19:00


ސިވިލް ސާވަންޓުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި، ސިވިލްސާރވަންޓް އެސޯސިއޭޝަނުން، ނައިބު ރައީސާއި ބައެއް ޕާމަނަންޓް ސެކްރެޓަރީންނާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.


ސިވިލް ސާރވަންޓް އެސޯސިއޭޝަން (އެމް.ސީ.އެސް.އޭ) އިން ބުނީ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދުގެ ރަސްމީ ގެކޮޅު ހިލާލީގޭގައި ބޭއްވި ބައްދަލުވުމުގައި ސިވިލް ސާރވަންޓުންނަށް މިވަގުތު ދިމާވެފައިވާ ދަތިތަކާ ކުރިމަތިވެފައިވާ މައްސަލަތައް އެމަނިކުފާނަށް ދަންނަވާފައިވާ ކަމަށެވެ. އަދި އެކަންތައްތައް ހައްލުކުރުމަށްޓަކައި ސަރުކާރާއި އެ އެސޯސިއޭޝަނާއި ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުންނާއި މަޝްވަރާ ކުރެއްވި ކަމަށެވެ. މީގެ އިތުރުން ވެސް ސިއްހީ ދާއިރާގެ ބައެއް ތަންތަން ހިންގުން އަމިއްލަ ފަރާތްތަކާ ހަވާލުކުރުމުން، އެ ތަންތާނގައި މިހާރު ތިބި ސިވިލް ސާރވަންޓުންނާ މެދު ކަންތައްތައް ކުރެވޭނެ ގޮތް ދުރާލާ އެނގިފައި އޮތުމުގެ މުހިންމު ކަން ފާހަގަ ކޮށްފާވާނެ ކަމަށެވެ.


 ނައިބު ރައީސްގެ ވާހަކަފުޅުގައި ސިވިލް ސާރވަންޓުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށްޓަކައި ސަރުކާރުން ކުރެވެން ހުރި ހުރިހައި ކަމަކަށް މަގުފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި އެ އެސޯސިއޭޝަންގެ ކަންކަން ހެޔޮ ގޮތުގައި ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.


މީގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމެލީގެ ޕާމަނަންޓް ސެކްރެޓަރީންނާ ވެސް، ސިވިލްސާރވަންޓް އެސޯސިއޭޝަނުން ވަނީ ބައްދަލުކޮށް، އެ ދާއިރާގައި ތިބި ސިވިލް ސާރވަންޓުންނަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.


އެ ބައްދަލުވުން ތަކުގައި އެ އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ރައީސް އަބުދުﷲ ޖިހާދާއި ހިންގާ ކޮމެޓީ އާއި އެދގްޒެކްޓިވް ކޮމެޓީގެ ބައެއް މެމްބަރުންނެވެ.