05 Jan 2013, 10:12
ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ޑިއެގޯ މެރަޑޯނާގެ އަންހެން ދަރިފުޅާއެކު ޖަވާޒީ ހަޔާތެއް ފަށައިގެން އުޅުނު އާޖެންޓީނާގެ، މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯގެ ލޯބީގެ ކައިވެނި ރޫޅިއްޖެއެވެ.
އަގުއެރޯ އާއި ގިއާންނިނާގެ ކައިވެނި ރޫޅިފައިވާކަމަށް އިނގިރޭސި މީޑިއާ ތަކުގެ ފަލަ ސުރުހީތަކަށް މިއަދު އަރާފައެވެ.
އުމުރުން 25 އަހަރުގެ އަގުއެރޯ ކައިވެނި ރޫޅިޖެއްކަމަށް ބުނެ، އިނގިރޭސި މަސްހޫރު ނޫހެއް ކަމަށްވާ "ދަ ސަން" ގައި މިއަދު ބުނެފައި ވަނީ ކައިވެންޏަށް ހަތަރު އަހަރު ފަހުން މި ދެ މީހުން ވަރިވިކަން މީޑިއާއަށް ފުރަތަމަ އިނގިފައި ވަނީ އާޖެންޓީނާގެ ކުރީގެ މަސްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މަރަޑޯނާގެ ދަރިފުޅު ގިއާންނިނާގެ ފަރާތުން ނެވެ.
އަގުއެރޯގެ އަލަތު އަބި ގިއާންނިނާ ވަރިކުރިއިރު، އެދެ މީހުންނަށް ވަނީ ފިރިހެން ދަރިއަކު ވެސް ލިބިފައެވެ. އަދި އެ ދެ މީހުނަށް ލިބުނު ދަރިފުޅަށް ކިޔަނީ ބެންޖަމިން އަގުއެރޯ އެވެ.
އަގުއެރޯ އާއި ގިއާންނިނާގެ ކައިވެނި ރޫޅިފައިވާކަމުގެ ތަފްސީލް އަދި މީޑިއާގައި ހާމަވެފައި ނުވިކަމުގައި ވިޔަސް، ބައެއް ރިޕޯޓްތައް ބުނާގޮތުން އެ ދެ މީހުންގެ ކައިވެންޏަށް ހަތަރު އަހަރު ވުމުގެ ކުރިން ވެސް ދެ މީހުންގެ ދެ މެދުގައި މައްސަތައް ޖެހެމުން އަންނީ މަދެއްކޮށެއް ނޫނެވެ. އަދި އަގުއެރޯ އާއި ގިއާންނިނާގެ މައްސަލަތައް ޖެހެމުން ދިޔައިރު، އެކަން ހައްލު ކުރުމަށް މަރަޑޯނާ ވަނީ ގިނަ ގުނަ ނަސޭހަތް، ދަބިދަރި އަގުއެރޯއަށް ދީފައި ކަމަށް ރިޕޯޓްތަކުން ބުނެފައިވެއެވެ.
މެރަޑޯނާގެ އަންހެން ދަރި ގިއާންނިނާ ވަރިކުރި ވާހަކައަށް، އަގުއެރޯގެ ބަހެއް އަދި މީޑިއާއަށް ލިބިފައި ނުވާއިރު، ގިއާންނިނާ މިހާރު ދިރިއުޅެމުންދަނީ ސްޕޭންގެ މެޑްރިޑުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.