05 Jan 2013, 14:28
ޅ. ކުރެންދޫ ކުރެންދޫ އެޑިޔުކޭޝަން، އެންވަޔަރަންމަންޓް އެންޑް ސްޕޯޓްސް އެސޯސިއޭޝަން (ކީސާ) އިން އިންތިޒާމްކޮށްގެން ބާއްވާ، ބަށި މުބާރާތެއް އެ ރަށުގައި ފަށައިފި އެވެ.
ޖުމްލަ ހަތަރު ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ކޮންމެ ޓީމެއް ބައްދަލުކޮށް، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓިމެއް ފައިނަލަށްދާ ގޮތަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި މިމުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ ޒިފިޔަސް ސްޕޯޓްސް ކުލަބާއި ހުދުހާ ސްޕޯޓްސް ކުލަބާއި ފައުނާ ސްޕޯޓްސް އަދި ރަކާ ސްޕޯޓްސް ކުލަބެވެ.
މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކީސާ ޖަމްއިއްޔާގެ އިސް އޮފިސަލުކު ސަންއަށް މައުލޫމާތު ދެމުން ބުނީ، މިމުބާރާތަކީ ކިސާ ޖަމްއިއްޔާގެ ފަރާތުން އަލަށް ބާއްވާ މުބާރާތެއް ކަމަށާއި އެހެންކަމުން ކުރެންދޫ އަންހެނުންގެ މެދުގައި ކުޅިވަރަށް ކުރާ ލޯއްބާއި ބަށި ކުޅުމަށާއި ކުރެންދޫގައި ބަށި ކުޅުން އާލާކުރުމަށް އިތުރު ހިތްވަރެއް ލިބެމުން އަންނާނެ ކަމަށެވެ.
ކުރެންދޫ ކައުންސިލް މެންބަރު މުހައްމަދު އަބްދުއް ސަމަދު ވިދާޅުވީ، ރަށުގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ކީސާއިން އިސްނަގާގެން ކުރިއަށްގެންދާ ބަށި މުބާރާތައް ކައުންސިލް އިދާރާގެ ފުރިހަމަ އެއްބާރު ލުން ދެމުން އަންނަ ކަމަށެވެ. އަދި ކުރެންދޫ އަކީ ކުޅިވަރަށް ލޯބި ކުރާ ރަށަކަށް ހެދުމަށް ކައުންސިލް އިދާރާއިން ނުހަނު ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައި ވާކަމަށް ވެސް އަބްދުއް ސަމަދު ވިދާޅުވިއެވެ.