06 Jan 2013, 09:51
އިންޓަ މިލާންގެ ކެޕްޓަން އަދި ޑިފެންޑަރު ހާވިއާ ޒެނެޓީ އަކީ މިސާލެއް ކަމުގައި ދެކިގެން ފުޓްބޯޅަ ކެރިޔަރު ކުރިއަށް ގެންދާނެ ކަމުގައި އެކުލަބުގެ ޒުވާން ޑިފެންޑަރު އަންދްރޭ ރަނޮޗިއާ ބުނެފި އެވެ.
އުމުރުން 39 އަހަރުގެ ޒެނެޓީ ވަނީ އިންޓަ އަށް 17 އަހަރު ކުޅެފަ އެވެ. އަދި އިޓަލީ ޒުވާން ޑިފެންޑަރު ރަނޮޗިއާ ވަނީ ޒެނެޓީގެ ހިތްވަރާއި ލީޑާޝިޕް އާއި މެދު ތާޢުރީފްކޮށްފަ އެވެ. އަދި ޒެނެޓީގެ ފައިތިލަ ދަށުން ކުރިއަށް ދާން ބޭނުންވާ ކަމަށް ވެސް ރަނޮޗިއާ ބުނެފައިވެ އެވެ.
"ޒެނެޓީ އަކީ ފިޒިކަލް އަދި އެތްލެޓިކް ގޮތުން ބަލައިލިޔަސް މޮޅު ކުޅުންތެރިއެއް. އޭނާގެ ނިންމުންތައް އަބަދު ވެސް ރަނގަޅު. އަދި ޒެނެޓީ ކޮންމެ ކުޅުންތެރިއަކާއި މުހާތަބްކުރާ އިރު، ބޭނުންކުރާ ބަސްތައް ވެސް ވަރަށް ރަނގަޅު. އަދި އެއީ މިސާލަކީ ވެސް. 2011 ވަނަ އަހަރު ލިއަނާޑޯ ކޯޗުކަން ކުރި ހަތަރު ދުވަސްތެރޭ 3-0 ލަނޑުން ރަށުން ބޭރުގައި ޝާލްކޭ އަތުން ޗެމްޕިއަންސް ލީގުގައި ބަލިވެ އަދި 5-2 ލަނޑުން އަމިއްލަ ދަނޑުގައި ބަލިވި. ޖެހިގެން އައި ދުވަހު ޒެނެޓީ ކުޅުންތެރިންނާ މުހާތަބް ކުރި ގޮތް އަހަރެން އަދިވެސް ހަނދާން ހުރޭ. އެއީ ކެޕްޓަނެއްގެ ރަނގަޅު މިސާލަކީ،" ރަނޮޗިއާ ބުންޏެވެ.
މިވަގުތު އިންޓަ އޮތީ އިޓަލީ ލީގުގެ ހަތަރުވަނާގައި 35 ޕޮއިންޓާއެކު އެވެ. އެއްވަނާގައި އޮތް ޔުވެންޓަސް އާއި އިންޓަ އާއި ދެމެދު މިހާރު ނުވަ ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ.