ރިސޯޓެއްގެ ގޮތަށް ހިންގުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ކުލަބްފަރު (ކ. ފަރުކޮޅުފުށީ) ގެ ކުލީގެ މުއްދަތު ހަމަވެފައިވާތީ އެތަން ހުސްކުރަން ޓޫރިޒަމް މިނިސްޓްރީން ދިން މުއްދަތު ހަމަވިއިރު އެތަން ހުސްކޮށްފައި ނުވާތީ ޓޫރިޒަމް މިނިސްޓްރީން އެ ރިސޯޓަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ގ. ކާކީގޭ އަލްމަރުހޫމް ހުސައިން ޝާކިރަށް ވަގުތީގޮތުން ދޫކޮށްފައިވާ އެ ރިސޯޓުގެ މުއްދަތު ހަމަވުމުން، އެތަން މިނިސްޓްރީއާ ހަވާލު ކުރަން އެންގި އެންގުމަށް އަމަލު ނުކުރުމުން އެ މިނިސްޓްރީން މިރޭ އެ ރިސޯޓަށް ގޮސް އެތަނާ ވަގުތީގޮތުން ހަވާލުވެފައިވާ ކަމަށެވެ. އަދި އެރަށަށް ދިޔަ މިނިސްޓްރީގެ ޓީމްގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް އަބްދުލްޣަފޫރު ބައިވެރިވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިރޭ 7:30 އެހާކަންހާއިރު މިނިސްޓްރީގެ ޓީމެއްގޮސް އެ ރިސޯޓާއި ހަވާލުވި އިރު އެތަނުގެ މެނޭޖްމެންޓްގެ ފުރިހަމައެއްބާރުލުން ވެސް ލިބުނު ކަމަށެވެ. އަދި މިހާރުވެސް އެތަނުގައި ޓޫރިސްޓުން އުޅޭ ކަމަށާއި މިނިސްޓްރީން އެހެންގޮތެއް ކަނޑައަޅުމާ ހަމައަށް ދެން އެ ރިސޯޓުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ޓޫރިޒަމް މިނިސްޓްރީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މިރޭ ކްލަބްފަރު ރިސޯޓާ މިހަވާލުވީ. މިވަގު ވެސް މިތަނުގައި ޓޫރިސްޓުން އެބައުޅޭ. މިނިސްޓްރީން ވަކިގޮތެއް ކަނޑައަޅަން ދެން މި ރިސޯޓުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ޓޫރިޒަމް މިނިސްޓްރީން،" އޭނާ ވިދާޅުވި އެވެ.

މިރޭ އެ ރިސޯޓް ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގަނައި ނަމަވެސް މިހާތަނަށް ރިސޯޓު ހިނގަމުންއައި މީހުންނަށް އެމީހުންގެ އަމިއްލަ ތަކެތި ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް މިހާރު ނިންމާފައިވާކަމަށް ވެސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.