06 Jan 2013, 03:00
ނ. އަތޮޅު ފޮއްދޫ އާއި ލަންދޫގައި ޕްރީ ސްކޫލް އިމާރާތްކޮށްދެއްވަން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ނިންމަވައިފި އެވެ. ސިޔާމް މިކަން އިއުލާނު ކުރެއްވީ އެމްޑީއޭ އުފެއްދުމަށް ފަހު އެ ޕާޓީ އަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ދެ ރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު މެންދުރުފަހު ފޮއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ސިޔާމް ވިދާޅުވީ މި އަހަރުގެ ތެރޭގައި އެ ރަށު ޕްރީސްކޫލުގެ ބިންގާ އެޅިގެންދާނެ ކަމަށެވެ.
ފޮއްދޫގައި ސިޔާމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފޮއްދޫ އަކީ އާބާދީގެ ގޮތުން ކިތަންމެ ކުޑަ ރަށެއް ކަމަށްވީ ނަމަވެސް އެރަށަށް އެމްޑީއޭގެ ފަރާތުން ދޭ ސަމާލުކަން ކުޑަ ނުވާނެ ކަމަށެވެ. އެ ގޮތުން ކިތަންމެ ކުޑަ ރަށެއް ނަމަވެސް ހަަމަހަމަ ކަމާއެކު ހުރިހާ އަސާސީ ހައްގެއް ދެވެން ޖެހޭނެ ކަމަށާއި އެއްވެސް ރައްޔިތަކު ބާކީ ބާކީކޮށްގެން ނުވާނެ ކަމަށެވެ.
"ތިޔަ ބޭފުޅުންނަކީ ވެސް ހަމަ އެހެން ރައްޔިތުން ފަދަ ރައްޔިތުން. ތިޔަ ބޭފުޅުންނަށް ވެސް މި ރާއްޖޭގެ އެހެން ރައްޔިތުންނަށް ލިބޭ ހުރިހާ އަސާސީ ހައްގެއް ލިބެން ޖެހޭނެ. އެކަމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން." ސިޔާމް ވިދާޅުވި އެވެ.
ފޮއްދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުގެ އިތުރުން ނައިބު ލީޑަރުން ކަމަށްވާ އައިޝަތު ރަފިއްޔާ އާއި އަލީ މައުރޫފު ވާހަކަދެއްކެވި އެވެ.
މިރޭ ލަންދޫ ސްކޫލުގައި ބޭއްވި އެމްޑީއޭގެ ޖަލްސާގައި ސިޔާމް ދެއްކެވި ވާހަކަފުޅުގައި ގައުމު ބިނާ ކުރުމަށް ޓަކައި ތައުލީމީ ދަރީން ތަކެއްގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ. އަދި ގައުމު މިހާރު މި އޮތީ ވަރަށް ދަށު ދަރަޖައިގެ ހާލަތެއްގައި ކަމަށާއި އެހެން ވާން ޖެހެނީ ހެޔޮލަފާ ވެރީން ވެރިކަމަށް ނާންނާތީ ކަމަށް ވިދާޅުވި އެވެ. އަދި ވެރިކަމަށް އަންނަ ވެރީން ވާން ޖެހޭނީ ރައްޔިތުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް ދަންނަ އަދި އެ އިހުސާސް ތަކަށް އިހުތިރާމް ކުރާ މީހުންނަށް ކަމަށް ސިޔާމް ވިދާޅުވި އެވެ. ދޮގާއި މަކަރު ހަދައި ރައްޔިތުންނަށް ކަންކަން އޮޅުވާލާ ލީޑަރުން ރައްޔިތުންގެ ކުރިމައްޗަށް އައިސްގެން ނުވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.
ލަންދޫގައި ބޭއްވި ޖަލްސާގައި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު ދެއްކެވި ވާހަކަފުޅުގައި އެރަށު ސަގާފީ ކުޅިވަރު ކުޅެން ބޭނުންކުރާ ސްޓޭޖް މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އެތަން ރަނގަޅު ފެންވަރަކަށް ވަރަށް އަވަހަށް ހައްދަަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އޭނާ އަކީ ނ. އަތޮޅަށް އުފަން ދަރިއެއް ކަމަށާއި އެ ސަބަބަށް ޓަކައި ލަންދޫ އާއި މެދު ޚާއްސަ ލޯތްބެއް ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން އެއްވެސް ހާލެއްގައި ލަންދޫ އަށް ދެރަ ގޮތެއް ވާން ދޫކޮށް ނުލައްވާނެ ކަމަށް މައުރޫފު ވިދާޅުވި އެވެ.
މި ޖަލްސާގައި އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލް ތަރި މުހައްމަދު އަނީސް ދެއްކެވި ވާހަކަފުޅުގައި އެމްޑީއޭގެ ފަރާތުން ޒުވާނުންނާއި ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމަށް ޚާއްސަ ސަމާލު ކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވަރަށް ކައިރި މުސްތަގުބަލެއްގައި ލަންދޫގައި ވޮލީ ކޭމްޕަކާއި ފުޓްބޯޅަ ޓްރެއިނިން ޕްރޮގްރާމެއް ފަށްޓަވާނެ ކަމަށް ވިދާޅުވި އެވެ.
ލަންދޫގައި މި ބޭއްވި އެމްޑީއޭގެ ޖަލްސާގައި ޕާޓީގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އަދި ޢާއިޝަތު ރަފިއްޔާ ވެސް ވާހަކަދެއްކެވި އެވެ. މީގެ އިތުރުން ޕާޓީގެ ކައުންސިލް މެންބަރުންނާއި ލަންދޫގެ ބައެއް ރައްޔިތުން ވެސް ވާހަކަ ދެއްކެވި އެވެ. މި ޖަލްސާގެ ތެރޭގައި ލަންދޫގެ ބައެއް ރައްޔިތުން ވަނީ އެމްޑީއޭ އަށް ސޮއި ކޮށްފަ އެވެ.
އެމްޑީއޭގެ ފަރާތުން އަތޮޅު ތެރޭގައި ހުޅުވި ޕާޓީގެ ދެވަނަ އޮފީސް ވެސް ވަނީ މިރޭ ލަންދޫގައި ހުޅުވައިދެއްވާފަ އެވެ. މި އޮފީސް ހުޅުއްވައިދެއްވީ ޕާޓީގެ އިންތިގާލީ ލީޑަރު އަހުމަދު ސިޔަމާއި ނައިބު ލީޑަރު އަހުމަދު އާމިރެވެ.