ބާސެލޯނާ ދެކެ އެއްވެސް ބިރެއް ނުގަންނަ ކަމުގައި އެސްޕާނިޔޯލްގެ ކޯޗު ހާވިއާ އަގުއިރޭ ބުނެފި އެވެ.

އެސްޕާނިޔޯލް މިވަގުތު އޮތީ ސްޕެނިޝް ލަލީގާގެ އަށާރަ ވަނާގައި ލިބުނު ފަނަރަ ޕޮއިންޓާ އެކު އެވެ. މި ސީޒަނުގައި އެސްޕާނިޔޯލް ރަށުން ބޭރުގައި ކުޅުނު މެޗުތަކުގެ ތެރެއިން ކާމިޔާބުކުރެވިފައި ވަނީ އެންމެ މެޗެކެވެ. ނަމަވެސް މިކަމަކީ އެ ކުލަބުން ހާސްވާނެ ކަމެއް ނޫން ކަމުގައި ކޯޗް އަގުއިރޭ ބުނެފައިވެ އެވެ.

"ބާސާ އާއި ދެކޮޅަށް ނުކުންނައިރު، އެޓީމް ދެކެ އެއްވެސް ބިރެއް ނުގަންނަނ. ހުރިހާ ކުޅުންތެރިން ވެސް ވަނީ މިމެޗަށް ވަރަށް ރަނގަޅަށް ތައްޔާރު ވެފައި. ފުރަތަމަ މެޗުގައި ބާސާ އަތުން ރަނގަޅު ނަތީޖާއެއް ނެރެގެން އަހަރެމެން އުންމީދުކުރަނީ ކާމިޔާބު 2013 އަކަށް. އަހަރެންނަށް އެއްވެސް ކަމަކަށް ހުވައެއް ނުކުރެވޭނެ. އެއީ އެންމެންނަށް ވެސް އެނގޭނެ ބާސާގެ ފެންވަރު،" އަގުއިރޭ ބުންޏެވެ.

އެސްޕާނިޔޯލް އިން މިރޭ ބާސާ އާއި ދެކޮޅަށް ނުކުންނާނީ ރަށުން ބޭރުގަ އެވެ. މިމެޗު ކުރިއަށް ދާނީ މިރޭ 12:00 ގައި ބާސާގެ ދަނޑުކަމަށްވާ ކޭމްޕް ނޯ ގައެވެ.