ބަނޑުގައި އޮތް ދަރިފުޅުގެ ކަރުގައި ފޫޅުދަނޑި އޮޅި ދަރިފުޅު ބަނޑަށް މަރުވުމަށްފަހު، ދަރިފުޅު ވިއްސުމުގެ ތެރޭގައި އަންހެން މީހާގެ ރަހިމަށް ލިބުނު ގެއްލުންތަކެއްގެ ސަބަބުން ރަހިމް ނަގަން ޖެހުނު މައްސަލައިގައި އިހުމާލެއް އޮތްތޯ އައިޖީއެމްއެޗުން ބަލަން ފަށައިފި އެވެ.

އައިޖީއެމްއެޗުގައި މިދިޔަ ހުކުރު ދުވަހު އެޑްމިޓްކުރި އުމުރުން 24 އަހަރުގެ އެ އަންހެން މީހާގެ އާއިލާގެ ފަރާތުން ސަންއޮންލައިނާ ވާހަކަދެއްކި މީހާ ބުނީ އަންހެން މީހާގެ ބަނޑުގައި އޮތް ދަރިފުޅުގެ ކަރުގައި ފޫޅުދަނޑި އޮޅިފައިވާ ކަމަށް ދ. ބަނޑިދޫ ސިއްހީ މަރުކަޒުން ބުނުމުން ދ. ކުޑަހުވަދޫއަށް އަށް ދެއްކުމުންވެސް ޑޮކްޓަރު ދިނީ އެ ޖަވާބު ކަމަށެވެ.

އޭނާ ބުނީ އެމީހުން މާލެ އައިސް ދައްކަމުން ގެންދިޔައީ އިމްޕީރިއަލްގައި އިންނަވާ އަންހެނުންގެ ހާއްސަ ޑޮކްޓަރު މީތާއަށް ކަމަށާއި ބަނޑުގައި ރިއްސަން ފެށުމާ އެކު ހޮސްޕިޓަލަށް ގޮސް "ސިޒޭރިއަން" ހަދައިދިނުމަށް ހޮސްޕިޓަލުގައި އެދުމަށް ޑރ. މީތާ ވެސް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ބަނޑުގައި ރިހެން ފެށުމުން ހުކުރު ދުވަހު ހަވީރު އައިޖީއެމްއެޗަށް ގޮސް ސިޒޭރިއަންއަކަށް އެދުމުން، ދަރިފުޅުގެ ކަރުގައި ފޫޅުދަނޑި އޮޅިފައި އޮތް ނަމަވެސް އާއްމު އޫސޫލެއްގެ ގޮތުން ވިހާތޯ ބަލަނީއޭ ކިޔާފައި ބޭއްވީ ކަމަށާއި އެޑްމިޓްކުރިތާ 12 ގަޑިއިރުގެ ތެރޭގައި ދަރިފުޅު ބަނޑަށް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ހުކުރު ދުވަހު ހަވީރު އައިޖީއެމްއެޗަށް ގޮސް ދެމަފިރިން ވެސް ވަރަށް ބޮޑަށް ރިކުއެސްޓް ކުރި ސިޖޭރިއަންއަކަށް ޕޯސްްޓްކޮށްދޭށޭ، އޭރު އިމަޖެންސީ ރޫމްގައި ހުރި ޑޮކްޓަރު ވިދާޅުވީ ތިމަންނާމެން ޕްރޮޓޮކޯލް އިންނަ ގޮތުން ފުރަތަމަ ބަލަނީ ވިހާތޯއޭ، ދަރިފުޅުގެ ހާޓް ބީޓް އެރޭ 1:15 ގައި ބެލިއިރު ވެސް އޯކޭ ކަމަށް ބުނީ، ދެން އެމީހުން ދާން ފެށީމައި އާއިލާގެ ފަރާތުން އެދުނު ކޮންމެ 15 މިނެޓަކުން ނަމަވެސް ހާޓް ބީޓް ބަލައިދިނުމަށް، ނަމަވެސް އެމީހުން ބުނީ ކުއްޖާގެ ހާޓް ބީޓް ބަލަނީ ކޮންމެ ދެ ގަޑިއިރަކުންނޭ، އެއަށްފަހު އެމީހުން 3:15 އޭހާކަންހާއިރު އައިސް ކުއްޖާގެ ހާޓް ބީޓާއި ބީޕީ ޗެކްކުރިއިރު ކުއްޖާގެ އެއްވެސް މޫވްމަންޓެއް އަދި ހާޓް ބީޓް ނެތުމުން އަވަސްކޮށްލާފައި ލޭބާ ރޫމަށް ސިފްޓްކުރުމަށްފަހު ވެސް ހާޓް ބީޓް ބެލިއިރު ހާޓް ބީޓް ނުލިބިގެން، ސްކޭނެެއް ހަދަން އަންގައިގެން ސްކޭން ހެދި އިރު 5:00 ވެއްޖެ. އޭރު ދަރިފުޅު އޮތީ ބަނޑަށް މަރުވެފައި،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

އާއިލާއިން ވާހަކަދެއްކި މީހާ ބުނީ އައިޖީއެމްއެޗަށް ވިހަން ދިޔަ އަންހެން މީހާއާ އޭނާގެ ފިރިމީހާގެ ތިން އަހަރުގެ އަންހެން ދަރިފުޅަކު އެބަހުރި ކަމަށާއި އެކުއްޖާވެސް ވިއްސާފައިވަނީ ސިޒޭރިއަން ހަދައިގެން ކަމަށެވެ.

"ސިޒޭރިއަނެއް ހަދާފައި ހުރި މީހެއް ވީމައި އަސްލު އޭހާ ވަރަށް އާއިލާއިން ބޭނުންވީ ސިޒޭރިއަނެއް ހަދަން،" އެމީހާ ބުންޏެވެ.

ދަރިފުޅު ބަނޑަށް މަރުވުމަށްފަހު އައިޖީއެމްއެޗްގެ ޑޮކްޓަރުން ލަފާއާ އެކު ނޯމަލް ޑިލިވަރީއަކުން ވިހެވުމަށް ވޯޑަށް ބަދަލުކޮށްފައިވަނިކޮށް، އިއްޔެ އިރުއޮއްސުނުތަނާ ސިޒޭރިއަނެއް ހަދައިގެން ދަރިފުޅު ނެގުމަށް ހޮސްޕިޓަލުން މަސައްކަތްކުރި ކަމަށް ވެސް އާއިލާއިން ބުންޏެވެ.

"ދަރިފުޅު ބަނޑުގައި މަރުވެފައި އޮތީ، ދެން ނޯމަލް ޑެލިވަރީއަކުން ނޯމަލް ލޭބާ ޕެއިންސްގައި ވިހެއުން ކަމަށް ރަނގަޅުވާނީ، ޑޮކްޓަރުން ވިދާޅުވުމާ ގުޅިގެން ޕޭޝަންޓް އެގޮތަށް ރެޑީކޮށްފައި ބާއްވާފައި އޮތީ، އޮއްވާ ރޭ އިރުއޮއްސުނު އިރު ފެނުނީ ތިއޭޓަރަށް ޕޭޝަންޓް ގެންދަަން ނަރުހުން އައިސް ރެޑީ ކުރާތަން، ދެން ކީއްވެގެން ހޭ ބުނީމަ ބުނީ މިހާރު ތިއޭޓަރުގައި ޑޮކްޓަރު އެބަހުރިއޭ އެހެންވެ ސިޒޭރިއަން ހަދަންވެގެންނޭ، ކުރިން އާދޭސްކޮށްގެން ވެސް ސިޒޭރިއަނަށް ނުގެން ގޮސްފައި، ދަރިފުޅު މަރުވެފައި އޮތީމަ ޕޭޝަންޓަށް ވެސް ރަނގަޅުވާނީ ނޯމަލް ޑެލިވަރީއެކޭ ޑޮކްޓަރުން ބުނެފައި އޮއްވާ، ދަރިފުޅު މަރުވުމުން ސިޒޭރިއަން ހަދަން ގެންދަން އާއިލާއިން ބޭނުން ނުވެގެން ބޭއްވީ،" އާއިލާގެ މީހާ ކިޔާދިނެވެ.

ބަނޑުގައި މަރުވެފައި އޮތް އެދަރިފުޅު ވިއްސީ ނޯމަލް ޑެލިވަރީއެއްގައި ރޭ 3:30 އެހާކަންހާއިރު ކަމަށާއި ވިއްސުމަށްފަހު އިންޓާނަލް ބްލީޑިންއެއް ހުރި ކަމަށް ބުނެ އޮޕަރޭޝަނެއް ކުރުމަށް ތިއޭޓަރަށް ބަދަލުކުރީ ކަމަށް އޭނާ ބުންޏެވެ. އަދި އަންހެން މީހާގެ ގަޔަށް ހަތަރު ޕައިންޓް ލޭއެޅުމަށްފަހު ވިހެވުމުގެ ތެރޭގައި ރަހިމު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އާއި ލޭއައުން ނުހުއްޓުވޭތީވެ ޕޭޝަންޓް ސަލާމަތްކުރެވޭނީ ރަހިމް ނަގައިގެން ކަމަށް އައިޖީއެމްއެޗުން ބުނުމުން މިއަދު ރަހިމް ނަގާފައިވާ ކަމަށް ވެސް އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

"ވިހެވުމުގެ ތެރޭގައި ރަހިމްގެ ވަރަށް ބައިވަރުތަންތަނުން އިރައިގެން ގޮސްފައިވާ ކަމަށް ލޭބާ ރޫމްއިން ބުނީ، ދެން ބުނީ ލޭއަންނަތަނެއް ނޭނގެއޭ ތިމަންނަމެންނަކަށް، އެެހެންވެ ޖެހޭނީ ރަހިމް ނަގަންށޭ، ޕޭޝަންޓް ސަލާމަތް ކުރެވެނީ ރަހިމް ނަގައިގެންނޭ، އެހެންވެ އެގޮތަށް އާއިލާއިން ވެސް ބޭނުންވީ، އެހެންވެ ރަހިމް ނެގީ، އަންހެން މީހާގެ ހާލު މިހާރު ރަނގަޅު" އޭނާ ބުންޏެވެ.

އައިޖީއެމްއެޗަށް ވިހަން ދިޔަ އަންހެން މީހާ ވިއްސުމުގައި އައިޖީއެމްއެޗުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބުނެ އާއިލާގެ ފަރާތުން ވަނީ އެކަންތައްތައް ހިނގާދިޔަ ގޮތް ބަލައިދިނުމަށް އެދި އައިޖީއެމްއެޗުގައި އެދިފަ އެވެ.

އައިޖީއެމްއެޗްގެ ސީއޯއޯ ޑރ. އިސްމާއިލް ޝަފީއު މިއަދު ސަންއޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭ ދަންވަރު އައިޖީއެމްއެޗްގައި ވިއްސި އަންހެނަކު ވިހެވުމުގެ ތެރޭގައި ދަރިފުޅު މަރުވި މައްސަލައަކާ އަންހެން މީހާގެ ރަހިމު ނަގަންޖެހުނު މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ސީދާ އެކަންތައް ދިމާވި ގޮތެއް ކިޔާދެއްވަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

"އެފަދަ ކަމެއް ހިނގައިގެން އެބައުޅޭ، އެމައްސަލަ ބަލަމުން މިގެންދަނީ، އައިޖީއެމްއެޗްގެ ވަރަށް ގިނަ މައްސަލަތަކެއް އެބައުޅޭ، އޭގަ ތެރޭގައި އެބައުޅޭ ސްޓާފުންގެ އިހުމާލުވުންތަކެއް ވެސް އެހުރިހާ ކަމެއް ވެސް މިގެންދަނީ ބަލަމުން،" ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި ރޭ ވިއްސި މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވުމުގެ އިތުރުން ވިހެވުމުގެ ތޭރޭގައި އަންހެން މީހާގެ ރަހިމް ނަގަން ޖެހުނު މައްސަލައެއް ކުރިމަތިވެފައިވާއިރު މިދިޔަ ހަފްތާގައި އައިޖީއެމްއެޗުގައި އިމަޖެންސީކޮށް ބަނޑަށް ފަސް މަހުގައި ވިއްސި އަންހެނެއްގެ ދަރިފުޅު މަރުނުވަނީސް މަރުވި ކަމަށް ބުނެ އެކުއްޖާ އާސަރާއަށް ގެންދިޔަ ފަހުން މަރުނުވާކަން އެނގިގެން އައިޖީއެމްއެޗަށް ގެންދިޔަ މައްސަލައެއް ވެސް އެހޮސްޕިޓަލުން ބަލަމުން އަންނައިރު، އެމައްސަލަ ފުލުހުން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ. ފަސްމަހުގައި ވިއްސި އެކުއްޖާ މަރުވެފައި ވަނީ އާސަހަރާއިން އައިޖީއެމްއެޗަށް ބަދަލުކޮށް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.