އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫތް ޗެމްޕިއަންޝިޕްގައި ވާދަކުރާ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗަކަމާ ހަވާލުވެފައި ނުވާނެ ކަމަށް އެފްއޭއެމް އަންހެން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސަންޓީމުގެ ހެޑް ކޯޗް އިސްމާއިލް އަނިލް ބުނެފި އެވެ.

ވިކްޓަރީ ޔޫތް ޓީމުގެ ކޯޗް ކަމާ އަނިލް ހަވާލުވިކަމަށް ބުނެ، ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ވިކްޓަރީގެ އިސް އޮފިސަލަކު ސަންއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ޔޫތް ޓީމުގެ ހެޑް ކޯޗަކަށް އަނިލް ހަމަޖެއްސިއިރު، ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖެއްސީ ކުރީގެ ގައުމީ ޓީމް ކުޅުންތެރިޔާ ސޮބާހް މުހައްމަދު ކަމަށެވެ.

ވިކްޓަރީ ޔޫތް ޓީމުގެ ކޯޗް ކަމާ ހަވާލު ނުވާކަމަށް ބުނެ ރޭ ސަންއަށް މައުލޫމާތު ދެމުން ސަން ޓީމުގެ ހެޑް ކޯޗް އަނިލް ބުނީ، ވިކްޓަރީގެ އިސް ބޭފުޅުންނާއެކު ދެކެވުނު ވާހަކައަކަށް ބަރޯސާކޮށް، އެޓީމުގެ އިސް އޮފިސަލަކު ސަންއަށް ދީފައިވަނީ ހަގީގަތާ ހިލާފް ދޮގު ވާހަކައެއް ކަމަށެވެ. އަދި އެއްއިރެއްގައިވެސް ވިކްޓަރީގެ ޔޫތް ޓީމުގެ ހެޑް ކޯޗްކަމާ ހަވާލުވާން އެއްބަސްވެފާ ނުވާނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

"ވިކްޓަރީގެ ޔޫތް ޓީމަކާ އަހަރެން ހަވާލެއް ނުވަން. އެކަމަކު އެވާހަކައަކީ ވިކްޓރީގެ އިސް އޮފިސަލަކާ ދެކެވުނު ވާހަކައެއް. ރަސްމީ ސިފައެއްގައި ހަވާލެއް ނުވަން. އެއީ މުޅިން ދޮގު ހަބަރެއް،" ކުރިން ވިކްޓަރީއަށް ކުޅެ، ގިނަ ކާމިޔާބުތަކެއް އެކުލަބަށް ހޯދާދިނުމުގައި އިސްދައުރެއް އަދާކުރި އަނިލް ބުންޏެވެ.

ވިކްޓަރީ ޔޫތް ޓީމުގެ ހެޑްކޯޗަކަށް ހުންނަނީ ކާކުތޯ ބެލުމަށް ސަންއިން އެޓީމުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ޒަރިޔަންދުއާ ގުޅާލުމުން، ފޯނަށް ޖަވާބު ނުދެއްވާތީ އެކަމުގެ ސާފު މައުލޫމާތެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ޖުމްލަ 12 ޓީމު ވާދަކުރާ މި މުބާރާތުގައި ވިކްޓަރީ ހިމެނެނީ ގްރޫޕް ބީ ފަޅީގަ އެވެ. އަދި ވިކްޓަރީގެ އިތުރުން ބީފަޅިން ދެން ވާދަކުރާ ޓީމް ތަކަކީ ކުލަބު ވެލެންސިޔާ އާއި ނިއުރޭޑިންޓް ސްޕޯޓްސް ކުލަބުގެ އިތުރުން ބީޖީ ސްޕޯޓްސްއެވެ. މި ގުރޫޕަކީ މުބާރާތުގެ އެންމެ ވަރުގަދަ މެޗުތައް ލައްވާލި(މަރުގެ ގުރޫޕް) އެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތުގެ، ގްރޫޕް ސްޓޭޖުގައި ޓީމުތައް ވާދަކޮށް ނިމޭއިރު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމާއި، އަދި ތިން ގުރޫޕް އެއްކޮށް ތިންވަނައަށް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމާ އެކު ޖުމުލަ އަށްޓީމު ކުއާޓާ ފައިނަލުގައި ވާދަކުރާނެއެވެ.

މުބާރާތް ހުޅުވާމެޗުގައި ބުރާސްފަތި ދުވަހު ބައްދަލުކުރާނީ ގްރޫޕް އެކެއްގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޯލް ޔޫތު ލިންކޭޖް އެވެ. އަދި މި މުބާރާތުގެ ހުރިހާ މެޗުތަކެއް ވެސް ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00ގަ އެވެ. މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ވިކްޓަރީ އެވެ.