05 Jan 2013, 10:05
ސިންގަޕޫރުގެ އެންމެ ވަރުގަދަ އެއް ރިއަލްއެސްޓޭޓް ކުންފުނިކަމަށްވާ ސީޑީއެލް ހޮސްޕިޓާލިޓީ ރިއަލްއެސްޓޭޓް އިންވެސްޓްމެންޓް ޓްރަސްޓް (ސީޑީއެލް އެޗް-ރިއެޓް) އިން ރާއްޖޭގެ މަޝްހޫރު ރިޒޯޓެއް ކަމަށްވާ އަންސާނާ ވެލަވަރު 71.0 މިލިޔަން ޑޮލަރު (1.1 ބިލިއަން ރުފިޔާ)އަށް ގަނެފި އެވެ.
ސިންގަޕޫރުގެ އޮންލައިން ނޫހެއް ކަމަށްވާ އިކޮނޮމިކް ޓައިމްސްގައި ބުނެފައިވަނީ ރިސޯޓްގަތުމުގެ އެއްބަސްވުމެއްގައި ހުކުރު ދުވަހު ސޮއިކޮށްފައިވަނީ އެކުންފުނީ ސަބްސިޑައިރީ ކުންފުންޏެއް ކަމަށްވާ ސެންކްޗުއަރީ ސޭންޑްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
އަންސާނާ ވެލަވަރަކީ ބަންޔަންޓްރީ ހޯލްޑިންގްސް ލިމިޓެޑްގެ ސަބްސިޑައިރީއެއް ކަމަށްވާ މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެކުންފުނީގެ 93.43 އިންސައްތަ ހިއްސާ އޮންން ރިޒޯޓެކެވެ.
މި އެއްބަސްވުމާ އެކުއެކީ އެ ވިޔަފާރި މުޢާމަލާތުގެ ބައެއްގެ ގޮތުން މޯލްޑިވްސް ބޭއިންވަނީ ސެންކްޗުއަރީ މޯލްޑިވްސް އާއެކު ދިހަ އަހަރު ދުވަހުގެ މުއްދަތަށް އެ ރިޒޯޓް ކުއްޔަށް ހިފުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއްވެފަ އެވެ. އެގޮތުން މޯލްޑިވްސް ބޭއިން ސެންކްޗުއަރީ މޯލްޑިވްސްއަށް ކަނޑައެޅިފައިވާ ކުލީގެ އިތުރުން އެތަން ހިންގައިގެން ފައިދާގެ ގޮތުގައި ޖެހޭ ފައިސާގެ ކޮންމެވެސް އިންސައްތައެއް ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ސެންކްޗުއަރީ މޯލްޑިވްސް އަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް މީޑިޔާގައިވެ އެވެ.
އެ އެއްބަސްވުމާއި ބެހޭގޮތުން ސީޑީއެލް އެޗް-ރިއެޓްގެ މެނޭޖަރު ވިންސެންޓް ޔިއޯ ބުނެފައި ވަނީ އެކުންފުނީގެ ފުރަތަމަ ރިސޯޓް އެއްބަސްވުމާއެކު އެފަދަ ވިޔަފާރީގެ ތެރެއަށް ވަނުމަށް އިތުރު މަގުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށާއި އަދި މި އެއްބަސްވުމަކީ ބަންޔަންޓްރީ ހޯލްޑިންގްސް ފަދަ ރިސޯޓް ދާއިރާގައި މަޝްހޫރު ކުންފުނިތަކާއެކު މިފަދަ ވިޔަފާރީގެ ގުޅުންތައް ކުރިއަށް ގެންދިއުމުގެ ފެށުން ކަމަށެވެ.
ދ އަތޮޅުގައި އޮންނަ އަންސާނާ ރިސޯޓަކީ ޓޫރިސްޓުންގެ މެދުގައި "ޓާޓުލް އައިލެންޑް"ގެ ނަމުން މަޝްހޫރުވެފައިވާ ރަށެކެވެ. އެ ރަށުގައި 79 ވިލާ އާއި މޫދު ތެރޭގައި 33 ވޯޓާވިލާ ހިމެނޭ ހިތްގައިމު ރިސޯޓެކެވެ.