29 Sep 2010, 10:34
ރަށްތައް އެއްކޮށްލުމާމެދު ޚިޔާލު ހޯދުމަށް ބާއްވާ ރިފްރެންޑަމްގައި ވޯޓުލުމަށް މާލެއާއި އަތޮޅުވެރިކަންކުރާ ރަށުގައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތު ބަންދުވުމަށް ދޮޅު ގަޑިއިރެއްހާއިރަށް ވީއިރު، ރަޖިސްޓްރީކޮށްފައި ވަނީ އެންމެ 400 މީހުން ކަމަށާއި ރަޖިސްޓްރީވާންޖެހޭ މީހުންގެ ތެރެއިން އެއް ޕަސަންޓް މީހުން ވެސް ރަޖިސްޓްރީކޮށްފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސީނިއަރ އައިޓީ އޮފިސަރު އައިމިނަތު މަޖްދާ ވިދާޅުވީ، އަންނަ މަހުގެ ނުވައެއް ގައި ބާއްވާ އިންތިހާބުގައި ވޯޓުލުމަށް 88885 މީހުން ޝަރުތު ހަމަވާއިރު، އޭގެ ތެރެއިން 30 ޕަސަންޓް ނުވަތަ 26 ހާހަށް ވުރެ ގިނަ މީހުންނަކީ ރަށްވެހިވެފައިވާ ރަށުގައި ދިރިނޫޅޭ ނުވަތަ މާލޭގައި އުޅެމުންދާ މީހުން ކަމަށް ކޮމިޝަނަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ މީހުންނަކީ މާލޭގައި ނުވަތަ އަތޮޅުވެރިކަން ކުރާ ރަށުގައި ވޯޓުލުމަށް މިއަދު 4:00 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭ ފަރާތްތައް ކަމަށް ވާއިރު، އޭގެ ތެރެއިން އެއް ޕަސަންޓް މީހުން ވެސް މި ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީކޮށްފައިނުވާ ކަމަށް މަޖްދާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ގޮތުގައި، އަތޮޅުވެރިކަން ކުރާ ރަށެއްގައި ވޯޓު ފޮށި ބަހައްޓާނީ އެ ރަށަކަށް ނިސްބަތްވާ މަދުވެގެން 25 މީހުން ރަޖިސްޓްރީ ކުރުމުންނެވެ.
ނަމަވެސް، އިއްޔެގެ ނިޔަލަށް ލިބުނު 299 ފޯމަށް ބަލާއިރު، މާލޭގައި ވޯޓު ފޮށި ބަހައްޓާ ގޮތަށް އަދި ފާސްވެފައިވަނީ ވޯޓު ނެގުމަށް ހަމަޖެހިފައިވާ 105 ރަށުގެ ތެރެއިން އެންމެ ދެ ރަށެއްގައި ކަމަށް މަޖްދާ ވިދާޅުވި އެވެ. އެއީ ނ. ފޮއްދޫ އާއި ގއ. ނިލަންދޫ އެވެ.
މަޖްދާ އިތުރަށް ވިދާޅުވީ، ބާކީ އޮތް 103 ރަށުގެ ވޯޓުފޮށި މާލޭގައި ބަހައްޓާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅިގެން ވިދާޅުވެވޭނީ، ރަޖިސްޓްރީކުރުމުގެ ފުރުސަތު ހަމަވާއިރު، ކޮމިޝަނަށް ލިބުނު ހުރިހާ ފޯމުތައް ޕްރޮސެސްކުރުމަށް ފަހު ކަމަށެވެ.