ހަވާނާ (ޖަނަވަރީ 4) : ކެންސަރުގެ އާލާސްކަންފުޅަކަށް ކިޔުބާގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ވެނެޒުއެލާގެ ރައީސް ހޫގޯ ޗާވޭޒްގެ ޙާލުކޮޅު ބެއްލެވުމަށް އޭނާގެ އަރިހަށް ވެނެޒުއެލާގެ ޕާލަމެންޓްގެ ރައީސް ދިޔޫ ސްދާދޯ ކަބީލިޔޯ ވަޑައިގެންފި އެވެ.

ކަބީލިޔޯ ޗާވޭޒްގެ އަރިހުގައި ދެތިންދުވަހު މަޑުކުރައްވާނެ ކަމަށް ވެނެޒުއެލާގެ ސަރުކާރުން ބުނެ އެވެ. ޗާވޭޒްގެ އަރިހަށް ކަބީލިޔޯ ޒިޔާރަތް މިކުރެއްވީ ވެނެޒުއެލާގެ ނައިބު ރައީސްވެސް ޗާވޭޒްގެ އަރިހުގައި ދުވަސްކޮޅުކު ހުންނެވުމަށްފަހު އެނބުރި ގައުުމަށް ވަޑައިގެންނެވިތާ މާގިނަ ދުވަހެއްނުވަނީހެވެ. ދާދިފަހުން ބޭއްވި ރިޔާސީ އިންތިޚާބު ޗާވޭޒް ކާމިޔާބު ކުރެއްވުމާ ގުޅިގެން މިމަހުގެ 10 ވަނަދުވަހު ރިޔާސީ އިތުރު ދައުރަކަށް އޭނާ ރައީސް ކަމުގެ ޤާނޫނީ ހުވާކުރައްވާގޮތަށްވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން ޗާވޭޒްގެ ޙާލުކޮޅާމެދު ވެނެޒުއެލާގެ ދައުލަތާއި ރައްޔިތުން ކަންބޮޑުވެފައިވާ ކަަމަށް ކަބީލިޔޯ ވިދާޅުވި އެވެ. ކަބީލިޔޯ، ޗާވޭޒްގެ އަރިހަށް ޒިޔާރަތްކުރައްވަމުން ގެންދަވަނީ ޗާވޭޒްގެ ސިއްޙީ ޙާލުކޮޅު މިހާރުހުރި ގޮތުން މިތާރީޚުގައި އާ ދައުރަކަށް ރައީސް ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވިދާނެ ކަމާމެދު ސުވާލު އުފެދިފައިވަނިކޮށެވެ.

ޗާވޭޒްގެ ސިއްޙީ ހާލުކޮޅުގެ އަދިވެސް ނުރައްކާތެރިކަމަށް ރިޕޯޓްތައް ބުނެ އެވެ. ކިޔުބާގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ޗާވޭޒްގެ ޙާލުކޮޅު އަދިވެސް ނުރައްކަލުގެ ތެރޭގައި ވާކަމަށާއި ނަމަވެސް އޭނާއަށް ޝިފާލިބޭނެކަމުގެ އުންމީދު އެބައޮތް ކަމަށް އޭނާއަށް ފަރުވާދޭ ކިޔުބާގެ ޑޮކްޓަރުންނާ ޙަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

ޗާވޭޒް ގެ ހަށިކޮޅުގައި އުފެދިފައިވާ ކެންސަރުގެ ސެލްތައް ނެގުމަށްޓަކައި މީގެ ކުރިން ތިން އޮޕަރޭޝަނެއް ކިޔުބާގައި އޭނާ ކުރައްވާފައިވީނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު އޭނާގެ ހަށިކޮޅުން އަނެއްކާވެސް ކެންސަރުގެ ސެލްތަކެއް ފެނުމާގުޅިގެން ހަތަރުވަނަ އޮޕަރޭޝަނެއްވެސް ވަނީ ކުރެވިފަ އެވެ.

މީގެއިތުރުން ކީމޯ ތެރެޕީގެ ޑޯޒްތަކެއްވެސް ޗާވޭޒް އަންނަނީ އަނެއްކާވެސް ނަންގަވަމުންނެވެ. މިފަހަރު ކެންސަރު ސެލްތައް ފެނުނު ގުނަވަނެއް ޑޮކްޓަރުންވެސް އަދި ވެނެޒުއެލާ ސަރުކާރުންވެސް ހާމަކޮށްފައެއްނުވެ އެވެ. އެންމެ ފަހުގެ އޮޕަރޭޝަނަށްފަހު ޗާވޭޒްގެ ޙާލުކޮޅު އިތުރަށް ގޯސްވަމުން ނުދިޔަނަމަވެސް ބަލިން ޝިފާލިބިވަޑައިގެންނެވިކަން އެނގޭނީ އަދި ދުވަސްތަކެއް ފަހުން ކަމަށް ޑޮކްޓަރުން ބުނެ އެވެ. (ބީ.ބީސީ)