ރާއްޖޭގެ އެކި ވަޒީފާތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 79،777 އަށް އަރާ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 80،000އަށް ގާތްކޮށްފި އެވެ. މިއީ ރާއްޖެ ފަދަ ތިން ލައްކައިގެ ކުޑަ އާބާދީއެއްގައި ވަރަށް ބޮޑު އަދަދެކެވެ.

އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނުންގެ އަދަދު ވަނީ 73629 އަށް އަރާފައިވާއިރު އަންހެނުންގެ އަދަދު 6184 އަށް ވަނީ އަރާފަ އެވެ. އެންމެ ގިނަ އަދަދަށް ބިދޭސީ މީހުން މަސައްކަތް ކުރަނީ ކޮންސްޓްރަކްޝަން ދާއިރާގަ އެވެ. އެ ދާއިރާގައި 34260 މީހަކު އުޅެ އެވެ. ދެ ވަނައަށް އެންމެ ގިނަ ބިދޭސީން އުޅެނީ ޓޫރިޒަމް ދާއިރާގަ އެވެ. އެ ދާއިރާގައި 13488 މީހަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މަސްވެރިކަމުގެ ދާއިރާގައި 1103 މީހަކު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހޮޓާ ރެސްޓޯރަންޓް އަދި ކެފޭތަކުގައި 4595 މީހަކު ވަޒީފާ އަދާކުރަމުން އަންނަ އިރު ތައުލީމީ ދާއިރާގައި 2114 މީހަކު މަސައްކަތްކުރެ އެވެ. ފައިނޭންސް ސެކްޓާގައި 6860 މީހަކު އުޅޭއިރު ކޮމިއުނިޓީ އަދި ސޯޝަލް އެކި ހިދުމަތްތަކުގައި 9949 މީހަކު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން 2010 ވަނަ އަހަރު ކުރެވުނު ސާވޭއަކުން ހާމަވާ ގޮތުން ރާއްޖޭގެ އާބާދީގެ ތެރެއިން 98393 މީހަކު ވަޒީފާތަކަށް ނުކުމެ އެވެ. ވަޒީފާއެއްނެތި 38493 މީހަކު އެބަތިއްބެވެ. އެ ސާވޭން ފެންނަ ގޮތުގައި މުޅި ރާއްޖޭގައި ވަޒީފާނެތް މީހުންގެ ނިސްބަތް ހުރީ 28.1 ޕަސެންޓްގަ އެވެ.

ރާއްޖޭގައި އެންމެ ގިނައިން އުޅެނީ ބަގްލަދޭސްގެ ރައްޔިތުން ކަމަށްވާއިރު އެ މީހުންގެ ތެރެއިން 69 ޕަސެންޓް މީހުން އުޅެނީ ގަވާއިދާއި ހިލާފަށެވެ. އަދި ބާކީ ތިބި އެހެން ގައުމުތަކުގެ މީހުންގެ ތެރެއިންވެސް 18 ޕަސެންޓް މީހުން އުޅެނީ ގަވާއިދާއި ހިލާފަށެވެ. ރާއްޖޭގައި ގަވާއިދާއި ހިލާފަށް 45758 އުޅެމުންދެ އެވެ. އެގޮތުން އެ ފަރާތްތަކުގެ އަތުން ދައުލަތަށް 168.4 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެއީ 2009 ވަނަ އަހަރުގެ ނިޔަލަށް 25.4 މިލިއަން ރުފިޔާ އާއި 2010 ވަނަ އަހަރު 83.4 މިލިއަން ރުފިޔާ އަދި 2011 ގެ ޖޫންގެ ނިޔަލަށް 59.6 މިލިއަން ރުފިޔާ ބިދޭސީންގެ ވިސާ ފީގެ ގޮތުގައި ލިބެންޖެހެ އެވެ.