05 Jan 2013, 10:17
ސްޓެމްފޮޑް ބްރިޖް، ލަންޑަން(4 ޖެނުއަރީ) -- ނިއުކާސަލް ޔުނައިޓެޑްއަށް ކުޅޭ ސެނެގާލް އިންޓަނޭޝަނަލް ސްޓްރައިކާ ޑެމްބާބާ، 27 ތިންއަހަރާ ބައިގެ ކޮންޓްރެކްޓެއްގައި ޗެލްސީ ފުޓްބޯލް ކުލަބާ އެކު ހުކުރުދުވަހު ސޮއިކޮށްފި ކަމަށް ޗެލްސީގެ ވެބްސައިޓްގައި ހާމަ ކޮށްފި އެވެ. އެހެންނަމަވެސް އޭނާ ޗެލްސީއާގުޅުނީ ކިހާވަރެއްގެ ފީއަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ލަފާކުރެވޭ ގޮތުގައި އެފްއޭކަޕްގެ ތިންވަނަ ބުރުގައި ސައުތުހެމްޕްޓަންއާ ދެކޮޅަށް މިއަދު ޗެލްސީ ކުޅޭ މެޗަކީ ބާ ޗެލްސީ ޖާޒީގައި ކުޅޭ ފުރަތަމަ މެޗަށް ވެގެން ދިއުން ވަރަށް ގާތެވެ. އެގޮތުން ބާ ވަނީ ހުކުރުދުވަހު ޗެލްސީގެ ފްރެކްޓިސްގައިވެސް ބައިވެރި ވެފައެވެ.
ބާ ވަނީ މިސީޒަންގައި ނިއުކާސަލް އަށް 13 ލީގު ގޯލް ކާމިޔާބު ކޮށްދީފައެވެ. އެ އަދަދަކީ ނިއުކާސަލްއަށް މުޅިސީޒަންގައި ކާމިޔާބު ކުރެވިފައިވާ ހުރިހާ ލަނޑުގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ. އެހެންކަމުން ބާ ޗެލްސީއާ ގުޅުމުން އެޓީމުގެ ފޯވަޑްލައިން އަށް ދިމާވެފައިވާ ގޯލް ސްކޯ ނުކުރެވުމުގެ ދަތިކަން ފިލުވާ ލެވޭނެ ކަމަށް ބެލެވެ އެވެ.
ޗެލްސީގެ ކޯޗް ރަފާ ބެނިޓޭޒް ބުނީ ބާ ހުރިހާ ގޮތަކުންވެސް ފިޓް ކަމަށާއި އޭނާއަކީ ޕްރިމިއާ ލީގުގައި މިހާރުވެސް ކުޅެމުން އަންނަ ކުޅުންތެރިއެއްކަމަށް ވުމުން އެނާއަށް ޗެލްސީއަށް ހޭނެން އުނދަގޫ ނުވާނެ ކަމަށާއި އަދި މިހާރުވެސް އޭނާއަށް ޓީމަށް ކުޅެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އޭނަ (ބާ) ހުރިހާގޮތަކުންވެސް ހަމަ ބަރާބަރު. އެހެންވީމާ އޭނާއަށް ކުރިއަށް އޮތް މެޗުގައި ކުޅުމުގެ ފުރުސަތު އެބަ އޮތް،". ކަމަށާއި އަދި "އޭނާ އަކީ ޕްރިމިއާލީގުގައި މިހާރުވެސް ގަވައިދުން ކުޅޭ ކުޅުންތެރިއެއް. އަހަރުމެންނާއެކީވެސް ގަވައިދުން އޭނާއަށް ކުޅެވޭނެ،" ކަމަށެވެ.
ބާ އަކީ ޗެލްސީއާ ގުޅުނު ސެނެގާލްގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. ޗެލްސީއާއި ގުޅުމަށްފަހު ބާ ބުނެފައިވަނީ "މިތަނަށް އާދެވުމުން ވަރަށް ހިތްހަމަޖެހޭ. މިފަދަ ބޮޑު ޓީމަކުން ފުރުސަތު ލިބުމުން އަހަރެން ވަރަށް އުފާވެ އަދި ފަހުރުވެރިވަން،" ކަމަށެވެ.
ބާ އިތުރަށް ބުނީ ޗެލްސީއާ އޭނާ ގުޅެން ނިންމި ނިންމުމަކީ ވަރަށް ފަސޭހަ ނިންމުމެއްކަމަށެވެ. "ޔޫރަޕްގެ ޗެމްޕިއަންކަށް ހޯދާފައިވާ ޓީމަކުން ކުޅުންތެރިޔަކު ހޯދަން އުޅުމުން އެކަމާ ގޮތެއް ނިންމުމަކީ މާކަ އުނދަގޫ ކަމެއްނޫން. މިއީ ކާމިޔާބުތަކެއް ހޯދާފައިވާ ބޮޑު ޓީމެއް. އެހެންކަމުން މި ޓީމާގުޅެން ގޮތެއްނިންމުންވީ ވަރަށް ފަސޭހަ ކަމަކަށް،" ބާ ބުންޏެވެ.
ބާ ޗެލްސީއަށް ކުޅޭނީ އެޓީމުގެ 29 ނަންބަރު ޖާޒީގަ އެވެ. އޭނާއަށް މިއަދު އެފްއޭކަޕުގައި ސައުތުހެމްޕްޓާން އާދެކޮޅަށް އަދި ލީގުކަޕުގައި ސުވަންސީއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް ޔޫރޯޕާ ލީގުގައި ކުޅުމަށް ޝަރުތު ހަމައެއް ނުވާނެ އެވެ. އެއީ މިސީޒަންގައި އޭނާ ޔޫރޯޕާ ލީގުގައި ނިއުކާސަލް އަށް ކުޅެފައި ވާތީ އެވެ.
ސެނެގާލްގެ ހުނަރުވެރި ފޯވަޑު ހޯދުމަށް އާސެނަލް، ލިވަޕޫލް، ޓޮޓްންހަމް އަދި ކުއީން ޕާކް ރޭންޖާސް އިން ވަނީ ޝައުގުވެރިކަށް ފާޅުކޮށްފަ އެވެ.