05 Jan 2013, 09:17
ޔޫތް މިނިސްޓްރީގެ އިސްވެރިއަކު ހިންގާ ޖަމާއަތަކަށާއި އޭނާއާ ގުޅުން ހުރި ޖަމާއަތަކަށް 100،000ރ. އަށް ވުރެ ގިނަ ފައިސާ ޔޫތް މިނިސްޓްރީގެ ބަޖެޓުން ދީފައިވާކަން ހާމަވެއްޖެ އެވެ.
ޔޫތް މިނިސްޓްރީ އޮޑިޓް ކުރުމަށް ފަހު އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ޔޫތް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޔޫތް މިނިސްޓްރީން ކުޅިވަރު ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންގޮސްފައިވާއިރު މިނިސްޓްރީގެ އިސްފަރާތަކާ ގުޅުން ހުރި ޖަމާއަތަކަށް 125،000ރ. ދޫކޮށްފައިވަނީ ގައުމީ ކުޅިވަރު މަޖިލީހުން އެކަމަށް ފައިސާ ދޫކުރާނޭ އުސޫލެއް ކަނޑަނާޅާ ވަނިކޮށް ކަމަށެވެ. އަދި އެ ފައިސާ އެ ދެ ޖަމްއިއްޔާއަށް ދޫކުރީ އޭރު ހުންނެވި ސްޓޭޓް މިނިސްޓަރެއްގެ އެންގެވުމަށް ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފްސީލްތަކަށް ބަލާއިރު އެއް ޖަމާއަތަކަށް އެއްފަހަރާ 75000ރ. ދޫކުރީއިރު އަނެއް ޖަމާއަތަށް 50،000ރ. ދޫކޮށްފައިވެ އެވެ.
އެ މައްސަލައިގައި އޮޑިޓާ ޖެނެރަލް ލަފާދެއްވާފައިވަނީ އެ ފައިސާ ދޫކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު މާލިއްޔަތު ގާނޫނުގެ 47 އަދި 48ކާ އެއްގޮތަށް އަމަލުކުރެއްވުމަށެވެ. އަދި މުވައްޒަފުންނާއި ގުޅުން ހުރި ފަރާތްތަކަށް ތަކެއްޗާއި ފައިސާގެ އެހީ ދިނުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ލިޔެގެން އެ ކޮމިޝަންގެ ލަފާގެ ދަށުން އެކަން ކުރުމަށް ވަނީ ލަފާދެއްވައިފަ އެވެ.
ޔޫތް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓުގައި އަދި ބުނެފައިވަނީ 30 ޖޫން 2010 ގައި އުފެދުނު މިޔުޒިކް ބޭންޑަކަށް ނޮވެމްބަރު 2، 2010 ގައި 153،274ރ. ދީފައިވާ ކަމަށާއި ނަމަވެސް އެ ބޭންޑުން އެހީއަކަށް މިނިސްޓްރީގައި އެދިފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އެ ފައިސާ ދޫކުރި އެފަދަ ކަންކަމަށް ހަރަދު ކުރެވޭނެ ކޯޑަކުން ނޫންކަމަށްވެސް ވަނީ އޮޑިޓަށް ފާހަގަވެފަ އެވެ. އަދި ކުޅިވަރުގެ ގައުމީ މަޖިލީހުން ފައިސާ ދޭނެ އުސޫލެއް ކަނޑައަޅާފައި ނެތް އިރު އެ ފައިސާ ދޫކޮށްފައިވާތީ އެކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު މާލިއްޔަތު ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ވަނީ އަންގަވައިފަ އެވެ. އަދި ލަފާދީފައިވަނީ ފައިސާގެ އެހީއަށް މިޔުޒިކް ބޭންޑުން އެދިފައި ނުވަނިސް އެ ފައިސާ އެ ފަރާތައް ދީފައިވާތީ އެ މައްސަލަ އޭސީސީއަށް ހުށަހަޅައި ތަހުގީގު ކުރުމަށް ފަހު އެކަމުގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ.
އަދި އޭއެފްސީ ޗެލެންޖް ކަޕްގެ ފައިނަލް މެޗް ބެލުމަށް މިނިސްޓަރު ކުރެއްވި ދަތުރުފުޅެއްގައި މަޖިލީހުގެ މެންބަރަކު ބައިވެރިވެފައިވާ ކަމަށާއި އެ ބޭފުޅާގެ ހުރިހާ ހަރަދެއް ބެލެހެއްޓީ މިނިސްޓްރީގެ ބަޖެޓުން ކަމަށްވެސް އޮޑިޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ދަތުރުގެ ޓިކެޓާއި އެބޭފުޅާގެ އެހެނިހެންވެސް ހަރަދުތަކަށް 15000 ހެއްހާ ރުފިޔާ އަރާއިރު އެބޭފުޅާ އެ ދަތުރުގައި ބައިވެރި ކުރެއްވި ހައިސިއްޔަތެއް އެނގެން ނެތް ކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ. އެކަމުގައި އޮޑިޓާ ޖެނެރަލް ލަފާ ދެއްވާފައިވަނީ އެ ދަތުރަށް ހަރަދު ކުރި ފައިސާ އެބޭފުޅާގެ އަތުލުމަށާއި އެ ކަމުގައި ޒިންމާވާ ފަރާތްތަކާ މެދު މާލިއްޔަތު ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށެވެ.