29 Sep 2010, 10:18
ހަތަރު މަސް ދުވަހުގެ ތެރޭގައި ކޫއްޑޫ ފިޝަރީޒަށް ހަ މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
ސަރުކާރުގެ 100 ޕަސަންޓު ހިއްސާވާ ގޮތަށް މިއަހަރުގެ މޭމަހު އުފެއްދި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓްގެ ޗެއާމަން އާދިލް ސަލީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަހުގެ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާއި މަސް ބޭނޭ މިންވަރަށް ބަލައި ކުންފުންޏަށް ލިބޭ އާމްދަނީއަށް ބަދަލު އަންނަ ކަމަށެވެ. އެގޮތުން ކުންފުނި އުފެއްދީއްސުރެ މިހާތަނަށް ހަ މިލިއަން ރުފިޔާގެ ފައިދާއެއް ކޫއްޑޫއަށްވެފައިވާ ނަމަވެސް، ނިމިދިޔަ ބައެއް މަސްތަކުގެ ތެރޭގައި ކުންފުންޏަށް ގެއްލުން ވެސް ވެފައިވާކަމަށެވެ. ވިދާޅުވީ މަސްވެރިކަން ދަށްވުމުގެ ސަބަބުން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ކުންފުންޏަށް ނުވަ މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށެވެ.
އިންވެސްޓް މޯލްޑިވްސްއާ ވެސް ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް އާދިލު އިތުރަށް ވިދާޅުވީ، މަހުގެ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، އިތުރު ގެއްލުން ލިބުން ސަލާމަތްކުރުމަށްޓަކައި، ކުންފުނީގެ މަސައްކަތްތައް ބައެއް ފަހަރު ހުއްޓާލަންޖެހޭ ކަމަށާއި ނަމަވެސް މިހާރު ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަހަށް ވަރަށް ރަނގަޅު އަގު ލިބޭ ކަމަށެވެ.
އާދިލު އިތުރަށް ވިދާޅުވީ، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށްޓަކައި، ބޭރުގެ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެގޮތުން ޖަޕާނު ބާޒާރަށް އެކްސްޕޯޓްކުރާ އުސޫލު ބަދަލުކޮށް، ސީދާ ޖަޕާނު ބާޒާރަށް މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށްޓަކައި އިންޑަސްޓްރީގައި އުޅޭ ޖަޕާނުގެ އެންމެ މަތީ ފަންތީގެ ކުންފުންޏަކާ ކުންފުންޏަކާ މަޝްވަރާކުރެވެމުންދާ ކަމަށެވެ.