05 Jan 2013, 22:08
އަންހެން ކުއްޖަކާ އެކު ބަދުއަޚުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ގޭބަންދަށް ބަދަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ އޭނާ ގޭބަންދަށް ބަދަލުކޮށްފައި ވަނީ ކުރިން އެ ކޯޓުން އިތުރު ކުރި އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން، އިތުރަށް އޭނާ ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް ފުލުހުން މިރޭ އޭނާ ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.
މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ފުލުހުން ހޯރައިއްބެ ހައްޔަރުކޮށްފައި ވަނީ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ކޮޓަރި އެއްގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ބަރަހަނާކޮށް އޮއްވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއާ އެކު އެ އަންހެން ކުއްޖާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.