ނ. މާފަރު ރައްޔިތުން އެ ރަށުގައި ކުރިޔަށް ގެންދާ އެއާޕޯޓު މުޒާހަރާގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވީ އެންމެ އަވަހަކަށް އެ ރަށަށް ވަފުދެއް ފޮނުއްވުމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ސަރުކާރަށް ގޮވާލައްވައިފި އެވެ. ސިޔާމް މި ކަމަށް ގޮވައިލެއްވީ އެމްޑީއޭގެ ފަރާތުން މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ މެންދުރުފަހު މާފަރަށް ވަޑައިގެން އިހުތިޖާޖުގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ސިޔާމްގެ ވާހަކަފުޅުގައި ވިދާޅުވިގޮތުގައި ސަރުކާރުން ވަނީ މާފަރުގެ އެއާޕޯޓު އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި އަލުން ބިޑަށް ހުޅުވައިލާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އޭނާ އަކީ ވެސް ނ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ކަމަށް އިޝާރާތް ކުރައްވަމުން ސިޔާމް ވިދާޅުވީ މާފަރު އެއާޕޯޓުގެ މައްސަލަ އަކީ އެތައް އަހަރެއް ވެފައިވާ މައްސަލަ އެއް ކަމަށާއި ނިމިގެން ދިޔަ ދެ ސަރުކާރުން މިކަމަށް ދޭން ޖެހޭ ސަމާލުކަން ދީފައި ނުވާ ކަމަށެވެ.

"އެހެން ކަމުން މިއަދު އަޅުގަނޑު މި ދަންނަވަނީ މާފަރުގައި އެއާޕޯޓު ނާޅައި ވަކި އެހެން ރަށެއްގައި ވެސް އެއާޕޯޓެއް ނޭޅޭނޭ. މާފަރަކުން މި އެއާޕޯޓެއް ނުގެންދެވޭނޭ. އިރާދަކުރެއްވިއްޔާ މި އަހަރު ނުވަތަ ކުރިޔަށް އޮތް އަހަރުގެ ތެރޭގައި މި އެއާޕޯޓު އެޅޭނެ." ސިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން ސިޔާމް ވަނީ މި އެއާޕޯޓުގެ މައްސަލަ ހައްލުވަންދެން ރައްޔިތުން އެކަމަށް ޓަކައި ހުއްޓުމެއް ނެތި ހިތްވަރާ އެކު މަސައްކަތް ކުރުމަށް ގޮވައިލައްވައިފަ އެވެ.

އިހުތިޖާޖުގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މި އަތޮޅު ކުޑަފަރީ އަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު ވަނީ މާފަރުގެ ރައްޔިތުން ކުރިޔަށް މި ގެންދާ އިހުތިޖާޖުގައި ނ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން ބައިވެރިވުމަށް ގޮވައިލައްވައިފަ އެވެ. އޭނާ ވިދާޅުވީ މިއަދު މާފަރު ރައްޔިތުން އެ ކުރައްވާ އިހުތިޖާޖަކީ ގައުމީ އިހުތިޖާޖެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެއީ ނ. އަތޮޅުގެ ހުރިހާ ރަށެއްގެ ހައްގުގައި އަދި މުޅި އަތޮޅުގެ ވެސް ހައްގުގައި ކުރެވޭ މަސައްކަތެއް ކަމަށެވެ.

"މި އެއާޕޯޓަކީ އަޅުގަނޑުމެން އެންމެންނާ ގުޅިފައިވާ މަސައްކަތެއް. މި އެއާޕޯޓަކީ އަޅުގަނޑުމެންގެ އަންނާން އޮތް ޖީލު ތަކާ ގުޅިފައި އޮތް މަސައްކަތެއް. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް މި ރަށަށް ފްލައިޓް ޖައްސާ މަންޒަރު އަޅުގަނޑުމެނަށް ފެނިގެން ދާނެ." މައުރޫފު ވިދާޅުވި އެވެ.

އިހުތިޖާޖުގެ ބައިވެރިންނާ މުޚާތަބު ކުރައްވައި އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި ހިމެނިވަޑައިނުގަތަސް އެ ކޮމެޓީ ތެރެއިން ލިބިވަޑައިގަންނަވާ ފުރުސަތު ހޯއްދަވައިގެން މި މައްސަލަ އަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. ދަތުރުފަތުރުގެ ނިޒާމު ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރައްވަމުން އާމިރު ވެސް ވަނީ މި އެއާޕޯޓުގެ މައްސަލަ އަވަސްކޮށްދެއްވުމަށް ސަރުކާރަށް ގޮވައިލައްވައިފަ އެވެ.

މި ބައްދަލުވުމުގައި އެމްޑީއޭގެ ނައިބު ލީޑަރު އާއިޝަތު ރަފިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ އެއާޕޯޓު އިހުތިޖާޖުގައި ބައިވެރިވެވަޑައިގަންނަވާ އަންހެން ބޭފުޅުން ގިނަކަން ފާހަގަކުރައްވައި އެ ބޭފުޅުންނަށް ސާބަސް ދެއްވައި ހިތްވަރު ދެއްވައިފަ އެވެ. އަދި އެ ބޭފުޅުން އެ ގޮތުގައި ދެމި ތިއްބެވި ނަމަ މިި އެއާޕޯޓުގެ މައްސަލަ ވަރަށް އަވަހަށް ކާމިޔާބު ވެގެން ދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.

މާފަރު އެއާޕޯޓުގެ މައްސަލަ އަކީ މިހާރު ގާތްގަނޑަކަށް އަށް އަހަރު ވެފައިވާ މައްސަލަ އެކެވެ. ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލައި، އިހުތިޖާޖު ފެށިތާ މިހާރު ވަނީ ހަފުތާއެއް ވެފަ އެވެ. މާފަރު ރައްޔިތުންގެ ކައްކައި ކެއިންބުއިން ވެސް މިހާރު ވަނީ އިހުތިޖާޖު ކުރާ ސަރަހައްދު ކަމަށްވާ މާފަރު ކައުންސިލްގެ ގޯތި ތެރެއަށް ބަދަލު ކޮށްފަ އެވެ. ގިނަ އަދަދެއްގެ ރައްޔިތުން ނިދަނީ ވެސް އެތަނުގަ އެވެ. އިހުތިޖާޖު ފެށި ދުވަހުން ފެށިގެން މާފަރުގެ ރަސްމީ ހުރިހާ އިދާރާއެއް ވަނީ ބަންދު ކޮށްފަ އެވެ. ނ. އަތޮޅު ރަށް ތަކުގެ ތެރެއިން ލަންދޫ އާއި މަނަދޫ އާއި މިލަދޫ އަދި މާޅެންދޫ ރައްޔިތުން މިހާރު ވަނީ އަމަލީ ގޮތުން މި އިހުތިޖާޖާ ގުޅިފަ އެވެ. އަދި އަތޮޅުގެ ވަރަށް ގިނަ ރަށްރަށުން ވަނީ މި ކަމާ ގުޅޭ ޕެޓިޝަންގައި ސޮއިކޮށްފަ އެވެ. ޕެޓިޝަންގައި ސޮއިކުރި މީހުންގެ އަދަދު އެތައް ހާހަކަށް އަރަ އެވެ.