04 Jan 2013, 13:59
ސިންގަޕޫރު (ޖަނަވަރީ 5) : އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޮޑުބައެއް ދެން ހަރަކާތްތެރިވާނީ ޔޫރަޕްގެ ބަދަލުގައި އޭޝިޔާ ޕެސިފިކް ސަރަހައްދުގައި ކަން އެގައުމުން ހާމަކޮށްފި އެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ލިޔޮން ޕެނެޓާ ވިދާޅުވީ އެމެރިކާގެ ކަނޑުގެ ބާރުތަކުގެ ބޮޑުބައެއް ކުރިޔަށް އޮތް އަށެއްކަ އަހަރުތެރޭގައި އޭޝިޔާ އާއި އޭޝިޔާ ޕެސިފިކް ސަރަހައްދަށް ބަދަލުކުރާނެ ކަމަށާއި މިއީ ދިގު މުއްދަތުގެ ސްޓްރެޓެޖިކް އަސްކަރީ ޕްލޭނެއްގެ ދަށުން ގެންނަ ބަދަލެއް ކަމަށެވެ. އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޮޑުބައި މިހާތަނަށް ހަރަކާތްތެރިވަމުން އައީ ޔޫރަޕްގެ ވަށައިގެންވާ ކަނޑުތަކުގަ އާއި މެދުއިރުމައްޗާއި ގަލްފުގެ ސަރަހައްދު ތަކުގަ އެވެ.
ސިންގަޕޫރުގައި ބޭއްވި އޭޝިޔާގެ ސަލާމަތާބެހޭ އަހަރީ ފޯރަމްގައި ވާހަކަ ދައްކަވަމުން ޕެެނެޓާ ވިދާޅުވީ ކުރިޔަށްއޮތް މަދުއަހަރުތަކުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ 60 އިން ސައްތަ ސިފައިންނާއި މަނަވަރުތަކާއި ސަބްމެރިންތަކާއި ހަނގުރާމައިގެ ފައުޖުތައް އަދި ހަތިޔާރު ގުދަންތައް ޕެސިފިކް ކަނޑާއި އެކަނޑާ ގުޅިފައިވާ ބަނދަރުތަކުގައި ރުކުރުވާލާނެ ކަމަށެވެ.
ޕެސިފިކް ކަނޑާ ގުޅިފައިވާ އޮސްޓްރޭލިޔާގެ ބަނދަރަކާއި ފިލިޕީންސްގެ ބަނދަރެއް އެމެރިކާ މިހާރު ވެސް ގެންދަނީ އެގައުމުގެ ޢަސްކަރީ ބޭސްތަކުގެ ގޮތުގައި ތަރައްޤީ ކުރަމުންނެވެ. އަދި ވިއެޓްނާމްގެ ސްޓްރެޓީޖިކް ބަނދަރެއްވެސް އެމެރިކާގެ ކަނޑުގެ ފްލީޓްތަކަށް ބޭނުންވާ ފަންނީ އެހީ އާއި ޓެކްނިކަލް އެހީ ދެވޭ ފެންވަރަށް ތަރައްޤީ ކުރުމަށް އެތަން ހޯދުމަށް އެމެރިކާ ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ކަނޑުގެ ބާރުތައް ޔޫރަޕް ދޫކޮށް އޭޝިޔާއާއި އޭޝިޔާ ޕެސިފިކް ސަރަޙައްދަށް ބަދަލުވަނީ އިޤްތިސާދީ އަދި ޢަސްކަރީ ބޮޑުބާރެއްގެ ގޮތުގައި ފާޅުވަމުންދާ ޗައިނާ ވަށާލުމުގެ ވިސްނުމުގައި ނޫން ކަމަށް ޕެނެޓާ ވިދާޅުވި އެވެ. ޗައިނާ ވަށާލުމުގެ ބަދަލުގައި އެމެރިކާ ރާވާފައިވަނީ އިތުބާރު ހިފޭފަދަ އަސްކަރީ ގުޅުންތަކެއް ޗައިނާއާ ގާއިމް ކުރުމަށް ކަމަށްވެސް ޕެނެޓާ ވިދާޅުވި އެވެ. ސިންގަޕޫރުގައި ބޭއްވި އޭޝިޔާގެ ސަލާމަތާބެހޭ އަހަރީ ފޯރަމްގައި އެމެރިކާގެ ދިފާޢީ ވަޒީރު ތަޤްރީރު ކުރެއްވީ އެމެރިކާގެ ޢަސްކަރީ އައު ސްޓްރެޓެޖީ އޭޝިޔާގައިވާ އެމެރިކާގެ ބައިވެރިންނަށް ހާމަކޮށްދިނުމަށް ކަމަށް ޚަބަރު ލިބެ އެވެ.
ލަންޑަންގައި މަރުކަޒު ހުންނަ ސްޓްރެޓީޖިކް ދިރާސާތަކާބެހޭ ބައިނަލްއަޤްވާމީ އިންސްޓިޓިއުޓުގެ ތަޖުރިބާކާރުން ދެކޭގޮތުގައި އެމެރިކާގެ ކަނޑުގެ ބާރުތަކުގެ ބޮޑުބައި ޔޫރަޕުން އޭޝިޔާ އަށާއި އޭޝިޔާ ޕެސިފިކް ސަރަހައްދަށް ބަދަލުކުރަނީ ކުރިޔަށްއޮތް އަށެއްކަ އަހަރު ތެރޭގައި ޔޫރަޕްގެ ބަދަލުގައި ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިސާދީ އަދި ޓެކްނޮލޮޖީގެ މަރުކަޒަކަށް އޭޝިޔާ އާއި އޭޝިޔާ ޕެސިކް ސަރަޙައްދު ވެގެންދާނެތީ ކަމަށެވެ. މިސަރަހައްދުގައި ހިމެނޭ ޖަޕާނާއި ޗައިނާއަކީ އެމެރިކާ ފިޔަވައި މިހާރުވެސް ދުނިޔޭގެ އެންމެ ވަރުގަދަ ދެ އިޤްތިސާދީ ބާރެވެ. ހާއްސަކޮށް ޗައިނާއަކީ ކުރިޔަށްއޮތް ދިހަވަރަކަށް އަހަރު ތެރޭގައި އިޤްތިސާދީގޮތުން އެމެރިކާ ފަހަތައް ޖައްސާލާނެ ކަމަށް މުޙައްލިލުން ލަފާކުރާ ގައުމެވެ.
އޭޝިޔާ ސަރަޙައްދުގައިވާ އެހެން ގައުމުތައް ކަމަށްވާ ދެކުނު ކޮރެޔާ، ވިއެޓްނާމް، މެލޭޝިޔާ، އިންޑޮނީޝިޔާ ފަދަ ގައުމުތަކަކީ ވަރަށް ހަލުއި ދުވެއްޔެއްގައި އިޤްތިސާދީ ސިނާއީ އަދި ޓެކްނޮލޮޖީގެ ދާއިރާތަކުގައި ކުރިޔަށްދާ ގައުމުތައް ކަމަށްވެފައި ދުނިޔޭގެ އިޤްތިސާދުގެ މައިމަރުކަޒު، ޔޫރަޕްގެ ބަދަލުގައި އޭޝިޔާއަށް ބަދަލުވަމުން ދިޔުމާއި ޔޫރަޕް، އިޤްތިސާދީ ގޮތުން ދުވަހެއް ދުވަހަކަށް ހީނަރުވަމުން ދިޔުމަކީ އެމެރިކާގެ މިފިޔަވަޅުގެ މައިގަނޑު ސަބަބެވެ. އޭޝިޔާގައި ހިމެނޭ ސިންގަޕޫރަކީ މިހާރުވެސް ޔޫރަޕްގެ ގައުުމުތަކަށްވުރެވެސް ބައެއް ދާއިރާތަކުގައި ކުރީގައި އުޅޭ ގައުމެކެވެ. އަދި އިންޑިޔާއަކީވެސް ކުރިޔަށްއޮތް ދިހަވަރަކަށް އަހަރު ތެރޭގައި ޔޫރަޕްގެ އެެންމެ ބޮޑެތި ބާރުތައްވެސް ފަހަތައް ޖައްސާލައި އިޤްތިސާދީ ގޮތުން ކުރިއަރައިގެންދާނެ ކަަމަށް ބެލެވިފައިވާ ގައުމެކެވެ. މީގެއިތުރުން ޗައިނާއާއި އުތުރުކޮރެޔާގެ ޢަސްކަރީ ޓެކްނޮލޮޖީ ކުރިއަރައިގެން ދިޔުމަކީވެސް އޭޝިޔާ ޕެސިފިކް ސަރަހައްދަށް ފޯކަސްކުރަން އެމެރިކާއަށް މަޖްބޫރުވެގެންދާ ސަބަބެއް ކަމަށް މިފަރާތްތަކުން ދެކެއެެވެ. (ނޫސްއެޖެންސީތައް)