މާދަމާ ހޮވުމަށް ހަމަޖެހިފައިވާ ފީފާ ބެލޮންޑިއޯ އެވޯޑް ހައްގުވާ ކުޅުންތެރިޔާ އަކީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ކަމަށް މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއެރޯ ހާމަކޮށްފި އެވެ.

ބެލޮންޑިއޯ އާއި އެންމެ ވާދަކުރަނީ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެސީ އަށް ބެލޮންޑިއޯ އެވޯޑް ހައްގުވާ ސަބަބަކީ އޭނާ ބާސާ އަދި ގައުމަށް ވެސް ކާމިޔާބީތަކެއް ހޯދައިދެމުން ދާތީ ކަމުގައި އަގުއެރޯ ބުނެފައި ވެއެވެ.

"ބެލޮންޑިއޯ އަކީ މެސީގެ ހައްގެއް. އެއީ އޭނާ ވަނީ ބާސާ އަދި ގައުމީ ޓީމަށް ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ. މެސީ އަށް އެ އެވޯޑް ލިބެން ޖެހޭނެ. މެސީގެ ފަރާތުން މިދިޔަ އަހަރު ވަރަށް މޮޅު ކުޅުމެއް ފެނިގެންދިޔަ،" އަގުއެރޯ ބުންޏެވެ.

ސިޓީ އަށް ބަދަލުވުމަށް ފަހު، ފުރަތަމަ ސީޒަނުގައި އަގުއެރޯގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިފައި ވެއެވެ. އެއް ދުވަހަކުން ބެލޮންޑިއޯ ކާމިޔާބުކުރުމަށް އުންމީދުކުރާ ކަމުގައި އަގުއެރޯ ބުނެފައި ވެއެވެ. "އަހަރެންނަށް އެނގޭ އެއީ ވަރަށް އުނދަގޫ ކަމެއްކަން. ނަމަވެސް އެއް ދުވަހަކުން އެއެވޯޑް ލިބޭނެ ކަމަށް އަހަރެން އުމްމީދު ކުރަން. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ވުމަކީ އަބަދުވެސް އަހަރެން ދެކެމުން އައި ހުވަފެނެއް." އަގުއެރޯ ބުންޏެވެ.

ސްވިޒަލޭންޑްގެ ޒިއުރިކްގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބެލޮންޑިއޯ އެވޯޑް ލިބިގެންދާ ކުޅުންތެރިޔާ އެނގިގެންދާނެ އެވެ. މިއެވޯޑަށް ޝޯޓްލިސްޓް ކުރެވިފައިވާ ތިން ކުޅުންތެރިންނަކީ މެސީ، ރޮނާލްޑޯ އަދި ބާސާގެ ސްޕެއިން ތަރި އަންދްރޭސް އިނިއެސްޓާ އެވެ.