06 Jan 2013, 08:10
ވޮޝިންގްޓަން (ޖަނަވަރީ 5) : އެމެރިކާގެ ދިފާއީ ވަޒީރު ލިޔޮން ޕެނެޓާގެ ބަދަލުގައި އެމަގާމަށް ޗޮކް ހެގްލް އައްޔަން ކުރުމަށް ރައީސް ބަރަކް އޮބާމާ މިހާރު ނިންމަވާފައިވާ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ގައުމީ ދިފާއާބެހޭ ދާއިރާތަކުން ބުނެފި އެވެ.
މިދާއިރާތަކުން ބުނިގޮތުގައި ދިފާއީ ވަޒީރު ކަމަށް ހެގްލް ޢައްޔަން ކުރުމަށް ރައީސް އޮބާމާ ނިންމަވާފައިވާކަން އިއުލާން ނުކުރެއްވި ނަމަވެސް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މިގޮތަށް އޮބާމާ މިހާރުވަނީ ނިންމަވާފަ އެވެ. އެމެރިކާއިން ހިމާޔަތާއި ރައްކާތެރިކަން އާދަޔާ ހިލާފަށް ދެމުންގެންދާ އިސްތިއުމާރީ ގައުމެއް ކަމަށްވާ އިސްރާއީލަށް ހެގްލް ހައްދެއްނެތި ތާއީދުކުރައްވާ ކަމާމެދު އިދިކޮޅު ޖުމްހޫރީ ޕާޓީންނާއި އެމެރިކާގައި ނުފޫޒުގަދަ ޔަހޫދީ ޖަމާއަތްތަކުން ގެންދަނީ ޝައްކުގެ ނަޒަރަކުން ބަލަމުންނެވެ.
އެމެރިކާއަކީ ބޭއިންސާފުގައިވެސް މުޅިން އިސްރާއީލުގެ ކޮޅަށްޖެހި ހުސްވުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމެވެ. އެހެންކަމުން އެމެރިކާގެ އިސްމަސްއޫލުވެރިންނަކީވެސް ހުރިހާ ގޮތަކުން އިސްރާއީލަށް ވަފާތެރި ބޭފުޅުންނަށް ވުމަކީ އެބޭފުޅުންގައި ހުންނަންޖެހޭ ނުރަސްމީ ޝަރުތެއްގެ ގޮތުގައި ބަލާ ޓްރެޑިޝަނެއް ޒަމާނުއްސުރެ އެމެރިކާގައި އޮންނަ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. އިސްރާއީލަށް ވަފާތެރި ވުމުގެ ޝަރުތު، ހެގްލްގެ ކިބާގައި އެންމެ ފުރިހަމައަށް ހުރިކަމާމެދު ޝައްކުއުފެދިފައިވާތީ އޭނާ ދިފާއީ ވަޒީރު ކަމުގެ މަގާމަށް އައްޔަން ކުރެއްވި ނަމަވެސް ސެނެޓުން އޭނާއަށް ރުހުން ނުދިނުމަކީ އެކަށީގެންވާ ކަމެއްކަމަށް މިރިޕޯޓްތައް ބުނެ އެވެ.
މިއަޑުތަކާގުޅިގެން ދިފާއީ ވަޒީރުކަމަށް ހެގްލް އައްޔަން ކުރުމުގެ ކަންތަކުގައި އޮބާމާ ފަހަތަށް ޖެހިވަޑައިގެންފިނަމަ މިއީ ރިޔާސީ ދެވަނަ ދައުރުގެ ކެބިިނެޓަށް ވަޒީރުން އައްޔަންކުރުމުގައި އޮބާމާ ކުރިމަތިވެވަޑައިގަންނަވާ ދެވަނަ ލަދުވެތިކަމަށް ވެގެންދާނެ އެވެ. ހިލަރީ ކްލިންޓަންގެ ބަދަލުގައި އެމެރިކާގެ ހާރިޖީ ވަޒީރު ކަމަށް އދ. ގައި ހުންނަވާ އެމެރިކާގެ މަންދޫބާ ސޫޒާން ރައީސް އައްޔަން ކުރެއްވުމަށް އޮބާމާ ނިންމެވި ނިންމެވުންވެސް ބަދަލުކުރައްވައި ސުޒާންގެ ބަދަލުގައި ޖޯން ކެރީ އެމަގާމަށް އައްޔަންކުރެއްވުމަށް އޮބާމާ އެންމެ ފަހުން ނިންމަވާފައިވަނީ ސެނެޓުގެ ދެކޮޅު ހެދުންތަކާ ކުރިމަތިވެވަޑައިގަންނަވާނެކަން ކަށަވަރުވެ ވަޑައިގަތުމުން ކަމަށް ހަބަރު ލިބެ އެވެ. (އަލްޖަޒީރާ)