06 Jan 2013, 10:56
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފި އެވެ.
ރައީސްގެ ދެ ކަބަލުންގެ މެލޭޝިޔާއަށް ނުރަސްމީ ދަތުރުފުޅެއް ފެއްޓެވީ މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭގަ އެވެ. ރައީސްގެ ދަތުރުފުޅުގައި މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރު މޮހޮންމޮދާއި އެ ގައުމުގެ ފޮރިން މިނިސްޓަރު ދާތޯ އަނީފާ އަމަންއާވެސް ބައްދަލުކުރައްވައިފަ އެވެ.
ރައީސް މެލޭޝިޔާއަށް ދަތުރުފުޅެއް މި ކުރެއްވީ މެލޭޝީޔާގެ ބައެއް ޕްރައިވެޓް ކުންފުނިތަކުން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ނުރައްކާވެފައިވާ ދުވަސްވަރެއްގަ އެވެ. މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބޯޑާ ކޮންޓްރޯލްގެ ޕްރޮޖެކްޓް ހުއްޓާލަން ސަރުކާރުން ވަނީ މިދިޔަ ހަފްތާތެރޭ ނިންމައިފަ އެވެ. އެ ޕްރޮޖެކްޓް ހުއްޓާލަން އޭސީސީން މަސައްކަތް ކުރުމުން ސަރުކާރުން ވަނީ އެ ޕްރޮޖެކްޓްގެ މަސައްކަތް ދިފާއުކޮށްފަ އެވެ. އަދި އެ ޕްރޮޖެކްޓް ނެކްސްބިޒާ ހަވާލުކުރުމުގައި އިސްކޮށް ހުރީ ރައީސް ވަހީދުގެ ޅިޔަނު ކުރީގެ އިމިގުރޭޝަން ކޮންޓްރޯލާ އިލްޔާސް ހުސެއިންނެވެ. އަދި ޖީއެމްއާރާ އެކު ރާއްޖެ އެއާޕޯޓް ހިންގުމަށް މެލޭޝީޔާގެ އެއާޕޯޓްސް ހޯލްޑިންގްސް ބަރުހާދުންވެސް ހިއްސާވި އެވެ. އެ މައްސަލައިގައި މީގެ ކުރިން މެލޭޝިޔާއިން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފަ އެވެ.