05 Jan 2013, 19:51
އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ މަގެއްގެ މަތީގައި ދުއްވާފައި ދިޔަ ބަހެއްގެ ތެރޭގައި ހަ ފިރިހެނުން ވެގެން ރަހުމު ކުޑަގޮތަކަށް ރޭޕްކުރުމަށް ފަހު ޖިސްމާނީ އެތަކެއް އަނިޔާތަކެއް ދިނުމުގެ ސަބަބުން މަރުވި 23 އަހަރުގެ އަންހެން މީހާގެ ބައިވެރިޔާ ފުރަތަމަ ފަހަރަށް އެކަމާގުޅޭ ގޮތުން މީޑިޔާގައި ވާހަކަ ދައްކައިފި އެވެ.
އެއްފައި ބިނދިފައިވާ ހާލުގައި ފުރޮޅުލީ ގޮނޑިއެއްގައި އިށީނދެ އިނދެގެން، މިހާތަނަށް އެސްވެސް ފަރާތަކުން އޭނާގެ ނަން ހާމަކޮށްފައި ނުވާ އަންހެން މީހާގެ ފިރިހެން ބައިވެރިޔާ ހުކުރު ދުވަހު އިންޑިޔާގެ ޒީނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ހުސްވި ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެރޭ އެދެމީހުން ސިނަމާއެއްގައި "ލައިފް އޮފް ޕައި" ކިޔާ ފިލްމެއް ބެލުމަށްފަހު އެނބުރި ގެޔަށް ދިއުމަށްޓަކައި މަގުމަތިން އޮޓޯ ރިކްޝާއެއް ފަދަ އެއްޗެއް ލިބޭތޯ މަސައްކަތްކޮށް އެފަދަ ދުއްވާ އެއްޗެއް ލިބޭގޮތް ނުވުމުން އެހެން ދުއްވާފައި ދިޔަ ޕްރައިވެޓް ބަހެއް ހުއްޓުވައިގެން އެޔަށް ދެމީހުން އެރި ކަމަށެވެ. އަދި ބަހައް އެރިތާ އިރުކޮޅެއް ފަހުން އޭގެތެރޭގައި ތިބި މީހުން އެމީހުންނާ ފޮށި ދިމާކުރަން ފެށިކަމަށެވެ.
"އެމީހުންގެ ހަމާލާތައް ވަރަށްވެސް އަނިޔާވެރި. އަހަންނަށް އެވާހަކަތައް ކިޔައިދޭންވެސް އުނދަގޫ... ޖަނަވާރުތަކެއްވެސް ކަންތައް ނުކުރާނެ ގޮތަށް އެމީހުންގެ އަމަލުތައް ހުރީ،" އަންހެން މީހާގެ ބައިވެރިޔާ ކިޔައި ދިނެވެ. "އޭގެތެރެއިން ތިން މީހުނަށް އަހަރެންވެސް ރައްދުގައި ވަރުގަދަ ހަމަލާއެއް ދެވޭތޯބެލިން. އެމީހުންގެ ހަށިގަނޑުގައި އަހަރެންވެސް ވަރަށް ބާރަށް ޖެހިން. އެކަމަކު އޭގެތެރެއިން އިތުރު ދެމީހަކު އައިސް އަހަންނަށް ދަގަނޑު ރޮޑަކުން ހަމަލާދިނީ... އަންހެން ކުއްޖާ މަސައްކަތް ކުރި ޕޮލިހަށް ގުޅަން. އެކަމަކު އެމީހުން އަންހެން މީހާގެ އަތުން ފޯނުޖަހައިގަތުމަށްފަހު އޭނާ ގެންދިޔައީ ފަހަތު ސީޓަށް. ދެން އަންހެން މީހާއަށް ދަގަނޑު ބުރިއަކުން ހަމަލާ ދިނުމަށްފަހު އެމީހުންގެ ތެރެއިން ފަހަރަކު މީހަކު އޭނާ ރޭޕްކުރަމުން އަނިޔާ ދެމުން ގެންދިޔަ. އެގޮތަށް ދެގަޑިއިރާ ބައިގަޑިއިރު ވަންދެން އެމީހުން އޭނާގެ އިއްފަތްތެރިކަން ފޭރެމުން އޭނާއަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ދެމުން ގެންދިޔަ. އަދި އަހަރެމެން ދެމީހުން އޮރިޔާން ހާލުގައި މަގުމަށްޗަށް އެއްލާލުމުގެ ކުރިން އެމީހުންގެ ތެރެއިން ބުނި އަޑުއެހިން އަންހެން މީހާ މަރުވެއްޖެ ހެންނޭ ހީވަނީ،" އޭނާ އަސަރާ އެކު ކިޔައި ދިނެވެ.
އޭނާ ބުނީ އެ ހަމީހުން ވެގެން ރަހުމްކުޑަ އެ ޢަމަލު ހިންގުމަށްފަހު އެ ދެމީހުން އޮރިޔާން ހާލުގައި ހަށިގަނޑުގެ އެތަން މިތަނުން ލޭއޮހޮރި އޮހޮރި އޮއްވާ މަގުމައްޗަށް އެއްލާލީ ކަމަށެވެ. އަދި އެހީގެ އަތެއް ލިބޭތޯ އޭނާ އެހެންދިޔަ އެތައް ބަޔަކަށް ގޮވާ އާދޭސްކުރި ކަމަށާއި އެހެން ނަމަވެސް އެއިގެ ތެރެއިން ގިނަބަޔަކު އަޅާނުލާ ދިޔަ އިރު އެހެން މީހުން މަޑުކޮށްލާފައި އެމީހުންނާ ދިމާއަށް ބަލާލާފައި ދަނީ ކަމަށެވެ.
"އަހަރެންގެ އެކުވެރިޔާ އަށް އޮތީ ވަރަށް ބޮޑަށް އަނިޔާކޮށްފައި އަދި އޭނާގެ ހަށިގަނޑުން ދިޔައީ ލޭތައް އޮހޮރެމުން. އެކަމަކު ކާރާއި ސައިކަލު އަދި އޮޓޯފަދަ ތަކެތީގައި ދިޔަމީހުން ކުޑަކޮށް މަޑުކޮށްލާފައި އޮރިޔާން ހާލުގައި އޮތް އަހަރެމެން ދެމީހުންނާ ދިމާއަށް ބަލާލާފައި ދަނީ. އެމީހުން އެއްވެސް ކަމެއް ކޮށް ނުދިން،" ފިރިހެން މީހާ ކިޔައި ދިނެވެ.
އޭގެ ވިއްސަކަށް މިނެޓްފަހުން ޕޮލިސް ތިން ވޭނެއް އެހިސާބަށް އައި ކަމަށާއި އަދި އޭނާ ޕޮލިހުންގެ ކައިރީ އެމްބިއުލަންސެއް ގެނެސްދިނުމަށާއި އެދެމީހުންގެ އޮރިޔާން ނިވާކުރާނޭ އެއްޗެއް ދޭށޭ ބުނެ އާދޭސް ކުރުމުންވެސް އެމައްސަލައާ ބެހޭގޮތުން އެތަނަށް ޕޮލިހުން ވާހަކަ ދައްކަން ތިބި ކަމަށެވެ. އަދި އެދެމީހުން އެތިބި ހާލުގައި ހޮސްޕިޓަލަށް ގެންގޮސް ދިނީވެސް އޭގެ އެތައް އިރެއް ފަހުން ކަމަށްވެސް އޭނާ ބުންޏެވެ.
"އެންމެ ފަހުން ފުލުހުން އަހަރުމެން ދެމީހުން ހޮސްޕިޓަލަށް ގެންދިޔަ. އަދި އަންހެން މީހާ އަށް ފަރުވާދިނުމަށް އެތެރެއްއަށް ވައްދާފއި އަހަރެއް އޮރިޔާން ހާލުގައި ހޮސްޕިޓަލުގެ ތަޅުންމަތީ ގަޑިއިރުތަކެއް ވަންދެން ބޭއްވި،" ފުލުހުން އެކަމުގައި އިހުމާލުވެފައިވާ މިންވަރު ހާމަކޮށްދެމުން ފިރިހެން މީހާ ކިޔައިދިނެވެ.
އަންހެން ކުއްޖާގެ ބައިވެރިޔާ އިތުރަށް ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު އޭނާއަށް އެއްވެސް ފަރުވާއެއް ދީފައި ނުވާކަމަށާއި ހަތަރު ދުވަސްވަންދެން ފުލުހުންގެ ތަހުގީގަށް އޭނާ ހޮސްޕިޓަލުގައި ބެހެއްޓި ކަމަށެވެ.
ފިރިހެންމީހާ ބުނީ އޭނާގެ ބައިވެރިޔާއާ ބައްދަލުކުރުމަށް ފަހުން ހޮސްޕިޓަލަށް ޒިޔާރަތް ކުރިކަމަށެވެ. އަދި އެމީހުންނަށް އެ ލާއިންސާނީ އަނިޔާތައް ދިން އެންމެން ޕޮލިހުން ހައްޔަރު ކުރިކަމުގެ މައުލޫމާތު އޭނާއަށް ދިންކަމަށެވެ. އަދި އޭނާ ސިފަކުރީ އޭނާގެ ރަހުމަތްތެރި އަންހެންނާއަކީ ހިތްވަރުގަދަ ކެރޭ އަންހެނެއްގެ ގޮތުގަ އެވެ.
"އަހަރެންގެ ރަހުމަތްތެރިޔާ ވަނީ އޭނާގެ ހިތްވަރުން މީސްތަކުން ރަނގަޅަށް ހޭލަށްވާފައި. އޭނާ އެ ހާދިސާއާ ބެހޭ ހުރިހާ ވާހަކަތަކެއް މެޖިސްޓްރޭޓަށް ކިޔައިދިން. އޭގެތެރޭގައި އަހަރެމެންނަށް ކިޔައިދިނުމުގެ ހިތްވަރު ނެތް އެތައް ވާހަކަތަކެއް އޭނާ ކިޔައިދިން. އަދި އޭނާ އަހަރެން ކައިރީ ބުނީ ތިމަންނަ ބޭނުމޭ އެ ރަހުމްކުޑަ ޢަމަލު ހިންގި އެންމެން ދިރިތިއްބާ އަންދާލާތަން ދެކެން،" އިތުރު ފަރުވާދިނުމަށް ސިންގަޕޫރުގެ މައުންޓު އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ޑިސެމްބަރު 29 ވަނަ ދުވަހު ދުނިޔެ ދޫކުރި އަންހެންމީހާއާ ބެހޭގޮތުން އޭނާގެ ފިރިހެން އެކުވެރިޔާ ޒީ ނިއުސް އަށް ކިޔައިދިނެވެ.
އަދި އޭނާ ބުނީ ޓީވީ އިންޓަވިއުއެއް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، އޭނާ އުއްމީދުކުރާ ގޮތުގައި އެވާހަކަތައް އެންމެންނާ ހިއްސާ ކުރުމުން އެފަދަ ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ލަދުވެތިކަން އެއްފަރާތްކޮށް އެފަދަ ވާހަކަތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް އަންހެނުންނަށް ހިތްވަރެއް ލިބިގެންދާނޭކަމެއް ކަމަށް އޭނާ އުއްމީދު ކުރާތީ ކަމަށެވެ.
ދައުލަތުން ވަނީ އަންހެންމީހާ ރޭޕުކުރުމުގައި ބައިވެރިވި ހަމީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމާއި، ގޭންގުހަދައިގެން މާރާމާރީހިންގުމާއި މީހުން މެރުމާއި ވައްކަންކުރުމާއި އަދި އަންހެނުންގެ އިފަތްފޭރުންފަދަ ބޮޑެތި ކުއްތަކަށް ތުހުމަތު ކޮށްފަ އެވެ.
އެކަމުގައި ބައިވެރިވި ހަމީހުންގެ ތެރޭގައި ހިމެނޭ ރާމްސިންގު ކިޔާ މީހަކާއި މުކޭޝް ކިޔާ މީހަކާއި ޕަވަން ގުޕްތާ ކިޔާމީހަކާއި ވިނޭ ޝަރުމާ ކިޔާމީހެއްގެ އިތުރުން އަކްޝޭ ތާކުރު އަންނަ ހޯމަދުވަހުގެ 12:30ށް ކޯޓަށް ހާޒިރު ކުރުމަށް މިއަދު ވަނީ އަމުރު ކޮށްފަ އެވެ. އަދި ހަމީހުންގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުއްޖާގެ މައްސަލަ ކުރިއަށް ގެންދާނީ ޖުވެނައިލް ކޯޓުގަ އެވެ.