06 Jan 2013, 13:24
ތުއްތު ކުއްޖަކާ މެދު އެކުއްޖާގެ މަންމަ އިހުމާލުވި މައްސަލައެއް ފުލުހުންނަށް ހުށަހެޅިތާ ގިނަ ދުވަސްތަކެއް ވެގެންދިޔައިރު އެ މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ނުވާތީ އެ ކުއްޖާގެ ބައްޕަ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަންއަށް މައުލޫމާތު ދެމުން ކ. ދިއްފުށީ ހެލެނބެލިގޭ އަހުމަދު ފަޒީލް މިއަދު ބުނީ އޭނާގެ އަންހެންނުންނާ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހަތް މަހުގެ ތުއްތު އަންހެން ދަރިފުޅުގޮވައިގެން އަންހެނުން އެހެން ގެއަކަށް ބަދަލުވި ކަމަށެވެ. އަދި މާޗް މަހުގެ ހަތް ވަނަ ދުވަހުގެ ވަގުތެއްގައި ދަރިފުޅު އެކަނި ކޮޓަރީގައި ނިންދަވާފައި ބޭއްވުމަށް ފަހު ދަރިފުޅުގެ މަންމަ ބޭރުގައި ހުއްޓާ ކޮޓަރީގައި ހުރި ފަންކާގައި ކަރަންޓް ޝޯޓެއްވެ ކުއްޖާގެ ގައިގައި ކަރަންޓްޖެހި ގައިގެ އެއްފަޅި ފިހިފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ތުއްތު ދަރިފުޅުގެ މޫނުގެ އެއްފަރާތާއި ކަންފަތް ވަރަށް ބޮޑަށް ފިހިފައިވާއިރު ކަނައަތުގެ އެއްވެސް އިނގިއްޔެެއް ނެތްކަމަށެވެ. އަދި އެމައްސަލަ ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް ހުށެޅުމުން އެ މައްސަލައިގައި ތަހުގީގަށް ނަގަންޖެހޭ ބަޔާންތައް ވެސް މިހާރު ނަގާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރަން ޕީޖީ އޮފީހަށް މިހާތަނަށް ފޮނުވާފައި ނުވާކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑު އެ މައްސަލަ ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުމުން ތަހުގީގަށް ނަގަންޖެހޭ ބަޔާންތައް ވަނީ ނަގާފަ. ނަމަވެސް އަދި މިހާތަނަށް ފުލުހުން އެ މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިނުވޭ،" އޭނާ ބުންޏެވެ.
އެ މައްސަލައިގައި ފުލުހުންގެ ބަހެއް ލިބޭގޮތެއްނުވި އެވެ.