06 Jan 2013, 13:18
ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ފަށާއިރު އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގައި ކިޔަވައި ދެވޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން މިއަދު ބުނެފި އެވެ.
ސަން އޮންލައިން އަަށް ދެއްވި އިންޓަވިއު އެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ ވިދާޅުވީ މި ހަފްތާ ތެރޭގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ހުރިހައި މަސައްކަތް ތަކެއް ނިމޭނެ ކަމަށާއި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ކިޔެވުން ފަށާއިރު އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދޭނީ އެ ސްކޫލްގެ އާ އިމާރާތުގައި ކަމަށެވެ.
"އަޅުގަނޑުމެން އަރަބިއްޔާ ސްކޫލްގައި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެހެން ސްކޫލް ތަކަށް ޔޫނިފޯމް އަޅައިގެންދާ ގޮތަށް އަޅުގަނޑުމެންގެ ދަރިވަރުން ވެސް އަރަބިއްޔާ ދަރިވަރުން ހަމަ އެދުވަހު ޔުނިފޯމް އަޅައިގެން ހަމަ އަރަބިއްޔާގެ އާ އިމާރާތަށް ޗާންދަނީ މަގުގައި ހުރި އަރަބިއްޔާގެ އާ އިމާރާާތަށް ކިޔަވަން ވަންނާނެ،" އައިމިނަތު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް މި ހަފްތާ ތެރޭގައި ނިންމާ ލެވޭނެ ކަމުގެ ފުރިހަ ޔަގީންކަން ކޮންޓްރެކްޓަރު ދީފައިވާ ކަމަށާއި އެހެން ކަމުން މި ހަފްތާ ތެރޭގައި ތަކެތި ބަދަލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އަދި ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގައި ކިޔަވައި ދޭން ފަށާ އިރު އެ ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާނެ ހުރިހައި ހިދުމަތް ތަކެއް ފުރިހަމަ ވެފައި ހުންނާނެ ކަމަށެވެ. އަދި ސްކޫލް ތަކުގެ ކިޔެވުން ފަށާއިރު އަރަބިއްޔާ ސްކޫލްގެ ހުރިހައި ޓީޗަރުން ވެސް ހަމަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މި ދަންނަވަނީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގައި ކިޔަވައި ދޭން ފަށާއިރު ސްކޫލްގެ ހުރިހައި ހިދުމަތް ތަކެއް ފުރިހަމަ އަށް ހުންނާނެ. ޓީޗަރުން ވެސް ހަމައަށް ތިބޭނެ. އަލަށް އަންނަ ޓީޗަރުން ވެސް އެބަ އާދޭ. ޓީޗަރުންގެ އެއްވެސް މައްސަލަ އެއް ނޫޅޭނެ،" އައިމިނަތު ވިދާޅުވި އެވެ.
މި ސަރުކާރުގެ ތައުލީމީ ނިޒާމުގައި އަރަބިއްޔާ ސްކޫލަކީ ވަރަށް ހާއްސަ ސަމާލު ކަމެއް ދެމުންދާ ސްކޫލެއް ކަމަށާއި އޭގެ މައިގަޑު ސަބަބަކީ އަރަބިއްޔާ ސްކޫލްގައި ދެމުންދާ ފަދަ ތައުލީމެއް ރާއްޖޭގެ އެހެން ސްކޫލެއްގައި ދެމުން ނުދާތީ ކަމަށެވެ.
ނިމިގެން ދިޔަ އަހަރު އަރަބީއްޔާ ސްކޫލްގެ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން ގެންގޮސްފައި ވަނީ ކުރީގެ އެމްއީއެސް ހިންގަމުން ދިޔަ އިމާރާތުގަ އެވެ. އެ ސްކޫލްގެ ދަރިވަރުން ކުރީގެ އެމްއީސް ހިންގަމުން ގެންދިޔަ އިމަރާތަށް ބަދަލު ކުރަން ޖެހުނީ އެ ސްކޫލްގެ ދަރިވަރުން ކިޔަވަމުން ދިޔަ އިމާރާތް ބާވެ އެތަން ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުންނެވެ.
އަރަބީއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފަށާފައި ވަނީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ.