05 Jan 2013, 16:10
އެމެރިކާގެ ހުޅަނގު ދެކުނުގެ ސްޓޭޓެއް ކަމަށްވާ އެލަސްކާގެ އައްސޭރިފަށަށް 7.7 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފި އެވެ.
ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ބިންހެލުމުގެ އެ ހާދިސާ ހިނގާފައިވަނީ ޖީއެމްޓީ ގަޑިން މިއަދު ހެނދުނު 8:58 (ރާއްޖޭ ގަޑިން މެންދުރު 1:58) ގައި ކަމަށާއި ބިންހެލުން އައިސްފައިވަނީ ކަނޑުގެ ގާތްގަނޑަކަށް 9.6 ކިލޯ އަޑިން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެ ހާދިސާ ހިނގި ހިސާބާ އެންމެ ކައިރީގައި އޮތީ 102 ކިލޯ މީޓާރު ދުރުގައި އޮންނަ އަލަސްކާގެ ސިޓީއެއް ކަމަށްވާ ކްރެއިގު އެވެ.
މިހާތަނަށް އެ ހާދިސާގައި އެއްވެސް ތަނަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ލިބިފައިވާކަމަށް ރިޕޯޓް ކޮށްފައެއް ނުވެ އެވެ.
ޕެސިފިކް ސުނާމީ ވޯނިންގް ސެންޓަރުން ބުނެފައިވަނީ ބޮޑު ސުނާމީއެއް އުފެދިދާނެކަމަށް ލަފާ ނުކުރެވުނު ނަމަވެސް އެހިސާބުގަނޑާ ކައިރީ ތަންތަނަށް މިވަގުތު ވަނީ ސުނާމީ ވޯނިންގް ދީފައި ކަމަށެވެ. އޭގެ ތެރޭގައި އަލަސްކާގެ އިތުރުން ބްރިޓިޝް ކޮލަމްބިއާ ހިމެެނެ އެވެ.