05 Jan 2013, 11:38
ސިހުރުހަދާ ކަމުގެ ތުހުމަތުގައި ހއ. އިހަވަންދޫއިން މުދިމަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއްގެ ތުހުމަތުގައި ކޯޓް އަމަރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު އިހަވަންދޫއިން 46 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެނާގެ އަތުން ސިހުރު ހެދުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތައް ވެސް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ވަނަވަރެއް ފުލުހުން ހާމަައެއް ނުކުރެ އެވެ.
އިހަވަންދޫ ކައުންސިލްގެ މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އޮންލައިނަށް މިއަދު ވިދާޅުވީ ސިހުރު ހަދާކަމުގެ ތުހުމަތުގައި މިދިތަ ބުރާސްފަތި ދުވަހު އެ ރަށަށުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީ ކޮޅު އެ ރަށަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފުވައްމުލަކު މީހެއް ކަމަށެވެ. އަދި އެ މީހާއަކީ އެ ރަށުގެ މިސްކިތެއްގައި މުދިންކަން ކުރަމުންދާ މީހެއް ކަމަށާއި
އޭނާއަކީ ސިހުރު ހަދާ މީހެއް ކަމަށް އެ ރަށު މީހުން ތުހުމަތުކުރާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
"އަޅުގަނޑަށް އަޑުއިވޭ ރަށުތެރޭގައި ވަރަށް ބޮޑަށް ދެކެވޭއަޑު އޭނާ މިރަށަށް އައިފަހުން ރަށުތެރެއިން އެކިއެކި ބިރުވެރި އެއްޗެތި ފެންނަ ވާހަކަ، އަދި އެކި އެކި ބިރުވެރިކަންތަށް ވާ ވާހަކަ ވެސް" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުވައްމުލަކު މީހާ އެ ރަށަށް އައިސްފައި ވަނީ އަންހެނުންނާއެކު، އޭނާގެ ދެ ދަރިންނަށް އެ ރަށުން ކިޔަވުމުގެ ފުރުސަތު ހޯދަން ކަމަށެވެ. އަދި ވިދާޅުވީ އެ ރަށަށް އޭނާ އައިސްފައި ވަނީ ހަނިމާދޫގައި ހުރެފައި ކަމަށާއި އޭނާއަކީ އެކިރަށްރަށުން ބަދަލުވަމުންދާ މީހެއްކަމަށް މައުލޫމާތް ލިބޭ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.