ތުއްތު ކުއްޖެއްގެ ކަރާމާތާ ރައްކާތެރިކަމަށް ގެއްލުމެއް ދީފައިވާ މީހަކު ޕްރީ ސްކޫލާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިކުރުން މަނާކޮށް ޕްރީސްކޫލް ހިންގުމުގެ ގަވާއިދު ގެޒެޓްކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އެ ގަވާއިދުގައި ތުއްތު ކުއްޖެއްގެ ކަރާމާތާ ރައްކާތެރިކަމަށް ގެއްލުމެއް ދީފައިވާ އެއްވެސް މީހަކު ޕްރީސްކޫލާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރި ކޮށްގެން ނުވާނެ ކަމަށް ބުނެފައިވާއިރު ކޮންމެ ޕްރީސްކޫލެއްވެސް ހިންގަން ޖެހޭނީ އަސާސީ ގަވާއިދެއްގެ ދަށުން ކަމަށް ބުނެފައި ވެއެވެ. އަދި އެ ގަވާއިދު ވޫޖޫދަށް އައުމާ ހަމަޔަށް މިހާތަނަށް ހިންގަމުން އައި ޕްރީސްކޫލްތަކުން 180 ދުވަސް ތެރޭގައި ޕްރީސްކޫލް ހިންގުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ހޯދަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އެ ގަވާއިދުގައި ބުނެފައިވާގޮތުން ޕްރީސްކޫލުން އެއްވެސް ޕްރޮގްރާމެއް ހިންގަންވާނީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ހޯދައިގެންނެވެ. އަދި އެފަދަ ހުއްދައަކަށް އެދޭ އިރު އެ ޕްރޮގްރާމަކީ ރާއްޖޭގެ ތައުލީމީ މަންހަޖުގައި ޕްރީ ސްކޫލް އުމުރުފުރާއަށް ކަނޑައެޅިފައިވާ މިންގަނޑުތައް ހާސިލްކުރެވޭގޮތަށް އެކުލަވާލެވިފައިވާ ޕްރޮގްރާމަކަށް ވާންޖޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.

ކޮންމެ ސްކޫލެއްގައި ވެސް އަސާސީ ގަވާއިދާ އެއްގޮތަށް އެކުލަވާލެވިފައިވާ ސުކޫލް ބޯޑެއް އޮތުމަށް އެ ގަވާއިދުގައި ލާޒިމް ކޮށްފައިވާއިރު، ކޮންމެ އަހަރަކު ވެސް ކުރިއަށް އޮތް އަހަރުގެ މަސައްކަތު ޕްލޭން ތައްޔާރުކޮށް ވަކި މުއްދަތެއްގެ ތެރޭގައި އެރަށެެއްގެ ކައުންސިލަށް ހުށަހެޅުމުގެ ޒިންމާ އެ ގަވާއިދުން ވަނީ ސްކޫލް ބޯޑާއި ހަވާލުކޮށްފަ އެވެ.

ޕްރީ ސްކޫލް ޓީޗަރުންގެ މަސައްކަތު ވަގުތު ކަނޑައަޅަން ޖެހޭނީ ސަރުކާރުގެ އާންމު މަސައްކަތު ވަގުތާ އެއްގޮތަށް ކަމަށް ގަވާއިދުގައި ބުނެފައިވާއިރު ޕްރީ ސްކޫލްގެ ޓީޗަރުންގެ އަދަދު
ކަނޑައަޅަން ޖެހޭނީ ދަރިވަރުންގެ ޖުމްލަ އާބާދީގެ ކޮންމެ 25 ކުއްޖަކަށް ޓީޗަރެއް ކަމަށް އެ ގަވާއިދުގައި ބުނެފައި ވެއެވެ.

އެ ގަވާއިދުގައި ވާގޮތުން ޕްރީސްކޫލްގެ ވަޒީފާއަށް ހަމަޖައްސާ މީހުންނާއި ވަޒީފާއިން ވަކި ކުރާ މީހުންގެ އިތުރުން އެކި އެކި ޚިދުމަތް ދިނުމަށް އުޖޫރަދޭގޮތަށް ސްކޫލުގައި ގެންގުޅޭ މީހުންގެ މައުލޫމާތު އެމީހަކު އައްޔަން ކުރެވޭތާ ތިން ދުވަހުގެ ތެރޭގައި ރަށު ކައުންސިލަށް އަންގަން ޖެހެވެ.