ވުލްވަހެމްޕްޓަން ވޮންޑަރާސް (ވުލްވްސް) ގެ ކޯޗު ސްޓޭލް ސޮލްބަކަން 44، ކޯޗުކަމާ ހަވާލުވިތާ ހަ މަސް ދުވަސް ފަހުން އެޓީމުގެ ކޯޗުކަމުން ވަކިކޮށްފި އެވެ.

ވުލްވްސްގެ ނޯވޭޖިއަން ކޯޗު މަގާމުން ވަކިކޮށްފައި ވަނީ އިނގިރޭސި އެފްއޭކަޕުގެ ތިންވަނަ ބުރުގައި ލިޔުޓަން ޓައުން އަތުން އެކެއް ސުމަކުން އެޓީމު ރޭ ބަލިވުމާއި ގުޅިގެން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

އެޓީމުގެ ކުރީގެ ކޯޗު ޓެރީ ކޮނާ ހުސްވި އަހަރުގެ ޖުލައި މަހު ކޯޗުކަމުން ވަކިކުރުމަށްފަހު ބަދަލުގައި ގެނައި ސޮލްބަކެން އަށް އޭނާ ޓީމާ ހަވާލުވިފަހުން މާބޮޑު ކުރިއެރުމެއް ހޯދާ ދެވިފައެއް ނުވެ އެވެ. އެގޮތުން އެ ޓީމު މިހާރު ވެސް އޮތީ ޗެމްޕިއަންޝިޕުގެ 18 ވަނައިގަ އެވެ.

އިނގިރޭސި ޗެމްޕިއަންޝިޕުގައި މިހާތަނަށް 26 މެޗުކުޅެގެން އެޓީމު އޮތީ 31 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައިގަ އެވެ. އެހެން ކަމުން އެޓީމަށް ވަނީ 24 ޓީމް ވާދަކުރާ މުބާރާތުން ރެލިގޭޓް ވުމުގެ ބިރާ ވެސް ކުރިމަތިލާން ޖެހިފަ އެވެ.

އާ ކޯޗަކު ޓީމަށް ހަމަޖެހެންދެން ސީނިއާޓީމާ ވަގުތީ ގޮތުން ހަވާލުވެ ހުންނާނީ އެ ޓީމުގެ ހެޑް އޮފް ފޫޓްބޯލް ޑެވެލޮޕްމެންޓް އެންޑް ރެކްރޫޓްމެންޓް ކެވިން ތެލްވެލް އެވެ. ރިޕޯޓުތައް ބުނާގޮތުން އެ ޓީމުގެ ކޯޗުކަމަށް ދެން ގެންނާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ ޑޮންކާސްޓާ ރޯވާސްގެ ކޯޗު ޑީން ނިކޮލަސް ސައުންޑާސް 48، އެވެ.