06 Jan 2013, 10:15
އިނގިރޭސި އެފްއޭ ކަޕްގައި ރޭ އަޕްޓަން ޕާކުގައި ވެސްޓްހޭމް އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ދޭއް ދޭކުން އެއްވަރުވެ މެޗުގެ ރިޕްލޭ ކުޅެން ޖެހިއްޖެ އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ކުރި ހޯދީ ޔުނައިޓެޑުން ނެވެ. ތޭވީސް ވަނަ މިނިޓުގައި ޓޮމް ކްލެވަލީ އެ ލަނޑު ކާމިޔާބުކޮށްފައި ވަނިކޮށް މެޗުގެ ނަތީޖާ ވެސްޓްހޭމް އަށް ހަމަހަމަ ކޮށް ދިނީ އެ ޓީމުގެ ޖޭމްސް ކޮލިންސް ބޮލުން ކާމިޔާބު ކޮށްދިން ލަނޑަކުން ނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން މެޗުގެ 59 ވަނަ މިނިޓުގައި ކޮލިންސް ވަނީ ބޮލުން ޖަހައިގެން ދެވަނަ ލަނޑު ކާމިޔާބުކޮށް މެހެމާނުންނަށް އިތުރު ނުތަނަވަސް ކަމެއް ކުރިމަތި ކުރުވާފަ އެވެ.
އެންމެ ފަހު ފާގަސަންއަށް މަޖުބޫރުވީ ބެންޗުގައި ހުރި ވަރުގަދަ ހުރިހާ ހަތިޔާރެއް ވެސްޓްހޭމްއާ ދެކޮޅަށް ބޭނުން ކުރާށެވެ. އެގޮތުން 68 ވަނަ މިނިޓުގައި، ހާވިޔާ ހެނާންޑޭޒްގެ ބަދަލުގައި ރޮބިން ވެންޕާސީ އަދި ޕޯލް ސްކޯލްސްގެ ބަދަލުގައި އެންޓޯނިއޯ ވެލެންސިޔާ ދަނޑަށް ނެރުނެވެ. އަދި އޭގެ ދިހަ މިނިޓުފަހުން ކްރިސް ސްމޯލިންގެ ބަދަލުގައި ރަޔާން ގިގްސް ނެރެ ޔުނައިޓެޑްގެ ހަމަލާތައް ވަރުގަދަ ކޮށްލި އެވެ.
އެހެން ނަމަވެސް ޔުނައިޓެޑްގެ އެ ވަރުގަދަ ހަމަލާތަށް މަތަކުރުމުގައި ވެސްޓްހޭމް އިންވަނީ ފަހުވަގުތާ ޖެހެންދެން ވަރުގަދަ "ޖިހާދެއް" ކޮށްފައެވެ. ދެން ސަލާމަތް ނުވާނޭހިތާ ތިއްބާ ޔުނައިޓެޑު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނީ އިތުރު ވަގުތުގައި ވެންޕާސީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ދޭއް ދޭކުން ހަމަހަމަ ކޮށްދިނުމުން ނެވެ.
ރޭގެ މެޗުގައި ވެސްޓްހޭމް އިން ކާމިޔާބު ކުރި ދެ ލަނޑުވެސް ކާމިޔާބު ކުރުމުގައި ވެސް އެހީތެރިވެ ދީފައި ވަނީ މީގެ ދިހަ އަހަރު ކުރިން ޗެލްސީއާ ގުޅުމަށް އެ ޓީމުން ދިޔުމަށްފަހު މިމަހު ޓީމަށް އެނބުރި އައި ހުނަރުވެރި ކުޅުންތެރިޔާ ޖޯ ކޯލް އެވެ.
މެޗަށްފަހު ކޯލް ބުނީ "އެއީ ގެއްލިގެން ދިޔަ ފުރުސަތެއް. އަހަރެމެން މެޗުފެށީ ވެސް ވަރަށް ރަނގަޅަށް. އަހަރެމެންގެ ނަސީބު ދެރަކަމުން މެޗުން މޮޅު ނުވެވުނީ... ޔުނައިޓެޑަކީ ކޮލިޓީ ކުޅުންތެރިންތަކެއް ތިބި ވަރުގަދަ ޓީމެއް. ރޮބިން ވެންޕާސީ އާއި ރަޔާން ގިގްސް ފަދަ ކުޅުންތެރިންގެ ކޮންބިނޭޝަން އާއެކު އެތަށް ފަހަރަކު އެމީހުން ވަނީ ފަހުވަގުތުގައި އެގޮތަށް މޮޅުވެފައި،" ކަމަށެވެ.
ކޯލް އިތުރަށް ބުނީ އެޓީމުން ރޭ ރަނގަޅު ކުޅުމެއްދައްކައި އަދި އެހާމެ ރަނގަޅަށް ޑިފެންސް ވެސް ކުރި ކަމަށެވެ. އެހެން ނަމަވެސް މިހާރު ކަންދިމާ ކުރިގޮތުން އޯލްޑް ޓްރަފޮޑްގައި ރިޕްލޭމެޗެއް ކުޅެން ޖެހުމުން އެ މެޗު އުނދަގޫ މެޗަކަށް ވެގެން ދާނެ ކަމަށެވެ.
މެޗުން މޮޅުވުމުން އުފަލުން ފޮޅިފައި ހުރި ޔުނައިޓެޑްގެ ބޮސް ސާ އެލެކްސް ފާގަސަން ބުނީ "ގިގްސް ދިން ޕާސް. ފުރަތަމަ ޓަޗުން ވެންޕާސީ ނިންމާލި މޮޅުގޮތް އެއީ ހަމަ ވޯލްޑް ކްލާސް ލަނޑެއް، އެއީ ހަމަ އޮބިނޯންނަ ލަނޑެއް" ކަމަށެވެ.
އެފްއޭކަޕްގެ ތިންވަނަ ބުރުގައި ރޭ ކުޅުނު އިތުރު މެޗު ތަކުގެ ތެރެއިން ނިއުކާސަލް ވަނީ ބްރައިޓަން އަތުން ދޭއް ސުމަކުން ބަލިވެފަ އެވެ. އެސްޓަންވިލާ ދޭއް އެކަކުން އިޕްސްވިޗް އަތުން މޮޅުވި އިރު ބްލެކްބާން ވަނީ ދޭއް ސުމަކުން ބްރިސްޓަލް ސިޓީ ބަލިކޮށްފަ އެވެ.
ބޮލްޓަން އާއި ސްނަޑަލޭން ދޭއްދޭކުން އެއްވަރުވެ، ފުލަމްއާއި ބްލެކްޕޫލް އެކެއް އެކަކުން އެއްވަރުވެ، ހަލް ސިޓީ އާއި ލޭޓަން އޮރިއެންޓް އެކެއް އެކަކުން އެއްވަރުވެ، ކުރިސްޓަލް ޕެލަސް އާއި ސްޓޯކް ވަނީ ލަނޑެއް ނުޖެހި އެވަރު ވެފައެވެ.
އެފްއޭކަޕުގައި ރޭ މިނޫނަސް އިތުރު މެޗުތަކެއް ކުޅުނު އިރު ރެޑިންގް ތިނެއް އެކަކުން ކްރޯލީ ބަލިކުރި އިރު ޗެލްސީ ވަނީ ފަހެއް އެކަކުން ސައުތުހޭމްޓަން ބަލިކޮށްފަ އެވެ.