05 Jan 2013, 12:53
ކުނި ނައްތާލާ މައިރަށް، ތިލަފުއްޓަށް ކޮންމެ އަހަރަކުވެސް މުޅި ރާއްޖެއިން އެވްރެޖްކޮށް 265850 ޓަނުގެ ކުނި ގެންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޕްލޭނިން މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މާލެއިން އެކަނިވެސް 126،991 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދެވެ އެވެ. އޭގެ ތެރެއިން 55484 ޓަނުގެ ކުންޏަކީ އިންޑަސްޓްރީތަކުން އުކާލާ ކުނި ކަމަށްވާއިރު އާންމު ގޭގެއިން އުކާލާ 71507 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދެ އެވެ. ވިލިމާލެއިން 6496 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދާއިރު ހުޅުމާލެއިން 588 ޓަނުގެ ކުނި ގެންދެ އެވެ. އަދި އެއާޕޯޓް ހުންނަ ހުޅުލެއިން 7329 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދެ އެވެ. އަދި ރިސޯޓުތަކުން 124,446 ޓަނުގެ ކުނި އަހަރެއްގެ ތެރޭ ތިލަފުއްޓަށްގެންދެވެ އެވެ.
ތިލަފުށީގައި ރަނގަޅު ގޮތުގައި ކުނިނައްތާނުލެވޭ މައްސަލައަކީ ބޮޑު މައްސަލަ އެކެވެ. މާލޭ ސަރަހައްދުގެ ކުނީގެ މައްސަލަ ބޮޑުވެ މިއަހަރުވެސް ދެ ފަހަރެއްގެ މަތިން ކުނިކޮށި ވަނީ ބަންދު ކުރަންޖެހިފަ އެވެ. ކުނީގެ މައްސަލަ ހައްލުކުރުމަށް އޮތް ހައްލަކީ އިންޑިއާގެ ޓަޓްވާ ކުންފުންޏާއި އެކު މާލޭ ސިޓީ ކައުންސިލުން ހަނދާފައިވާ ކުނި ނައްތާލުމުގެ އެއްބަސްވުން ކުރިއަށް ގެންދިއުން ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް ޓަޓްވާއާ ސަރުކާރާ ދެމެދު އެ މައްސަލައިގައި މިހާތަނަށް ވަނީ އެއްބަސްވުމަކަށް ނާދެވި އެވެ. އަތޮޅުތަކުގައިވެސް ކުނީގެ މައްސަލައަކީ ބޮޑު މައްސަލަ އެކެވެ.
މީހުން ދިރިއުޅޭ 191 ރަށް އޮތްއިރު ކުނި ނައްތާލުމުގެ ނިޒާމް ގާއިމްކޮށްފައިވަނީ 114 ރަށުގަ އެވެ. ހއ އަތޮޅުގައި 14 ރަށުގައި މީހުން ދިރިއުޅޭ އިރު ކުނި ނައްތާލުމުގެ ނިޒާމް ގާއިމްކުރެވިފައިވަނީ ނުވަ ރަށެއްގަ އެވެ. ހދ އަތޮޅުގެ 16 ރަށެއްގައި މީހުން އުޅޭއިރު ކުނި ނައްތާލުމުގެ ނިޒާމު ގާއިމްކޮށްފައިވަނީ ފަސްރަށެއްގަ އެވެ. ށ އަތޮޅުގައި 14 ރަށެއްގައި މީހުން އުޅޭއިރު ކުނި ނައްތާލުމުގެ ނިޒާމް ގާއިމްކޮށްފައި ހުންނަނީ އެންމެ ހަތަރު ރަށުގަ އެވެ. ކުނި ނައްތާލުމުގެ ނިޒާމެއް ހުރީ ނ އަތޮޅުގެ ހަ ރަށެއްގަ އެވެ. ބ އަތޮޅުގެ 10 ރަށެއްގައި ކުނި ނައްތާލުމުގެ ނިޒާމް އެބަހުއްޓެވެ. މިއީ އަތޮޅުތަކުގެ ނިސްބަތުން އެންމެ ގިނައިން ކުނި ނައްތާލުމުގެ ނިޒާމް ގާއިމްކޮށްފައިވާ އަތޮޅެވެ. ދެން އެންމެ ގިނައިން ކުނި ނައްތާލުމުގެ ނިޒާމް ގާއިމްކޮށްފައި ހުރީ ތ އަތޮޅުގަ އެވެ. އެ އަތޮޅުގެ 10 ރަށެއްގައި ކުނި ނައްތާލާ ނިޒާމް ވަނީ ގާއިމްކޮށްފަ އެވެ. ނަމަވެސް އެންމެ އާބާދީ ބޮޑު އެއް ރަށްކަމަށްވާ ޏ. ފުވައްމުލަކުގައި އަދިވެސް ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމްކުރެވިފައެއްނުވެ އެވެ.
މުޅި ރާއްޖޭގައި 46194 ގޭބިސީއެއް ހުރީއިރު ކުނި އަޅަން ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކަށް ކުނި އަޅަނީ 32168 ގޭބިސީއަކުންނެވެ. މޫދު ކައިރިއަށް ގޮޑުދޮށަށް 3284 ގޭބިސީއަކުން ކުނި އުކާއިރު ބިން ހިއްކާ ސައިޓްތަކަށް 185 ގޭބިސީއަކުން ކުނި އުކަ އެވެ. އަދި ވަލުތެރެއަށާއި އެތަން މިތަނަށް 4007 ގޭބިސީއަކުން ކުނިއުކަ އެވެ. އަދި ދިރިއުޅޭ ގޯތި ތެރޭގައި 182 ގޭބިސީއަކުން ކުނި އަންދާއިރު ކުނި ވަޅުލައިގެން 4025 ގޭބިސީއަކުން ކުނި ނައްތާލަ އެވެ. ކުނިނައްތާލުމަށް ބޭނުން ކުރާ މެޝިނަކުން ކުނިނައްތާލަނީ 122 ގޭބިސީއަކުންނެވެ.