06 Jan 2013, 09:53
ނިއުކާސަލް ޔުނައިޓެޑުން 7 މިލިޔަން ޕައުންޑަށް ހުކުރުދުވަހު ޗެލްސީއާ ގުޅުނު ސެނެގާލް ފޯވަޑް ޑެމްބާބާ ޗެލްސީގެ ޖާޒީގައި ފެނިލި ފުރަތަމަ މެޗުގައި ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ފަހަތުން އަރައި އެއްލަނޑު ފަސްލަނޑުން ސައުތުހެމްޓަން ބަލިކޮށް އެފްއޭކަޕްގެ ހަތަރު ވަނަ ބުރުން ޗެލްސީ ޖާގަ ހޯދައިފި އެވެ.
ސައުތު ހެމްޓަންގެ އެސްޓީ މޭރީސް ސްޓޭޑިއަމްގައި ރޭ އެޓީމާއި ޗެލްސީ ބައްދަލުކުރި މެޗުގެ 22 ވަނަ މިނިޓުގައި ސެއިންޓްސްގެ ޖޭ ރޮޑްރިގޭޒްވަނީ ލަނޑެއް ކާމިޔާބުކޮށް ހޯމް ޓީމަށް ހިނިތުންވުން ގެނުވާފަ އެވެ. އެހެން ނަމަވެސް މެޗުގެ 35 ވަނަ މިނިޓުގައި ހުއާން މާޓާ ސައުތުހެމްޓަންގެ ގޯލްތެރެއަށް ފޮނުވާލި ބޯޅައިގާ ފައި ޖައްސާލައިގެން ޗެލްސީ ޖާޒީގައި އަލަށް ނުކުތް ބާ ވަނީ އޭނާގެ ނަން ސްކޯޝީޓަށް އަރުވައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
އަދި ފުރަތަމަ ހާފުގެ ފަހުވަގުތު ކޮޅުގައި ވިކްޓާ މޮޒެސް ކާމިޔާބުކޮށްދިން ރީތި ލަނޑާއެކު ޗެލްސީ ވަނީ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ އެކެއް ދޭކަށް ބަދަލުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން 52 ވަނަ މިނިޓުގައި ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބްރަނިސްލަވް އިވަނޮވިޗް ބޮލުން ޖަހައިގެންނެވެ. އަދި އޭގެ ނުވަ މިނިޓު ފަހުން ބާ އޭނާގެ ދެވަނަ ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށް އެކެއް ހަތަރަކަށް ޗެލްސީގެ ލީޑު ފުޅާކޮށްފައި ވަނިކޮށް މެޗުގެ 83 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ލަމްޕާޑު ވަނީ މެޗުގެ ނަތީޖާ އެކެއް ފަހަކަށް ބަދަލު ކޮށްދީފަ އެވެ.
ލަމްޕާޑު ރޭގެ މެޗުގައި ޗެލްސީއަށް ކާމިޔާބުކޮށްދިން ޕެނަލްޓީއާއެކު އޭނާވަނީ 193 ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދީގެން ކެރީ ޑިކްސަން އާއެކު އެޓީމުގެ ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ދެވަނަ ކުޅުންތެރިޔާގެ ރެކޯޑު ހޯދާފަ އެވެ.
ރޭގެ މެޗުގައި ގިނަބައެއްގެ ލޯތައް ހުއްޓިފައި ވަނީ 7 މިލިއަން ޕައުންޑުގެ ޓްރާންފާ ފީއަކަށް ޗެލްސީއާ ގުޅުނު ނިއުކާސަލްގެ ކުރީގެ ސްޓްރައިކާ ޑެމްބާ ބާ އަށެވެ. އޭނާ ވަނީ ފުރަތަމަ މެޗުގައި ވެސް މޮޅުކުޅުމެއް ދައްކައިގެން ރޭގެ މެޗުބަލަން ސެއިންޓް މޭރީސް ސްޓޭޑިއަމްއަށް ވައިން ޗެލްސީގެ ގާތްގަނޑަކަށް 4592 ސަޕޯޓަރުންގެ ރުހުން ހޯދާފަ އެވެ.
މެޗައްފަހު ޗެލްސީގެ އިންޓަރިމް ކޯޗު ރަފައެލް ބެނިޓޭޒު ބުނީ "ޑެމްބާ ބާ އަކީ ހުރިހާ ގޮތަކުން ވެސް މޮޅު ކުޅުންތެރިއެއްކަން އޭނާ ހާމަކޮށްދީފި. އެއީ ހަމަ އެއްވަނަ،" ކަމަށެވެ.
"ވަރަށް މުހިއްމު ކަމެއް އެއީ އަހަރުމެންނަށް އިތުރު އޮޕްޝަންއެއް ލިބުން. އޭނަގެ ކުޅުންވަރަށް ފައްކާ. މިހާރު އަހަންނަށް ބޭނުން ކުރެވިދާނެ ދެމީހުންކުރެ އެކަކު (ބާ ނުވަތަ ޓޮރޭޒް) އެހެން ނޫނީ ދެމީހުން އެއްފަހަރާވެސް،" ހިތްހަމަޖެހިފައި ހުރެ ރަފާ ކިޔައިދިނެވެ.
ކެރީ ޑިކްސާއާއެކު ޗެލްސީއަށް ދެ ވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންޔާގެ ގޮތުގައި ލަމްޕާޑު ހިމެނުމުން ބެނިޓޭޒް ބުނީ އެކަމާ ވަރަށް އުފާ ކުރާކަމަށާއި އަދި ސީޒްންގެ ބާކީ އޮތްބައިގައި އިތުރު ލަންޑުތަކެއް ޖެހުމުގެ ފުރުސަތު ލަމްޕާޑަށް އެބަ އޮތްކަމަށެވެ.
"އެއީ ލަމްޕާޑަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް. އަދި އުންމީދުކުރަން ސީޒަންގެ ބާކީ އޮތް ބައިގައި އޭނާގެ ފަރާތުން ގިނަ ލަނޑުތަކެއް ފެނިގެން ދާނޭކަމަށް... އެހެން އެކަން ވެއްޖެނަމަ އަހަރުމެންވެސް އަދި ލަމްޕާޑުވެސް އުފާވާނެ،" ޗެލްސީގެ ވަގުތީ ކޯޗު ބުންޏެވެ.
ރޭގެ މެޗާ ބެހޭގޮތުން ސައުތުހެމްޓަންގެ ކޯޗު ނިޖެލް އެޑްކިންސް ބުނީ މެޗުގެ ފުރަތަމަ ހާފުގައި ރޮޑްރިގޭޒް ކާމިޔާބުކޮށްދިން ލަނޑާއެކު ރަނގަޅު ފެށުމެއް އެޓީމު ގާއިމު ކުރިކަމަށާއި އަދި ޖުމުލަކޮށް ފުރަތަމަ ހާފުގައި އެމީހުން ރަނގަޅު ކުޅުމެއް ދެއްކިކަމަ ށެވެ.
"އަހަރެމެން މެޗުފެށީ ވަރަށް ފުރިހަމަކޮށް. އަދި ރޮޑްރިގޭޒް ކާމިޔާބު ކޮށްދިން ލަނޑާ އެކު ފުރަތަމަ ހާފުގައި ޓީމުވަނީ މޮޅުކުޅުމެއް ދައްކާފައި... ދެޓީމުންވެސް ވަނީ ބާލާހިތް ވާކަހަލަ ރީތި ކުޅުމެއް ދައްކާފައި. އެހެން ނަމަވެސް ޗެލްސީގައި ތިބި މޮޅެތި ކުޅުންތެރިން ތަކެއްގެ ސަބަބުން އަހަރެމެންނަށް ތަފާތު ދެއްކީ. މެޗުން މޮޅުވުމުން ޗެލްސީއަށް ތައުރީފު ހައްގު،" ސައުތުހެމްޓަންގެ ކޯޗު ބުންޏެވެ.
އެފްއޭކަޕްގެ ތިންވަނަ ބުރުގައި ރޭ ކުޅުނު އިތުރު މެޗު ތަކުގެ ތެރެއިން ނިއުކާސަލް ވަނީ ބްރައިޓަން އަތުން ދޭއް ސުމަކުން ބަލިވެފަ އެވެ. އެސްޓަންވިލާ ދޭއް އެކަކުން އިޕްސްވިޗް އަތުން މޮޅުވި އިރު ބްލެކްބާން ވަނީ ދޭއްސުމަކުން ބްރިސްޓަލް ސިޓީ ބަލިކޮށްފަ އެވެ. އަދި ބޮލްޓަންއާއި ސްނަޑަލޭން ދޭއްދޭކުން އެއްވަރުވެ، ފުލަމްއާއި ބްލެކްޕޫލް އެކެއް އެކަކުން އެއްވަރުވެ، ހަލް ސިޓީ އާއި ލޭޓަން އޮރިއެންޓް އެކެއް އެކަކުން އެއްވަރުވެ، ކުރިސްޓަލް ޕެލަސް އާއި ސްޓޯކް ވަނީ ލަނޑެއް ނުޖެހި އެވަރު ވެފައެވެ.
އެފްއޭކަޕުގައި ރޭ މިނޫނަސް އިތުރު މެޗުތަކެއް ކުޅުނު އިރު ރެޑިންގް ތިނެއް އެކަކުން ކްރޯލީ ބަލިކުރި އިރު މެންޗެސްޓާ ޔުނައިޓެޑު ވެސްޓްހޭމް ޔުނައިޓެޑްގެ އަތްދަށުނުވެ ސަލާމަތްވީ ހަމަ ކިރިޔާއެވެ. އެ މެޗު ނިމުނީ ރޮބިން ވެންޕާސީ އެޓީމަށް މެޗުގެ ފަހުހާފުގެ އިތުރު ވަގުތުގައި ޖަހައިދިން ލަނޑާއެކު ދޭއް ދޭއްކުން އެއްވަރު ވެގެން ނެވެ.