ވަކިއިންތިޒާމެއްގެ ދަށުން ގިނައިން ހިނގުމަކީ ސިކުނޑިއަށް ސްޓޮރޯކް ޖެހުމުގެ ފުރްސަތު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެއްކަން ކަމާބެހޭ އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ސްޕޭންގައި ދާދިފަހުން ކޮށްފައިވާ ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުގައި ސިކުނޑިއަށް ސްޓޮރޯކް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި އެންމެ މަދުވެގެން ހަފްތާއަކު 3 ގަޑީއިރު ހިނގަންޖެހެ އެވެ. އަދި މިއަށްވުރެ ގިނައިން ހިނގުމަކީ ސްޓްރޯކް ޖެހުމުގެ ފުރްސަތު އިތުރަށް ކުޑަކޮށްދޭ ކަމެއްކަންވެސް މިދިރާސާއިން ހާމަވެފައިވެ އެވެ. "ސްޓްރޯކް" ނަމަކަށްކިޔާ މިމަޖައްލާގައި ޝާއިޢުކޮށްފައިވާ މިދިރާސާ ބުނާގޮތުން ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ގިނައިން ހިނގުމަކީ ކޮންމެހެން ބޭނުންކަމެކެވެ.

ގިނައިން ހިނގުމަކީ ސިނކުޑި ރަނގަޅަށް މަސައްކަތްކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ހަނދާން ގަދަކޮށްދިނުމާއި އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑިއަށް އަންނަ ހީނަރުކަމުގެ އަސަރު ކުޑަކޮށްދޭ ކަމެއްކަންވެސް އެތަށް ހާސްބަޔަކު ބައިވެރިކޮށްގެން ދިގުމުއްދަތަކަށް ކޮށްފައިވާ މިދިރާސާ އިން ހާމަވެފައިވެ އެވެ.

ދުނިޔޭގެ އެކި އެކި މެޑިކަލް ޔުނިވަރސިޓީތަކުގައި ކުރިން ކޮށްފައިވާ އެތަށް ދިރާސާއަކުންވެސް މިހަގީގަތްތައް ހާމަވެފައިވެ އެވެ. މިގޮތުން ހިނގުމާއި އެކިބާވަތުގެ ކަސްރަތުތައް ގަވާއިދުން ކުރަމުން ގެންދިޔުމަކީ ސިކުނޑީގައިވާ ކުދިކުދި ނާރުތަކުގައި ލޭގަނޑުވުމާއި އެނާރުތައް ސިކުނޑީގެ ތެރެއަށް ފަޅައިގެންދިޔުންފަދަ ކަންކަމުން ދުރުކޮށްދޭ ކަމެއްކަން ހާމަވެފައިވާ ކަމަށް ސްޕޭންގައި ކުރި މިދިރާސާގައި އިސްކޮށް އުޅުއްވި ޚޮސޭ މާރިޔާ ހިޔުތާ ވިދާޅުވި އެވެ.

ޚޮސޭ މާރިޔާ އާއި އޭނާގެ ޓީމުން މިދިރާސާ ކުރިޔަށް ގެންގޮސްފައިވަނީ ސްޕޭންގެ ދެކުނުގެ ރަށެއްކަމަށްވާ "މަރްސިޔާ" ގައެވެ. މިދިރާސާއިން ހާމަވާގޮތުގައި ހަފްތާއަކު މަދުވެގެން 210 މިނެޓް ހިނގާ މީހުންނާއި މިވަރަށް ނުހިނގާ މީހުންގެ ތަފާތު ވަރަށްބޮޑެވެ. މިގޮތުން މިވަރަށް ހިނގާ މީހުންނަށްވުރެ މިވަރަށް ނުހިނގާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު 42 އިންސައްތައަށް ބޮޑުކަމަށް ދިރާސާ ބުނެ އެވެ. ގަވާއިދުން ކަސްރަތުކުރުމާއި ބައިސްކަލް ދުއްވުމާއި ވަރުބަލިވާ ފަދަ ކުޅިވަރުތައް ކުޅުމަކީވެސް ހިނގުމުން ލިބޭފައިދާ އެއްވަރުގެ ސިއްޙީ ފައިދާއެއް ލިބޭނެ ކަމެއް ކަން މިދިރާސާއިން ހާމަވެފައިވެ އެވެ.