29 Sep 2010, 09:25
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ފުވައްމުލައް ސިޓީ ކައުންސިލަކަށް ހަމަޖެއްސުމަށްޓަކައި އެ ރަށު ރައްޔިތުންގެ ހިޔާލު ހުރި ގޮތެއް ބެލުމުގެ ފެންނަ ނުފެންނަ ވޯޓު ނު ނެގުމަށް ހަމަޖައްސައިފި އެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުން ރައީސް ފުއާދު ތައުފީގު ވިދާޅުވީ ފުވައްމުލަކުގައި ވޯޓު ނުނަގާ ގޮތަށް ނިންމީ ސަރުކާރުން އަންގައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ހިޔާލު ހޯދުމުގެ ވޯޓު ނަގަނީ ރައީސް އޮފީހުން އަންގާ ރަށްތަކުގައި ކަމަށާއި ފުވައްމުލަކީ އެއް ރަށެއްގެ ގޮތުގައި އޮންނަ ތަނެއް ކަމަށެވެ.
"ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތަކެއް ބައްލަވާފައި ކަމަށް އަޅުގަނޑަށް ބުރަވެވެނީ ރައީސް އޮފީހުން އެކަން އެ ގޮތަށް ނިންމީ،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ފުވައްމުލަކުގެ އިތުރުން ޅ. އަތޮޅުގައި އިދާރީ ގޮތުން އެއްކޮށްލާ ހިންނަވަރާއި ފެލިވަރު އަދި ކުރެންދު އާއި މާފިލާފުށީގައި ވެސް ވޯޓު ނުނަގާ ގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ. ފުއާދު ވިދާޅުވީ އެ ރަށްތަކުގެ ރަޖިސްޓްރީގައި ބަޔަކު ނެތް ކަމަށާއި ބެލެވެނީ އެހެންވެގެން އެ ހަތަރު ރަށުގައި ވޯޓު ނުނެގުމަށް ނިންމީ ކަމަށެވެ.
އިދާރީ ގޮތުން އެއްކޮށްލާ ރަށްރަށުގައި ފެންނަ ނުފެންނަ ވޯޓު ނެގުން އޮންނާނީ އަންނަ އޮކްޓޫބަރު 9 ގަ އެވެ.