އިމާރާތުގެ ކުލިދިނުމަށް ސަރުކާރުން އެއްބަސްނުވާނަމަ ޕޮލިސް ސްޓޭޝަން ހިންގުމަށް އިމާރާތެއް ދޫކުރެވެން ނެތްކަމަށް ގއ. ކޮލަމާފުށީ ކައުންސިލުން ބުނެފި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮލަމާފުށީ ކައުންސިލްގެ ރައީސް އަހުމަދު ޖަމީލު މިއަދު ވިދާޅުވީ އެރަށުން ފުލުހުންގެ ޚިދުމަތް މެދުކެނޑިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމް ކުރުމަށް އެތަކެއް ފަހަރު ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް ޕޮލިސް ސްޓޭޝަން ހިންގާނެ އިމާރާތެއް ދުކުރެވޭނީ ސަރުކާރުން މަހުން މަހަށް ކައުންސިލަށް ކުލި ދައްކާ ގޮތަށް ކަމަށް ކައުންސިލުން އެންގުމުން އެގޮތަށް ފުލުހުންގެ ޚިދުމަތް ދޭން ބޭނުންނުވާކަމަށް ސަރުކާރުން ކައުންސިލަށް އަންގާފައިވާ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

"ފެބްރުއަރީ އަށް ވަނަ ދުވަހު ޕޮލިސް ސްޓޭޝަން ކުރިމަތީގައި ހިނގި ހާދިސާއަކާ ގުޅިގެން އެތަން ބަންދުކުރީ. އޭގެ ފަހުން ފުލުހުންގެ ޚިދުމަތް މިރަށަަށް ނުލިބޭތީ، މިރަށުގައި ފުލުހުންގެ ޚިދުމަތް ލިބޭތޯ އަޅުގަނޑުމެން ސަރުކާރުގައި އެދުނިން. ސަރުކާރުން ބުނަނީ އިމާރާތެއް ހަމަޖައްސާ ދޭށޭ. އަޅުގަނޑުމެން ސަރުކާރަށް ދެންނެވިން ކުރިން ވެސް ޕޮލިސް ސްޓޭޝަން ހިންގި އިމާރާތް ކަމަށްވާ މިރަށު ރައްވެހިގެ ޕޮލިސް ސްޓޭޝަން ހިންގުމަށް ދޫކުރެވިދާނެ ކަމަށް. ނަމަވެސް އެތަން ދޫކުރެވޭނީ ސަރުކާރުން ކައުންސިލަށް މަހުން މަހަށް ކުލިދޭ ގޮތަށް ކަމަށް އަޅުގަނޑުމެން ސަރުކާރުގައި ދެންނެވިން. ނަމަވެސް ސަރުކާރުން ބުނީ އެގޮތަށް އެކަން ކުރެވޭ ކަށް ނެތޭ. ސަރުކާރުން ބުނީ ހިލޭ ޚިދުމަތްދޭނެ އިމާރާތެއް ލިބުމުންނޭ ފުލުހުންގެ ޚިދުމަތް ދެވޭނީ،" ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާރާމާރީއާއި ވައްކަންކުރުމާ މަސްތުވާތަކެތީގެ މައްސަލަތައް އެރަށުގައި އިންތިހާއަށް މިހާރު އިތުރުވެފައިވާކަމަށާއި ނަމަވެސް ފުލުހުންގެ ޚިދުމަތް އެރަށުގައި ނެތުމުން އެކަންކަން ހުއްޓުވޭނެ ގޮތެއް ނެތްކަމަށެވެ.

ކޮލަމާފުށީ ކައުންސިލްގެ ޑީއާރްޕީ މެންބަރު އަދުނާން ހަސަން ވިދާޅުވީ ފެބްރުއަރީ އަަށް ވަނަ ދުވަހު އެރަށުން ފުލުހުންގެ ޚިދުމަތް ދިނުން ހުއްޓާލާފައި ވަނީ އެމްޑީޕީއަށް ތާއީދު ކުރާ ބަޔަކު ޕޮލިސް ސްޓޭޝަން ކުރިމައްޗަށް އެއްވެ އެތަނުގައި ހުޅުރޯކުރުމަށް ގޮވައި އެތާގެ އިމާރާތަށާއި ބައެެއް މުދަލަށް ގެއްލުންދީފައިވާތީ ކަމަށެވެ. އަދި ވިދާޅުވީ ފެބްރުއަރީ އަށް ވަނަ ދުވަހު ފޮލިސް ސްޓޭޝަން ކުރިމައްޗަށް އެވި އެއްވުމުގައި އެތަން ބަންދު ކުރުމަށް ފަހު އެތަނުން ނުކުތުމަށް އެތަނުގައި މަސައްކަތް ކުރަމުން ދިޔަ ފުލުހުންނަށް އެމީހުން އިންޒާރުކޮށްފައިވާ ކަމަށެވެ.

"މިރަށުން ފުލުހުންގެ ޚިދުމަތް މެދުކެނޑިފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުން ފެށިގެން. އެކަން އެގޮތަށް ދިމާވާން ޖެހުނު ސަބަބަކީ މިރަށުގައި ތިބި އެމްޑީޕީއަށް ތާއީދު ކުރާ ބެއް މީހުން ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ، އެތަނުގައި ހުޅުރޯކުރުމަށް ގޮވާލައި އެތަނުގެ ދިދަ ބާލައި ނަންބޯޑު ހަލާކުކޮށް އެތާނގެ ބައެއް މުދަލަށް ގެއްލުންދީފައިވާތީ. އަޅުގަނޑު ރައީސް ވަހީދާއި ވެސް ބައްދަލުކޮށް މިރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމް ކޮށްދިނުމަށް އެދުނިން. ނަމަވެސް ސަރުކާރުން ބުނަނީ މިރަށު ކައުންސިލުން ބޭނުންވާގޮތަށް ކުލި ދައްކައިގެން ފުލުހުންގެ ޚިދުމަތް ދެވޭކަށް ނެތޭ،" ޖަމީލު ވިދާޅުވި އެވެ.

ކޮލަމާފުށީގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ފަށާފައި ވަނީ 2006 ވަނަ އަހަރުގެ ތެރޭގަ އެވެ.

ފުލުހުން ބުނެފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހު ފުލުހުންގެ ޚިދުމަތް މެދުކެނޑިފައިވާ ރަށްރަށް އަލުން އެ ޚިދުމަތް ދޫކުރެވޭނީ ޕޮލިސް ސްޓޭޝަންތައް ބަންދުކުރުމަށް ދިމާވި ސަބަބު ބެލުމަށް ފަހު ކަމަށެވެ.