ވާދީ ޝިޕިންގެ ފަރާތުން ދުއްވާ "ވާދީ ޕްރޮގްރެސް" ކިޔާ ބޯޓެއްގައި މަސައްކަތްކުރާ ހަ ދިވެހި ފަޅުވެރިޔަކަށް އެ ބޯޓުގައި މަސައްކަތްކުރާ އިންޑިއާގެ ފަޅުވެރިންތަކެއް ނަފްސާނީ ގޮތުން ބިރުދައްކާ އިންޒާރު ދެމުން ގެންދާތާ ތިން މަސްދުވަސް ވެފައިވާ ކަމަށް އެ ބޯޓުގެ ފަޅުވެރިންނާ އާއިލާއިން ބުނެފި އެވެ.

އެ ބޯޓުގެ ފަޅުވެރިއަކު މިރޭ ބުނީ އެ މައްސަލަ ދިމާވެގެން އުޅެނީ އެ ބޯޓުގައި މަސައްކަތްކުރާ ފަޅުވެރިންނަށް މުސާރަ ނުދޭތާ އެއްއަހަރު ވެފައިވާތީ އެކަމާއި ބިދޭސީން ހިތްހަމަ ނުޖެހިގެންނެވެ.

އޭނާ ބުނީ އެމީހުންނަށް ހީވެގެން އުޅެނީ ދިވެހިންނަށް މުސާރަ ދީފައި ބިދޭސީންނަށް މުސާރަ ނުދޭ ކަމަށް ކަމަށެވެ. އަދި މާދަމަގެ ނިޔަލަށް އެމީހުންނަށް މުސާރަ ނުދީފިނަމަ އެ ބޯޓުގެ ކެޕްޓަނަކަށް ހުރި ދިވެހި މީހާ ކަނޑު ފައްތާނެ ކަމުގެ އިންޒާރުވެސް އެމީހުން ދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ބޯޓު އޮތީ ދުބާއީގެ ބަނދަރެއްގެ ވަރަށް ބޭރުގައި ކަމުން އެއްވެސް ބަޔަކަށް ބޯޓު ތެރޭގެ ހާލަތު ނޭނގޭ ކަމަށާއި މީގެ ކުރިން އެ ބޯޓުގައި މަސައްކަތްކުރާ ބޭރުމީހުންގެ މެދުގައި ހިނގި މާރާމާރީ އެއްގައި ބިދޭސީއެއްގެ ގަޔަށް ވަޅިހަރައި ޒަޚަމް ކޮށްލާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަށްވެސް މުސާރަ ނުލިބޭތާ އެމީހުންނަށް ވީހާ ދުވަހެއް ވެއްޖެ. އެމީހުން އުޅެނީ އަޅުގަނޑުމެންނަށް ބިރުދައްކައިގެން. އެމީހުން އުޅެނީ ދަގަނޑުބުރި އާ ވަޅިވެސް ހިފައިގެން. އެމީހުން އެންމެ ފަހުން ބުނެފައި އޮތީ މާދަމާގެ ނިޔަލަށް މުސާރަ ނުދީފިއްޔާ ކެޕްޓަން ކަނޑުފައްތާނަމޭ. ބިރުން ނުވެސް ނިދާ މިތިބި. ދެން ކޮމްޕެނީން ބުނީ މި ކޮޅުގެ ކޯސްޓްގާޑާއި، ފުލުންނަށް ގުޅައިގެން އެކަން އެބަބަލަމޭ. އެކަމަކު އަދިވެސް މިތިބީ ހަމަ އެ ހާލުގައި. ފާޑަކަށް އަޅުގަނޑުމެން މިތިބީ ހައިޖެކްވެފައި،" އޭނާ ބުންޏެވެ.

އެ ބޯޓުގައި މަސައްކަތްކުރަނީ އިންޑިއާގެ އަށް މީހަކާއި، ސްރީލަންކާގެ ދެ މީހުންގެ އިތުރުން ދިވެހިންގެ ހަ މީހެކެވެ.

މިކަމާބެހޭގޮތުން ވާދީ ޝިޕިންގެ އޮފިޝަލަކު ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.