06 Jan 2013, 13:17
މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުލަބް އީގަލްސްގެ ފަރިތަކުރުންތައް މިއަދު ހަވީރު ޓާފް އެންނަންބަރު ދަނޑުގައި ފެށުމަށް އެ ކުލަބުން ނިންމައިފި އެވެ.
އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒު ހާޝިމް (މުފާ) ވިދާޅުވީ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޓީމްގެ ފަރިތަކުރުންތައް މިއަދު ފެށުމަށް ހަމަޖެހިފައި ވަނީ 28 ކުޅުންތެރިންގެ ސްކޮޑަކާއެކު ކަމަށެވެ. އަދި ހުސްވި ސީޒަންގައި ޓީމަށް އިރުޝާދު ދިން ކޯޗް އިހުސާން އަބުދުލްޣަނީ (ސާންތީ) ޓީމުގެ ކޯޗް ކަމުން ވަކިވުމުން، ޓީމުގެ ފަރިތަކުރުންތައް މިއަދު ފަށާނީ އެސިސްޓެންޓް ކޯޗް އަހުމަދު ނިމާދު (ނިމާ)ގެ އިރުޝާދުގެ ދަށުން ކަމަށް ވެސް މުފާ ވިދާޅުވި އެވެ.
އީގަލްސްގެ ހެޑް ކޯޗް ކަމުން ސާތީ ވަކިވީ، އޭއެފްސީ 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ވާދަކުރާ ދިވެހި ރާއްޖޭގެ ގައުމީ ޓީމާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް ކަމާ ދާދި ފަހުން ހަވާލު ވުމާއި ގުޅިގެންނެވެ.
މުފާ ވިދާޅުވީ، އާ ސީޒަނަކާ ކުރިމަތި ލާއިރު ޓީމުގައި މި ވަގުތު ތިބި ސްކޮޑާ މެދު ހިތް ހަމަޖެހޭ ކަމަށާއި އެހެން ނަމަ ވެސް ކުލަބުގައި ހެޑް ކޯޗެއް ނެތުމުން ހެޑް ކޯޗެއް ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުލަބުން އަންނަނީ ކުރަމުން ކަމަށެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނާ އީގަލްސްއިން ކުރިމަތިލާއިރު، އެޓީމް ވަނީ މިދިޔަ ސީޒަންގައި އެންމެ ވަރުގަދައް އެއް ޓީމް ކަމަށްވާ ނިއުރޭޑިއަންޓް ބަލިކޮށްފަ އެވެ. އެހެން ކަމުން އީގަލްސް ވެފައި ވަނީ ހުސްވި ސީޒަންގައި ނިއު ބަލކުރި ހަމައެކަނި ޓީމަށް ވެފަ އެވެ.
މިދިޔަ ސީޒަންގެ އެފްއޭކަޕް ފައިނަލުގައި ވެސް އީގަލްސް ކުޅުނުއިރު، އެންމެ ފަހުގެ ދިރާގް ދިވެހި ލީގް ވެސް އެޓީމުން ނިންމާލީ ފަސް ވަނަ ޓީމުގެ ގޮތުގައި އޮވެއެވެ.