06 Jan 2013, 10:19
އިންޓަނޭޝަނަލް އޮފް ފުޓްބޯލް ހިސްޓަރީ އެންޑް ސްޓެޓިސްޓިކްސް (އައިއެފްއެފްއެޗްއެސް) އިން ހޮވާ އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް، ރެއާލް މެޑްރިޑްގެ ކެޕްޓަން އިކާ ކަސިޔަސްއަށް ލިބިއްޖެ އެވެ.
ރެއާލް މެޑްރިޑްގެ އިތުރުން ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަށް މިދިޔަ އަހަރު ނިމިގެންދިޔަ އިރު، ލިބުނު އެންމެ ބޮޑު ހިތާމައަކަށް ވެގެންދިޔައީ މަލާގާ އާއި ދެކޮޅަށް މެޑްރިޑުން ކުޅުނު އެންމެ ފަހު މެޗުގައި ބެންޗުގައި އިންނަން ޖެހުމެވެ. އެމެޗުން 3-2 ލަނޑުން މެޑްރިޑް ބަލިވެފައިވެ އެވެ.
މިހެން ކަންތައް ދިމާވި ނަމަވެސް، އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ލިބުނީ ކަސިޔަސް އަށެވެ.
ކަސިޔަސްއަށް މިއެވޯޑް ލިބުނީ ޗެލްސީގެ ކީޕަރު ޕީޓާ ޗެކް އާއި، ބާސެލޯނާގެ ކީޕަރު ވިކްޓާ ވަލްޑޭސް އާއި، ޔުވެންޓަސްގެ ކީޕަރު ޖިއަންލުއިޖީ ބުފަން އާއި، ބަޔާން މިއުނިކްގެ ކީޕަރު މަނުއެލް ނޯޔާގެ އިތުރުން މެންޗެސްޓާ ސިޓީގެ ކީޕަރު ޖޯ ހާޓް އާއި ވާދަކޮށްގެންނެވެ.
އެންމެ މޮޅު ކީޕަރުގެ އެވޯޑް ކަސިޔަސް ހާސިލްކުރީ 224 ވޯޓް ލިބިގެންނެވެ. އެއީ ދެވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނު ބުފަން އަށް ވުރެ 96 ވޯޓް އިތުރަށް ލިބިގެންނެވެ. މިއީ އައިއެފްއެފްއެޗްއެސް އިން ހޮވާ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ކަސިޔަސް ހޯދި ފަސްވަނަ ފަހަރެވެ.
މިދިޔަ ސީޒަންގެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން މެޑްރިޑުން ހޯދީ ކަސިޔަސްގެ ކެޕްޓަންކަމުގެ ދަށުގަ އެވެ. އަދި ސްޕެއިން ގައުމީ ޓީމުން މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރީ ކަސިޔަސްގެ ކަޕްޓަން ކަމުގެ ދަށުގަ އެވެ.