06 Jan 2013, 09:43
ޤާހިރާ (ޖަނަވަރީ 6) : މިސްރުގެ ކެބިނެޓަށް ރައީސް މުޙައްމަދު މުރުސީ ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ.
މިބަދަލުތަކުގައި 10 ވުޒާރާއެއްގެ ވަޒީރުން ޝާމިލްވެފައިވާއިރު މުރުސީގެ އައު ކެބިނެޓަށް އަލަށް ވައްދާފައިވަނީ ސިޔާސީ ފިކުރުގެ ބޭފުޅުންގެ ބަދަލުގައި ކަމަށް ޤާބިލް ޢިލްމީ އަދި ސިޔާސީގޮތުން ވަކިފަރާތަކަށް ނުޖެހޭ ބޭފުޅުން ކަމަށް މިސްރުގެ މިޑްލްއީސްޓް ނޫސްއެޖެންސީ ޚަބަރު ދެއެވެ. މުޙައްލިލުން ވިދާޅުވާގޮތުގައި މުރުސީ މިސްރުގެ ކެބިނެޓަށް ގެންނެވި ބަދަލުތަކުގައި ސިޔާސީ ބޭފުޅުންނަށްވުރެ ޢިލްމީ ޓެކްނޮކްރޭޓުންނަށާއި ހިންގުންތެރިކަން ޢަމަލީގޮތުން ސާބިތުކޮށްދެއްވާފައިވާ ބޭފުޅުންނަށް އިސްކަން ދެއްވީ މިސްރަށް ހަމަޖެހުމާއި ސިޔާސީ ކޯޅުންތަކަށްވުރެ ތަރައްޤީގެ ޙަރަކާތްތަކަށް އިސްކަން ދެއްވުމުގެ ބޭނުމުގައެވެ.
މިގޮތުން މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާއަތުގެ ބޭފުޅުންނަށްވެސް އައު ކެބިނެޓްގައި އިސްކަން ދެއްވާފައިނުވާ ކަމަށް ޚަބަރު ލިބެއެވެ. އަލަށް ކެބިނެޓަށް ވެއްދި ބޭފުޅުންގެ ތެރޭގައި، ޓްރާންޕޯޓް މިނިސްޓަރު ކަމަށް ޑރ. ޙާތިމް ޢަބްދުއްލަތީފް، ރޫރަލް ޑިވެލޮޕްމެންޓް މިނިސްޓަރު ކަމަށް ޑރ. މުޙައްމަދު ޢަލީ، ސިވިލްއޭވިއޭޝަން މިނިސްޓަރު ކަމަށް ރިޓަޔަޑް ޖެނެރަލް ވާއިލް އަލްމަޢްދާވީ، އިލެކްޓްރިސިޓީއާބެހޭ މިނިސްޓަރު ކަމަށް އަޙްމަދު އިމާމް އަދި ތިމާވެއްޓާބެހޭ މިނިސްޓަރު ކަމަށް ޚާލިދު މުޙައްމަދު ފަހްމީ، ހިމެނިވަޑައިގަންނަވަ އެވެ.
މީގެއިތުރުންވެސް ބައެއް މިނިސްޓަރުން އެހެން މިނިސްޓްރީ ތަކަށް ބަދަލުކުރައްވާފައިވެއެވެ. މިސްރުގެ އައު ކެބިނެޓް، ރައީސް މުރުސީގެ ކުރިފުޅުމަތީގައި މިއަދުގެ ވަގުތެއްގައި ހުވާކުރާނެއެވެ. މިސްރުގެ ކެބިނެޓަށް މިގެނައި ބަދަލަކީ އެގައުމުގެ އައު ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުމާގުޅިގެން ގެނައިބަދަލެއް ކަމަށް ވަނީ ބެލެވިފައެވެ. މިބަދަލުގެނައުމުގެ ކަންތައް ބޮޑުވަޒީރު ޑރ. ހިޝާމް ޤިންދީލް އާ ރައީސް މުރުސީ ހަވާލުކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ގައެވެ. (މިޑްލްއީސްޓް ނޫސްއެޖެންސީ)