06 Jan 2013, 10:00
ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން ބޮޑުވުމަކީ އެ ކުޅުންތެރިންގެ ކުޅުން ރަނގަޅުވާނެ ކަމެއް ކަމުގައި ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މޮރީނިއޯ މިކަން ހާމަކޮށްފައި މިވަނީ ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި މަލާގާ އާއި ދެކޮޅަށް ކުޅުނު މެޗުގައި މެޑްރިޑްގެ ކެޕްޓަން އަދި އެއް ވަނަ ގޯލްކީޕަރުގެ ބަދަލުގައި އެ ކުލަބުގެ ދެވަނަ ކީޕަރު އެންޓޯނިއޯ އަޑަން އެއްވަނަ މަގާމު ދިނުމުން ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅަކު އެވެ.
މޮރީނިއޯ ބުނި ގޮތުގައި އޭނާގެ ކިބައިގައި ކަސިޔަސް އާއި މެދު އޮތް އިތުބާރު އަދިވެސް ނުގެއްލޭ ކަމަށެވެ.
"ހުރިހާ މަގާމަކީ ވެސް އިތުބާރު ހުރި މަގާމުތަކެއް. އަހަރެންނަށް ހީވަނީ އެކަމަކީ ހުރިހާ ކުޅުންތެރިންނަކަށް ވެސް މުހިންމު ކަމެއް ހެން. ވަކި ގޯލްކީޕަރުންނަކަށް ނޫން. ކޮންމެ ކުޅުންތެރިއަކީ ވެސް މުހިންމު ކުޅުންތެރިއެއް. ވަކި މަގާމަކަށް ހާއްސަކޮށް ދާއިމީކޮށް އެ މަގާމުގައި ކުޅުންތެރިއަކު ހުރުމަކީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން. މުހިންމީ އިތުބާރު. ނަމަވެސް ވާދަވެރިކަމަކީ ވެސް މުހިންމު ކަމެއް. ކީޕަރު ކަސިޔަސް އާއި އަޑަންގެ މެދުގައި ހުރި ބެލެންސް ވެސް ބަލަންޖެހޭނެ،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ އަކީ ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑަށް ނޮމިނޭޓް ވެފައިވާ ކޯޗެކެވެ. ނަމަވެސް އެންމެ މޮޅު ކޯޗު ހޮވާ ބެލޮންޑިއޯ ރަސްމިއްޔާތަށް މޮރީނިއޯ ނުދާނެ ކަމުގައި އޭނާ ބުނެފައި ވެއެވެ.
"އަހަރެން ބެލޮންޑިއޯ ރަސްމިއްޔާތަކަށް ނުދާނަން. ކޮޕާ ޑެލްރޭ ގައި އަންނަ ބުދަ ދުވަހު ސެލްޓާ ވިގޯ އާއި ދެކޮޅަށް ކުޅެން ޖެހޭ މެޗަށް މަސައްކަތްކުރަން އެބަ ޖެހޭ،" މޮރީނިއޯ ބުންޏެވެ.
ބެލޮންޑިއޯ އެވޯޑްގެ ރަސްމިއްޔާތު އޮތީ އަންނަ ހޯމަ ދުވަހު އެވެ. މި އެވޯޑް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސްވިޒަލޭންޑްގެ ޒިއުރިކްގަ އެވެ.