މޯލްޑިވުސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ(އެމްޓީސީސީ) އިން ދޭ ފެރީ އާއި ބަހުގެ ހިދުމަތްތަކުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ނަގާނެކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓް އެކްޒެކެޓިވް އިސްމާއިލް ފާރިގް މިއަދު ސަން އޮންލައިނަށް ވިދާޅުވީ ޖީއެސްޓީ ގާނޫނުގެ ދަށުން މީރާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުއްޏެއްގެ ހައިސިއްޔަތުން އެމްޓިސީސީ އިން ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓި ނެގުން ލާޒިމްކޮށްފައިވާތީ އެމްޓީސީސީ އިން ދޭ ހިދުމަތްތަކުގެ ތެރެއިން ފެރީ އާއި ބަހުގެ ހިދުމަތްތަކުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ނަގޭނެ ކަމަށެވެ.

"އެއްވެސް ގޮތަކަށް އަޅުގަނޑުމެންގެ ހިދުމަތްތަށް އަގުބޮޑުކުރީކީ ނޫން، އަޅުގަނޑުމެން ހިދުމަތްދޭ އަގަށް އިތުރު ޖީއެސްޓީގެ ހަ ޕަސެންޓް މިއިތުރުކުރީ، އެގޮތުން ހުޅުމާލެއާ، ވިލިގިއްޔާ، ގުޅީފަޅާ، ތިލަފުށީ ފެރީގެ އިތުރުން ޕްރޮވިންސް ފެރީތަކުންނާއި ހުޅުމާލޭގެ ބަސް ދަތުރުންވެސް ޖީއެސްޓީ ނަގާނެ،" ފާރިގް ވިދާޅުވި އެވެ.

އެމްޓިސީސީ އިންދޭ ދަތުރުފަތުރުގެ ހިދުމަތްތަކަކުން ޖީއެސްޓީ ނަގަން ފަށާއިރު މިހާރު އެކުންފުނިންދޭ އެކްސްޕްރެސްގެ ހިދުމަތުންނާއި ޕާކިން ހިދުމަތުގެ އިތުރުން ކާގޯ ފެރީ ގެ ހިދުމަތުން ދަނީ ޖީއެސްޓީ ނަގަމުންނެވެ.

އެކުންފުނިން ދޭ ހިދުމަތްތަކުގެ ތެރެއިން މިމަހުގެ 15 ފަހުން ވިލިގިލީގެ ފެރީގެ ހިދުމަތަށް ޖީއެސްޓީއާއެކު ނަގާނީ 3.18ރ. އެވެ. އަދި ހުޅުމާލޭ ފެރީގެ ހިދުމަތުން 5.30ރ. ނަގާއިރު ޕްރޮވެންސް ފެރީ ތަކުގެތެރެއިން އަތޮޅުތެރޭ އެއްރަށުން އަނެއް ރަށަށް ދާ ފެރީތަކުން ނަގާނީ 21.2ރ. އެވެ. އަދި އެފެރީތަކުން މާލެއަށް އަންނަނަމަ ނަގާނީ 53ރ. އެވެ. އަދި ހުޅުމާލޭ ބަހުން ނަގާނީ 2.12ރ. އެވެ.

ފާރިގު ވިދާޅުވީ ޖީއެސްޓީ ނަގަން ފެށުމުން ވަކިލާރީގެ މައްސަލައެއް އެ ކުންފުންޏަށް ދިމާނުވާނެ ކަމަށާއި އެ ކުންފުނި އެ ކަމަށް ތައްޔާރުވެފައިވާ ކަމަށެވެ. މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނަގަން ފެށީ 2011 ވަނަ އަހަރު އެވެ. ޖީއެސްޓީ ރޭޓް ހަ ޕަސެންޓަށް ބޮޑުކުރީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.