ނިއުދިއްލީ (ޖަނަވަރީ 5) : ދިއްލީގައި އާދަޔާ ޚިލާފަށް އިތުރުވެފައިވާ އަންހެނުންނަށް ގޯނާ ކުރުމާއި އަންހެނުން ރޭޕްކުރުމުގެ މައްސަލަތަކާގުޅިގެން އަންހެނުންކުރަމުން ގެންދާ އިހުތިޖާޖްތަކަށް އިޖާބަ ދިނުމުގެ ގޮތުން އަންހެން ފުލުހުން އިތުރުކުރަން ހަމަޖެހިފައިވާ ކަމަށް އިންޑިޔާގެ މައި ސަރުކާރުންނާއި ނިއުދިއްލީ ސްޓޭޓްގެ ލޯކަލް ސަރުކާރުން ވެސް ހާމަކޮށްފި އެވެ.

ނިއުދިއްލީ ސްޓޭޓް ސަރުކާރުންނާއި އިންޑިޔާގެ މައިސަރުކާރުގެ ދާހިލީ ވުޒާރާއިން ބުނީ ދިއްލީގައި ހަރަކާތްތެރިވާ ފުލުހުންގެ ތެރެއަށް ގިނަ އަދަދެއްގެ އަންހެނުން ވެއްދުމަށް ހަމަޖެހިފައިވާ ކަމަށާއި މިފަދަ އަންހެނުން ފުލުހުންގެ ހިދުމަތަށް ނެރޭނީ ވަރަށް ވަރުގަދައަށް ތަމްރީންދީފައި ކަމަށެވެ. ދިއްލީއަކީ މުޅި އިންޑިޔާގައިވެސް އަންހެނުންނަށް އެންމެ ނުރައްކާތެރި ސިޓީ ކަމަށްވަނީ މަޝްހޫރުވެފަ އެވެ. ދިއްލީގައި އަންހެނުންނާ ފޮށުމާއި ގޯނާ ކުރުމާއި ފޯނާއި އަތްދަބަސް ޖަހައިގަތުމާއި އަދި އަންހެނުން ރޭޕްކުރުމުގެ އަމަލުތައް ފެތުރިފައިވަނީ އިންޑިޔާ ލަދުގަންނަން ޖެހޭ މިންވަރަކަށް ކަމަށް އިންޑިޔާގެ ނޫސްތައް ބުނެ އެވެ.

ދިއްލީގައި މިނިވަންކަމާއެކު ހަރަކާތްތެރިވާ ޒުވާން ފިރިހެނުންގެ ގޭންގް ގްރޫޕްތަކަކީ ރަލާއި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ގޭންގްތަކެއް ކަމަށާއި މިފަދަ ގޭންގްތަކުން އަންހެނުންނާއި އަންހެން ކުދިން މައިގަނޑު ގޮތެއްގައި ރޭޕްކުރަނީ މަސްތުވާތަކެތި ބޭނުންކޮށް މަސްތުވެފައިވާ ހާލަތުގައިކަން ފުލުހުންގެ ރެކޯޑުތަކުން ދައްކާ ކަމަށްވެސް އިންޑިޔާގައި ދާދިފަހުން ޝާއިއުކުރި ރިޕޯޓްތައް ބުނެ އެވެ. މިފަދަ ގްރޫޕަކުން މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ދިއްލީގެ ފަސިންޖަރު ބަހެއްގައި ރޭޕްކޮށްލި އަންހެންކުއްޖާ އަށް ދީފައިވާ ބޮޑެތި އަނިޔާތަކާއި އަދި އެއަނިޔާތަކުގައި އޭނާ މަރުވެގެން ދިޔުމުން ދއްލީގައި އާންމުވެފައިވާ ރޭޕްކުރުމުގެ ޖަރީމާތައް އިންޑިޔާގެ މައިސަރުކާރުގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. މިކަން މައިސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ދިއްލީގެ އާންމުން މުޒާހަރާކޮށް އިހުތިޖާޖްތައް ކޮށްފައިވެ އެވެ.

މުޅި އިންޑިޔާގައާއި ހާއްސަކޮށް ދިއްލީގައި ހީނަރުވެފައިވާ ފުލުހުންގެ ހިދުމަތްތައް އަލުން ވަރުގަދަކުރަން ޖެހޭކަމަށް މައިސަރުކާރުގެ ދާހިލީ ވަޒީރު ސުސިލްކުމާރު ޝިންޑީ އިއްޔެ ވިދާޅުވެފައިވެ އެވެ. އޭނާ މިހާރު ގެންދަވަނީ މިމައްސަލާގައި މަޝްވަރާ ބައްދަލުވުންތަކެއް އިންޑިޔާގައި ހުރި ސްޓޭޓްތަކުގެ ފުލުހުންގެ އިސްފަރާތްތަކާއެކު ދިއްލީގައި ބާއްވަވަމުންނެވެ. އޭނާ ވިދާޅުވީ ދިއްލީގެ ފުލުހުންގެ މުއައްސާސައި ހިމެނޭ 166 ޑިޕާޓްމަންޓްތަކުގެ ތެރެއިން ކޮންމެ ޑިޕާޓްމަންތަކަށްވެސް ގިނަ އަދަދެއްގެ އަންހެނުން ވެއްދުމަށް ހަމަޖެހިފައިވާކަމަށެވެ. (ނޫސްއެޖެންސީތައް)