06 Jan 2013, 11:58
ހދ. ނޮޅިވަރަމްގައި މީހުންއުޅުމަށް ދޫކުރަންނިންމާފައިވާ ބިންތަށް ދޫކުރުން ލަސްވަމުންދާތީ އެކަމާ ހިންހަމަނުޖެހިގެން އެރަށު ބަޔަކު ނުކުމެ އެބިންތަކުގައި އިމާރާތްކުރަން ފަށައިފި އެވެ.
ނަންނުޖެހުމަށް ޝަރުތުކޮށް ސަން އޮންލައިނާ ވާހަކަދެއްކި ނޮޅިވަރަމް މީހަކު ބުނީ އެމީހުންނުކުމެ އެބިންތަކުގައި އިމާރާތް ކުރަންފަށާފައިވަނީ އެތަށް އަހަރެއްވީއިރުވެސް އެރަށުން ބިންދޫކޮށްފައި ނުވާތިއްޔާ ކައުންސިލުން އެމަސައްކަތަށް ސަމާލުކަމެއް ނުދޭތީކަމަށެވެ.
"އަޅުގަނޑުމެނަށް ބޯހިޔާވަހިކަމުގެ މައްސަލައަކީ ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލައެއް، ގޭގޭގައި ފުނިޖެހިގެން އުޅެން މިޖެހެނީ، ދެން މިރަށު ކައުންސިލުން އެއްވެސް ވަރަކަށް މިމައްސަލަ ހައްލުކޮށްދޭކަން ނޫޅޭ، މާދަން މާދަން ކިޔަކިޔާ ތިބެނީ،" ނަންނުޖެހުމަށް ޝަރުތުކޮށް ނޮޅިވަރަމުން ވާހަކަދެއްކި މީހާ ބުންޏެވެ.
އަދި ބުނީ މިހާރު އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާ މީހުން މަސައްކަތްކުރަނީ އެގޭތަށް އިމާރާތްކުރުމަށްފަހު އެތަންތަނަށް އެމީހުންގެ ދިރިއުޅުން ބަދަލުކުރަން ކަމަށާއި މިހާރު ދެގެއް އިމާރާތްކޮށް ނިންމާފައިވާ ކަމަށެވެ. އިމާރާތް ކުރަން ފެށި އެހެން ގޭގެ އަދި ނުނިމޭއިރު އެގެތައް ވެސް އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ބުންޏެވެ.
އެމައްސަލާގައި ނޮޅިވަރަމް ކައުންސިލްގެ ރައީސް ޝާފިއު މުހައްމަދު ވިދާޅުވީ 2300 އާބާދީގެ އެރަށުން ގޯތި ދޫނުކުރާތާ ހަތް ވަރަކަށް އަހަރުވެފައިވާއިރު އެމައްސަލައަކީ އެރަށުގައި ވަރަށް ބޮޑަށް މައްސަލައެއްކަމަށެވެ. އަދި ވިދާޅުވީ ގޯތިދޫކުރުން މިހާރު ލަސްވެފައިވަނީ މީގެ ކުރިން އެރަށުން ދޫކުރި 172 ގޯތީގެ މައްސަލަ އެރަށު މީހަކު ކޯޓަށް ހުށައަޅާފައިވާތީ ދިމާވެފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް މިހާރު ކޯޓު ހުކުމް ލިބުމާއެކު ގޯތިދޫކުރުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު އިމާރާތްކޮށްފައިވާ ދެ ގެއަކީ ގާނޫނާއި ގަވާއިދާހިލާފަށް ފަށާފައިވާ މައްސައްކަތެއް ކަމަށާއި އެމަސައްކަތް ހުއްޓުވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށާއި އެމައްސަލަ މިހާރުވެސް ކަމާބެހޭ ފަރާތްތަކަށް ހުށައަޅާފައިވާ ކަމަށެވެ.
"ކައުންސިލުން މަސައްކަތް ކުރިން ކޯޓް އަމުރާގުޅިގެން އެލްޖީއޭ އާއި އަތޮޅު ކައުންސިލްގެ ބަހެއް ހޯދަން، އެދެ ތަނުންވެސް ލިބިފައިވާ ޖަވާބަކީ ކޯޓު އަމުރުގައިވާ ގޮތުގެމަތިން ގާނޫނާ ގަވައިދުގެ މަތިން ކުރިއަށްދާށޭ، ދެން ކޯޓުގެ ހުކުމްގައި މިއޮންނަނީ ގޯތިދޫކުރުމުގެ ގަވާއިދުތަކަށް އިޝާރާތްކޮށް އެގޮތަށް އަމަލުކުރުން، ކުރިންގޯތި ދޫކުރީ ގޯސްކޮށޭ ނުވަތަ ރަނގަޅެކޭވެސް އެގޭކަންނޯވޭ ނަމަވެސް ނުކުތާތަކެއް އެބަހުރި،" ޝާފިއު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އަލުން ގޯތިދޫކުރުމަށް އިއުލާންކުރުމަށް ނުވަތަ މިހާރު ގޯތި ލިބުނުކަމަށް އިއުލަންކޮށްފައިވާ 172 ފަރާތަށް ގޯތިދޫކުރާނީތޯ ނުވަތަ ނޫންތޯވެސް އަދި ނުނިންމާ ކަމަށެވެ. ކައުންސިލްގެ ބައެއް މެމްބަރުންނަކީ ގޯތި ލިބޭ ފަރާތްތައް ކަމުން އެންމެ އިންސާފުވެރިގޮތަކަށް އެމަސައްކަތް ކުރުމަށް ގޯތި ދޫކުރާނެ ވަކި ގޮތެއް ކަޑައެޅުމަށް ޒިމާދާރުވެރިއާޔާ އެސިސްޓެންޓް ޑިރެކްޓަރަށް އެމަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ޝާފިއު ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް އެމަސައްކަތް ނިމި ގޯތިތަށް ދޫކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.