04 Jan 2013, 19:56
މާފަންނު ޓެނިސް ކޯޓު ހުންނަ ބިމުގައި މެރީ ބްރޮއުން ރެސްޓޯރަންޓް ހަދަން އަމިއްލަ ފަރާތަކަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލު ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް 1.2 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވާނެކަން ހާމަވެއްޖެ އެވެ.
ދެހާސްއަށް ވަނަ އަހަރުގެ ތެރޭގައި ޓެނިސްކޯޓުގެ ބިމުގައި ޓެނިސްއެސޯސިއޭޝަނަށް ބޭނުންވާ ހިދުމަތްތަކާ އެކު އިމާރާތެއް ފައްކާކޮށް އެތަން ހިންގުމަށް ހުޅުވާލި ބީލަން ކާމިޔާބު ކުރީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރެވެ. އެ އިމާރާތް ނިންމާ ދުނިޔޭގައި މަގުބޫލު ފާސްޓް ފުޑްޗެއިން މެރީ ބުރައުންގެ ރެސްޓޯރަންޓެއް ހުޅުވީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ޔޫތް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެ ބުނެފައިވަނީ މާފަންނު ސްޓޭޑިއަމްގައި އޮންނަ ޓެނިސްކޯޓުގެ ހުސްބިމުގައި ޓެނިސް އެސޯސިއޭޝަނަށް ގުދަނަކާއި، އޮފީހަކާއި ޖަލްސާ ކުރާ ހޯލަކަށް ޖާގަ އޮންނާނެ ގޮތަށް ދެ ބުރިއަށް ނޫނީ އެއަށް ވުރެ އުސްކޮށް އަމިއްލަ ހަރަދުގައި އިމާރާތެއް ހަނދާ ހިންގަން މިނިސްޓްރީން ފުރުސަތު ހުޅުވާލި ނަމަވެސް އެންމެ ފުރަތަމަ ހުށަހެޅުނު ބީލަންތައް ޝަރުތު ހަމަނުވާ ކަމަށް ބުނެ ބާތިލްކޮށް 16 ޖުލައި 2008 ގައި އަލުން އިއުލާން ކުރި ކަމަށެވެ. އަދި އެ އިއުލާނުގައި އެއީ ކޮން މަގުސަދެއްގައި ކޮންކަމަކަށް ކުރަން އުޅޭ ކަމެއްކަން އެނގެން ނެތް އިރު އެ އިއުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ބިޑް އިވެލުއޭޓް ކުރި ގޮތް އެނގެން ނެތް ކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ.
ޓެނިސްކޯޓުގައި އިމާރާތެއް އަޅަން ކުރިމަތިލީ ފަސް ފަރާތުގެ ތެރެއިން އެންމެ ރަނގަޅު ކަމަށް ހޮވުނު ތިން ފަރާތަކީ ގުޅުން ހުރި ފަރާތްތަކެއް ކަމަށް ފާހަނގަވެފައިވާ ކަމަށާއި އޭގެ ތެރެއިންވެސް އެންމެ ރަނގަޅު ބީލަން ހުށަހެޅި ފަރާތުން އެ ބިޑް އަނބުރާ ގެންގޮސްފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި އެ ފަރާތުން އެ ބިޑް އަނބުރާ ނެގިކަމަށް ބުނެ ފޮނުވާފައިވާ ސިޓީގައި ބަޔާން ކޮށްފައިވާ ސަބަބަކީ ބިޑް ކުރީއިރުވެސް އެނގޭނެ ސަބަބެއްކަން ފާހަގަވާއިރު އެފަރާތުން އެކަން އެގޮތަށް ކުރީ ވަކި ފަރާތަކަށް ބިޑު ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓްގައިވެ އެވެ. އަދި ބުނެފައިވަނީ އެ ފަރާތުން ބީލަން ގެންދިޔުމުންވެސް ދެ ވަނަ ފަހަރަށް އިއުލާން ކުރުމެއްނެތި ދެން އެންމެ ރަނގަޅު ބީލަމެއް ހުށަހެޅި ފަރާތައް އެތަން އެވޯޑްކޮށްފައިވާ ކަމަށެވެ.
"އަލުން ބީލަމަށް ހުށަހެޅުމަކާއި ނުލައި ދެވަނަ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަށް ޕްރޮޖެކްޓް ދީފައިވާތީ އެކަމުގައި މިނިސްޓްރީގެ އިހުމާލުވާ ކަމަށްބެލެވެ އެވެ. އަދި ބީލަން ކާމިޔާބު ކުރި ފަރާތް މިގޮތަށް ބަދަލުކުރުމުގެ ސަބަބުން ކުލީގެ ގޮތުގައި 15 އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ އާމްދަނީން 1.2 މިލިއަން ރުފިޔާ މަދުވާނެކަންވެސް ފާހަގަކުރެވުނެވެ،" ރިޕޯޓްގައިވެ އެވެ.
އެ މައްސަލައިގައި އަމަލުކުރުމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވާފައިވަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވުމަށެވެ. ރިޕޯޓްގައި ބުނެފައިވަނީ އެ ބިން އެފަރާތައް ދޫކުރުމުގައި މާލިއްޔަތު ގަވާއިދުގެ 8.46 އަދި 8.47 ގައި ހިލާފަށް ކަންތައްތަކެއް ހިންގާފައިވާކަން ބެލެވޭތީ އެ ކަންތައްތައް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. ދައުލަތުގެ ބިންތައް ކުރިއަށް އޮތްތަނުގައި ކުއްޔަށް ދޫކުރަންވާނީ މާލިއްޔަތު ގާނޫނުގެ ހަތްވަނަ މާއްދާގައިވާ ގޮތުގެ މަތިން ނެވެ. އަދި ބީލަމަށް ހުށަހަޅާ ފަރާތްތަކުގެ މެދުގައި މައްސަލައެއް ފާހަގަވެއްޖެ ނަމަ ބިޓް އިވެލުއޭޝަން ޕްރޮސެސް ކުރިއަށް ގެންދަންވާނީ އޭސީސީއަށް އެކަން ހުށަހަޅައި އެ ކޮމިޝަންގެ ލަފާގެ މަތިން ކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ.
ރިޕޯޓްގައި އެހެން މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ. އެއީ ހެންވޭރުކޮޅުގައި ހުންނަ "މުނި އުފާ ކެފޭ" ހިންގަން ބަޔަކާއި 2008 ގެ އޮގަސްޓްމަހުގެ ތެރޭގައި ހަވާލު ކުރެވުނު ނަމަވެސް އެތަން ހަވާލުކުރުމުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުން ނުދާ މައްސަލަ އެވެ. އެގޮތުން އެތަނުން ލިބޭ ފައިދާއެއް ހަރަދުކުރަން ޖެހޭނީ ދެ ފަރާތް އެއްބަސްވާ އުސޫލަކުން ކަމަށް ބުނެފައިވީ ނަމަވެސް އެތަނަށް ލިބޭ އާމްދަނީ އާއި ފައިދާގެ ހިސާބުތައް މިނިސްޓްރީއަށް މިހާތަނަށްވެސް ހުށަހަޅާފައި ނުވާ ކަމަށް އޮޑިޓަށް ވަނީ ފާހަގަވެފަ އެވެ. އަދި ކެފޭ ހިންގުމަށް ހަވާލުކުރި މުއްދަތު 2011 ގައި ހަމަވުމުންވެސް މުއްދަތު އިތުރުކޮށް ދީފައި ނުވާއިރު އެ ކެފޭ އެ ފަރާތުން ހިންގަމުން ދާ ކަމަށްވެސް ރިޕޯޓްގައިވެ އެވެ. އަދި އެ ކެފޭ ހިންގުމަށް އެތަން ބަޔަކާއި ހަވާލުކޮށްފައި ވީނަމަވެސް މުނިއުފާގެ ފެނާއި ކަރަންޓްބިލްތައް ދައްކަނީ މިނިސްޓްރީގެ ބަޖެޓް ކަމަށްވެސް ވަނީ ބުނެފަ އެވެ.
އެ މައްސަލައިގައި އޮޑިޓާ ޖެނެރަލް ލަފާއަރުއްވާފައި ވަނީ އެ ކެފޭ ހިންގަމުން ދަނީ އެއްބަސްވުމާ ހިލާފަށް ކަމަށްވާއިރު އެކަން ހުއްޓުވަން މަސައްކަތްކޮށްފައި ނުވާތީ އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު މާލިއްޔަތު ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށާއި އަދި ކެފޭ ހިންގަމުންދާ ދިއުމަކީ ކޮރަޕްޝަން މަނާކުރުމާ ހުއްޓުވުމުގެ ގާނޫނުގެ 13 ގެ (ހ)އާ ހިލާފަށް ދައުލަތަށް ލިބެންވާ މަންފާއެއް ނުލިބޭ ގޮތަށް ކުރެވެމުންދާ ކަމަކަށް ވާތީ އެކަން އޭސީސީން ބަލައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވަނީ އަންގަވައިފަ އެވެ.