06 Jan 2013, 09:41
ހދ. ކުޅުދުއްފުށީގައި ކުޑަކުއްޖަކާމެދު ގަދަކަމުން އެއްޖިންސުން ގުޅުންހިންގި އުމުރުން 77 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހދ. ކުޅުދުއްފުށީގައި މުސްކުޅިއަކު ގަދަކަމުން އެއްޖިންސުން ގުޅުންހިންގާފައި ވަނީ 16 އަހަރުގެ ކުޑަކުއްޖަކާ ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން ކޯޓް އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލާގެ ތަފްސީލެއް ފުލުހުން ނުދިނެ އެވެ.
ކުޑަކުއްޖަކާއެކު ގަދަކަމުން އެއްޖިންސުން ގުޅުން ހިންގި މީހަކު ހައްޔަރުކޮށްފައިވާއިރު، ކުޑަކުދިންނާމެދު ގަދަކަމުން ބަދުއަހުލާހީ އަމަލު ހިންގުމުގެ ތިން މައްސަލައެއް ފުލުހުން ވަނީ މިދިޔަ މަހު ބަލަން ފަށާފަ އެވެ. އެގޮތުން މިދިޔަ މަހުގެ 31 ގައި މާލޭގެ ގެއަކަށް ވަދެ 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި ވަނީ 55 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ހަމަ އެ ދުވަހު ގދ. ގައްދޫގައި ކުޑަކުއްޖެއް ރޭޕުކުރިކަމުގެ ތުހުމަތުގައި 18 އަހަރުގެ ފިރިހެނަކާއި ދެ ކުޑަކުއްދިން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މިދިޔަ މަހުގެ 29 ގައި ވިލިމާލެ އިން 16 އަހަރުގެ އަންހެން ކުއްޖަކު ވަނީ ރޭޕުކޮށްލާފަ އެވެ. އެ މައްސަލާގެ ތުހުމަތުގައި ޒުވާނަކު ވަނީ ހައްޔަރުކޮށްފަ އެވެ.