06 Jan 2013, 09:35
އަންކަރާ (ޖަނަވަރީ 6) : ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގެ ސަބަބުން ތުރުކީ އަށް ކުރިމަތިވެދާނެ ޙަމަލާތަކަކުން ރައްކާތެރިކަން ހޯދުމުގެ ނަމުގައި މިސައިލާ އިދިކޮޅު ނިޒާމެއް ތުރުކީގެ ދެކުނުގައި ޤާއިމްކުރުމުގެ މަސައްކަތް ޢަމަލީގޮތުން ފަށައިފި އެވެ.
މިނިޒާމު ގާއިމްކުރަނީ ތުރުކީ އެޖަމާއަތަކަށް ނިސްބަތްވާ ނޭޓޯ ގެ އެހިތެރިކަމާއެކު އެވެ. އަވަށްޓެރި ސޫރިޔާއިން ތުރުކީ އަށް ކުރިމަތިވެދާނެ ހަމަލާތަކަކުން ރައްކާތެރިކަން ހޯދުމުގެ ނަމުގައި ތުރުކީގެ ދެކުނުގައި ރުކުރުވާލަނީ އެމެރިކާގައި އުފައްދާ ޕެޓްރިޔަޓް މަރުކާގެ މިސައިލާ އިދިކޮޅަށް ބޭނުންކުރާ ބެޓެރި ތަކެކެވެ. ނޭޓޯގެ މިސައިލާ އިދިކޮޅު ދިފާއީ ނިޒާމުގެ ކޮމާންޑަރު ޖެނެރަލް ޕީޓާ ވުޑްމެންސީ ވިދާޅުވިގޮތުގައި މި ބެޓްރީތައް ރުކުރުވާލަނީ ތުރުކީގެ ދެކުނުގައިވާ ބޮޑު ޢަސްކަރީ ބޭހެއް ކަމަށްވާ އެންޖްރިލިކް ޤާއިދާ ގައެވެ. މިކަމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވަނީ އެމެރިކާ ސިފައިންގެ ފަންނީ ފަރާތްތައް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިނިޒާމު ރުކުރުވާލުމުގައި އެމެރިކާ ސިފައިންގެ 400 އެއްހާ މީހުން ތުރުކީގެ ދެކުނުގައި ޙަރަކާތްތެރިވާނެއެވެ. ޔޫރަޕްގައިވާ އެމެރިކާ ސިފައިންގެ ކޮމާންޑުން ހާމަކުރާގޮތުގައި ތުރުކީގައި ޤާއިމްކުރާ ޕެޓްރިޔޮޓް އެންޑި މިސައިލް ނިޒާމުގެ ސަބަބުން އެގައުމަށް ޢަސްކަރީ ގޮތުން ބޮޑު ރައްކާތެރިކަމެއް ލިބިގެންދާނެ އެވެ. ތުރުކީގައި ހަރުކުރާ މިސައިލާ އިދިކޮޅު ނިޒާމަކީ ސޫރިޔާގައިވާ ރަޝިޔާއާއި ޗައިނާ އާއި އީރާނުގެ މިސައިލްތަކުގެ ނުރައްކަލެއް ތުރުކީއަށް ކުރިމަތިވެއްޖެނަމަ އެކަމުން ދިފާޢުވުމަށް ބޭނުންކުރެވޭނެ ނިޒާމެކެވެ.
ނަމަވެސް ސޫރިޔާގެ އަހްލީ ހަނގުރާމައަކީ އެގައުމުގެ ދާހިލީ ކަމެއްކަމަށްވެފައި ސޫރިޔާއިން ތުރުކީއަށް ހަމަލާ ދޭންޖެހޭ އެއްވެސް ސަބަބެއް ނެތުމުން މިނިޒާމު ތުރުކީގައި ރުކުރުވާލުމުގެ ހަގީގީ އަދި ސްޓްރެޓީޖިކް ލަނޑުދަނޑިއަކީ އީރާނާ ކުރިމަތިލުން ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އެމެރިކާ ނޫނީ އިސްރާއީލުން ދީފާނެ ކަމަށް ބެލެވޭ ހަމަލާތަކެއްގެ ރައްދުގައި އީރާނުން ފޮނުވަފާނެ ކަމަށް ބެލެވޭ މިސައިލްތައް މަތަކުރުމަކީ މި ނިޒާމު ތުރުކީގައި ގާއިމްކުރުމުގެ ފޮރުވިފައިވާ ބޭނުންކަމަށް ވަނީ ބެލެވިފަ އެވެ. (އަލްޖަޒީރާ)