މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ދެ ޗެނަލް ކަމަށްވާ ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ސިޔާސީ ޕާޓީތަކަށް ވަގުތު ދޭނެ އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވެއްޖެ އެވެ.

ސަންއަށް ދެއްވި އިންޓަވިއުއެއްގައި މަނިކު ވިދާޅުވީ މިއަހަރަކީ އިންތިހާބީ އަހަރެއް ކަމުން ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން ސިޔާސީ ޕާޓިތަކަށް ހިލޭ ވަގުތު ދޭނެ އުސޫލެއް ކަނޑައެޅުމަށްޓަކައި ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ އުސޫލް ކަނޑައެޅުމުގެ ޑްރާފްޓްގެ މަސައްކަތް ނިމުމުގެ މަރުހަލާގައިވާ ކަމަށާއި ނަމަވެސް ސިޔާސީ ޕާޓީތަކަށް ވަގުތު ދެވޭނެ ތާރީހެއް އަދި ދަންނަވަން ނޭނގޭ ކަމަށް މަނިކު ވިދާޅުވި އެވެ.

"ޕާޓީތަކަށް ވަގުތު ދިނުމަށް މިހާރު ޑްރާފްޓެއް އެކުލަވާލުމުގެ ސްޓޭޖުގައި މިއުޅެނީ. މިހާރު އެނިމެނީ ގާތްގަނޑަކަށް. ވަގުތު ދެވޭނީ ކޮން ދުވަހެއްގައި ކަމެއް އަދި ދަންނަވާކަން ނޭނގޭ. އެހެންނަމަވެސް ލަހެއް ނުވާނެ. މިހާރު އެ މަސަކަތް އެނިމެނީ،" މަނިކު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމްއާ އެމްބީސީ ހަވާލުވުމަށްފަހު ވެސް ސިޔާސީ ޕާޓީތަކަށް ވަގުތު ދޭނެ އުސޫލެއް ކަނޑައަޅާފައިވެ އެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ އަހަރީ ޖަލްސާ އާއި ކޮންގްރެސަށް އެމްބީސީ ޗެނަލްތަކުން އޮންއެއާ ޓައިމްގެ ގޮތުގައި އެއް ގަޑިއިރު ދޭނެ ކަމަށް ބުނެފައިވެ އެވެ.

އެމްބީސީ ގާނޫނުގެ 38 ވަނަ މާއްދާގެ (ނ)ގައި ބުނެފައި ވަނީ ގައުމީ އިންތިހާބުތަކާއި ނުވަތަ ލޯކަލް އިންތިހާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓިތަކަށް ކެމްޕޭންގެ މުއްދަތުގައި އެކަށީގެންވާ އުސޫލަކުން ހަމަހަމަ ގޮތެއްގައި އެމްބީސީގެ ޗެނަލްތަކުން ވަގުތު ދޭންވާނެ ކަމަށެވެ.

ސިޔާސީ ޕާޓީތައް ވާދަކޮށްގެން، ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް 2008 ވަނަ އަހަރު ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުން ވަނީ ސިޔާސީ ޕާޓީތަކަށް ވަގުތު ދޫކޮށްފަ އެވެ. ރާއްޖޭގައި އެދުވަސް ވަރު، އުފެދުނު ހުރިހާ ޕާޓީތަކަށް ވަގުތު ދީގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމަށް ކިޔަނީ "ސިޔާސީ ފެންޑާ" އެވެ.