05 Jan 2013, 10:35
މިއަދު މިގައުމަށް ބޭނުންވަނީ ހަމައެކަނި ވެރިކަން ކުރުމުގެ ވިސްނުމުގެ ބަދަލުގައި އިޚުލާސްތެރިކަމާ އެކު ގައުމު ތަރައްގީކޮށްދިނުމުގެ ޝައުގުގައި ދައުލަތް ހިންގައިދޭނެ ލީޑަރުން ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ އިންތިގާލީ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ. ސިޔާމް މިހެން ވިދާޅުވީ އެމްޑީއޭ އުފެއްދުމަށް ފަހު އެ ޕާޓީގެ ފަރާތުން ބޭއްވި ފުރަތަމަ އާންމު ޖަލްސާގައި ރޭ، ނ. ވެލިދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސިޔާމްގެ ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ފެނަށް ގޮސްފައިވާ ސަބަބަކީ ދައުލަތް ހިންގުމާ ހަވާލުވާ މީހުން ހަމައެކަނި ވެރިކަންކުރަން ބޭނުންވުމެވެ. އޭނާ ވިދާޅުވީ މިއަދު ގައުމުގެ ވެރިކަމަށް އަންނަން ބޭނުންވާ މީހެއް ނަމަ އެ މީހެއްގެ ކިބައިގައި ގައުމު ތަރައްގީ ކުރުމުގެ ވިސްނުން ހުންނާން ޖެހޭ ކަމަށެވެ. އަދި ގައުމަކީ ވެރިން ކަމަށް ދެކިގެން، ޝަރަފާއި އިއްޒަތާއި ލުއިފަސޭހަ އަކީ ހަމަ އެކަނި ވެރިންގެ އެކަނި ހައްގެއް ކަމަށް ދެކިގެން ވެރިކަން ކޮށްގެން ނުވާނެ ކަމަށާއި ވެރިކަން ކުރާން ވާނީ ގައުމު ތަރައްގީ ކޮށްދިނުމަކީ ޒާތީ އުފަލެއްގެ ގޮތުގައި ދެކިގެން ކަމަށް ސިޔާމް ވިދާޅުވި އެވެ.
ސިޔާމްގެ ވާހަކަފުުޅުގައި ފާހަގަ ކުރެއްވި ގޮތުގައި ގައުމީ ތަރައްގީގެ ނަމުގައި ކުރެވޭ ގިނަ ކަންކަމުގެ ނަން ބަދަލުވެފައި ވިޔަސް އެކަންކަމުން ނުކުންނަނީ ދާދި އެއް ނަތީޖާ އެކެވެ.
"އަތޮޅުތަކުގެ ތައުލީމާއި ސިއްހީ ޚިދުމަތްތަކާއި، ދަތުރުފަތުރާއި ވިޔަފާރި އޮތީ އަޅުގަނޑުމެން ކުޑައިރު ގަނަތެޅުނު ހާލަތުގައި. އެހެންކަމުން ރާއްޖޭގެ ރަށްތައް މިހާލަތުން މިންޖުކުރެވޭނޭ ވިސްނުމާއި ތަސައްވުރު ހުރި ސިޔާސީ ޕާޓީއަކާއި، މިކަން ތަންފީޒު ކުރެވޭނޭ ލީޑަރޝިޕެއް ގައުމަށް މި ވަނީ ނުހަނު ބޭނުންވެފައި،" ސިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމަ އެކަނި ލީޑަރުންގެ ޖާހާއި މަތިވެރި ކަމަށްޓަކައި މަސައްކަތްކުރާ ސިޔާސީ ޕާޓީތައް ހުރިކަން އެއީ ވެސް ކަށަވަރުކަމެއް ކަމަށާއި ދެތިން ޕާޓީއެއްގެ އަޑު އެކަނި ރައްޔިތުންނަށް އިއްވުމަކީ އެއްބަޔަކު އެދޭ ގޮތް ކަމަށެވެ. މިކަންކަމުގެ ނަތީޖާއަކީ ރައްޔިތުންގެ މާޔޫސްކަން އިތުރުވުން ކަން ފާހަގަ ކުރައްވަމުން ސިޔާމް ވިދާޅުވީ، ނިކަމެތިކަމާއި ވޭނުގައި ހަޔާތުގެ ދަންފަޅި ހަމަކުރާ މައިން ބަފައިގެން އުންމީދަކަށް ވަނީ އެމީހުންގެ ދަރިންނަށް ރަނގަޅު ގޮތެއް ވުން ކަމަށެވެ. އެހެންނަމަވެސް އެދަރިން ވެސް ނިމިގެންދާތަން މިފެންނަނީ މައިން ބަފައިން ވެސް އުޅުނު ގަދަ ވޭނުގައި، މިނެއް އަދި އިމެއް ނެތް ނިކަމެތިކަމުގައި ކަމަށެވެ.
އެހެންކަމުން ރައްޔިތުން ވިސްނަންވީ ނުކުތާއަކީ ރައްޔިތުންގެ ނަމުގައި ބަސްކިޔަން ތިބޭ މީހުންގެ އަދަދު މަދުވި ވަރަކަށް އެ ރައްޔިތުންގެ މައްޗަށް ހިންގޭ ޚުދުމުޚުތާރު ގޮތްތައް ގިނަވާނެކަން ކަމަށް ސިޔާމް ވިދާޅުވި އެވެ. ދުނިޔޭގެ ތާރީޚުން ކަށަވަރު ކޮށްދީފައިވަނީ ރައްޔިތުންގެ އަޑު މަޑުވުމަކީ އަނިޔާވެރިކަމުގެ ކާނާ ކަމަށާއި ރައްޔިތުންގެ އަޑު މަޑުވެގެން މިއަދު ވާން ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ރައްޔިތުންގެ އަޑު އިއްވަން ހެޔޮ ނިޔަތާ އެކު އެކި ނަންނަމުގައި އެކި ސިފަސިފައިގައި ނުކުންނަން މިއަދު އެބަޖެހޭ ކަމަށާއި ފަރުދީ ފެންވަރުގައި ވެސް އެމީހެއްގެ އަޑު ގައުމަށް ޓަކައި އުފުލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ރޭގެ ޖަލްސާ އަށް އެމްޑީއޭގެ ޓީމު ވެލިދޫ އަށް ވަޑައިގަތުމުން އެމްޑީއޭ ވެލިދޫ ގޮފީގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ވެލިދޫ ބަނދަރު ސަރަހައްދުގައި އެމްޑީއޭގެ ފަރާތުން ބޭއްވި މި ޖަލްސާ އަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި އެވެ. އަދި މުޅި ބަނދަރު ސަރަހައްދު އޮތީ މި ޖަލްސާ އަށް ޓަކައި އެމްޑީއޭގެ ކުލަ ކަމަށްވާ އޮރެންޖު ކުލައިގެން ޒީނަތްތެރި ކޮށްފަ އެވެ.
ނ. އަތޮޅު ފޮއްދޫ ރަށު ކައުންސެލަރެއް ކަމަށްވާ މުހައްމަދު ވަސީމް ވަނީ ރޭގެ ޖަލްސާގައި އެމްޑީއޭ އަށް ސޮއި ކުރައްވައިފަ އެވެ.
މި ޖަލްސާގައި ސިޔާމްގެ އިތުރުން އެމްޑީއޭގެ ތިން ނައިބު ލީޑަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި އަލީ މައުރޫފު އާއި ޢާއިޝަތު ރަފިއްޔާވެސް ވާހަކަ ދެއްކެވި އެވެ. މީގެ އިތުުރުން އެމްޑީގެ އިންތިގާލީ ގައުމީ ކައުންސިލްގެ ބައެއް މެންބަރުންނާއި ވެލިދޫގެ ބައެއް ރައްޔިތުން ވެސް މި ޖަލްސާގައި ވާހަކަދެއްކި އެވެ. އަދި މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އެމްޑީއޭގެ ފަރާތުން އަތޮޅު ތެރޭގައި ހުުޅުވި ފުރަތަމަ އޮފީސް ވެލިދޫގައި ހުޅުވައިފަ އެވެ.