމަވެސް މަޖިލިސް ހުޅުވޭއިރު "ޕާޓީ ކަށަވަރުވާނެ" ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އިތުރު އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށް މުހައްމަދު ހުސައިން ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫންގެ އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެމަނިކުފާނުގެ ހާއްސަ މުޝީރަކަށް ހުންނެވި މުހައްމަދު ހުސައިން ޕާޓީއަކާ ގުޅޭނެ ކަމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއިރު، މިދިޔަ މަހު މައުމޫން ވިދާޅުވެފައި ވަނީ ޕީޕީއެމްގައި ހިމެނިވަޑައި ނުގަންނަވާ އިތުރު މަޖިލިސް މެމްބަރުންތަކެއް ޕީޕީއެމް އަށް ސޮއި ކުރައްވާނެ ކަމަށެވެ.

މަޖިލީހުގެ ޗުއްޓީގެ ދުވަސްތަކާ ދިމާކޮށް މެންބަރުން ޕާޓީ ބަދަލު ކުރުމަކީ އާންމު ކަމެކެވެ. ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމާއި އަލްހާން ފަހުމީ އާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) ވެސް ޕާޓީ ބަދަލު ކުރެއްވީ މަޖިލިސް ޗުއްޓީގަ އެވެ.